Roadha Mihaaru
ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފި

23 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީ ލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީ ލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ އަންގާރަ ދުވަހު ލަންކާ އަށް ފެއްޓެވި އަމިއްލަފުޅު ދަތުރުފުޅުގައި ވަނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން ދެ ބޭފުޅުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ބުންޏެވެ.

"ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައި ވެ އެވެ.

ނޮވެމްބަރު 17، 2018 ގައި ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު ވެސް ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ލަންކާ އަށެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު އެ ގައުމަށް ވަޑައިގަތެވެ.

ލަންކާ އަށް ވަޑައިގަތުމުގެ ކުރިން މިދިޔަ ހަފުތާގައި ވަނީ ރަސްމީ ދަތުރުފުޅެއްގައި ހދ. ކުޅުދުއްފުއްޓާއި ކުމުންދޫ އަދި ހަނިމާދު އަށް ޒިޔާރަތްކުރައްވައިފަ އެވެ.