Roadha Mihaaru
ބިން ހުސްކުރުން ލަސްވަނީ ކުއްޔަށް ދީފައި އޮތުމުން

މަޖިލީހުގެ ރައީސަށް ހާއްސަ ކުރި ބިން ހުސްކުރުން ލަސް ވަނީ ކުއްޔަށް ދީފައި އޮތުމުން

27 ޖުލައި 2021

ރައްޔިތުން މަޖިލީހުގެ ރައީސަށް ސަރުކާރުން ހާއްސަ ކުރާ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައިވާ ބިން ހުސްކުރުން ލަސް ވަނީ އެ ތަނުގައި ހުރި ޕާކިން ޒޯންގެ ސްލޮޓްތައް ކުއްޔަށް ދީފައި ހުރުމުން ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ބިން ހުސް ކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސަށް ސަރުކާރުން ހާއްސަ ކުރާ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައިވާ ބިން ހުސްކުރުން ލަސް ވަނީ އެ ތަނުގައި ހުރި ޕާކިން ޒޯންގެ ސްލޮޓްތައް ކުއްޔަށް ދީފައި ހުރުމުން ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ބިން ހުސް ކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އެގޮތުން ނަޝީދަށް ހާއްސަ ކުރާ ގެކޮޅު އިމާރާތް ކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގަ އެވެ.

އެ ބިމުގައި، ފައިސާ ދައްކައިގެން ވެހިކަލްތައް ޕާކް ކުރެވޭނެ ބޮޑު ޕާކިން ޒޯނެއް ހަދާފައިވާއިރު ސަރުކާރުން ވަނީ މި މަހު 15 ގެ ކުރިން އެ ބިން ހުސް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު އިމާރާތްކުރަން ސަރުކާރުން ކަނޑައެޅި ބިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު އިމާރާތްކުރަން ސަރުކާރުން ކަނޑައެޅި ބިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެ ބިމުގައި ހުރި ޕާކިން ޒޯނުތައް ދިގު މުއްދަތަކަށް މީހުންނަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ތަނުގައި މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރަން ނިންމުމާއެކު ޕާކިން އަށް ކުއްޔަށް ދީފައި އޮތް މުއްދަތު އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ދަންޑެހެލުގޭގޭ ޕާކިން ކުއްޔަށް ނަގާފައިވާ މީހުންނަށް މާލޭގެ އެހެން ސަރަހައްދަކުން ޖާގަ ހަމަޖައްސަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދެން މި ކަމަށް. އެކަމަކު ސަރުކާރަށް އެނގެން ޖެހޭނެ މިއީ ބަޔަކަށް ކުއްޔަށް ދީފަ އޮތް ތަނެއް ކަން. އެ މީހުންނަށް ވެސް ގޮތެއް ހޯދައި ދޭން ޖެހޭ. އެކަމަށް ވަގުތުކޮޅެއް ނަގަނީ. އެކަމަކު ވީހާ ވެސް އަވަހަށް އެ ބިން ހުސްކުރާނަން،" މޭޔަރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާފައި ވަނީ މެދުޒިޔާރަތް މަގުން މަޖީދިއްޔާ ސްކޫލް ކުރިމައްޗަށް ވާ ގޮތަށް، ސްކައުޓް އެސޯސިއޭޝަން (ހ. ބަންޑާރަވިލާ) ހިންގި އިމާރާތުންނެވެ.

މި ފަހުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ހަމަޖައްސައިއިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ. މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް އެ އިސްލާހުތަކުގައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. ހަމަލާ ދިނީ ވެސް ގެކޮޅުން ނުކުންނަވައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށެވެ. އެހެންވެ، ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އޭރު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.