Roadha Mihaaru
ނަޝީދުގެ ގެކޮޅާ އިންވެގެން ވަގުތީ މާރުކޭޓް ހަދަނީ

ނަޝީދުގެ ގެކޮޅާ އިންވެގެން ވަގުތީ މާރުކޭޓް ހަދަނީ

04 މެއި 2023

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް، އެ މާރުކޭޓުގެ ބައެއް ވަގުތީ ގޮތުން ހައި ކޯޓު ކުރިމައްޗަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް، އެ މާރުކޭޓުގެ ބައެއް ވަގުތީ ގޮތުން ހައި ކޯޓު ކުރިމައްޗަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ހާއްސަ ކޮށްފައިވާ މުރައިދޫގެއާ އިންވެގެން އޮންނަ ބިމެވެ. އެ މަނިކުފާނުގެ ކާރުކޮޅު އެ ގެކޮޅަށް ވައްދަނީ ހައި ކޯޓުގެ ކުރިމަތިން ޕާކިން ޒޯން ކައިރިން [ވަގުތީ މާރުކެޓް ހަދާ ބިން] ހަދާފައިވާ ގޭޓުންނެވެ.

މަޖިލިހުގެ ރައީސަށް ދައުލަތުން ވަގުތީ ގެކޮޅެއް 2021 ގެ ފަހުކޮޅު ހަމަޖައްސައި ދިނީ ނަޝީދު އަވާހަރަކޮށްލަން އެ އަހަރުގެ މޭ 6 ގައި ބަޔަކު ދިން ބޮމުގެ ހަމަލަށް ފަހު، އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތައް އާންމު ކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލޯކަލް މާރުކޭޓުގައި ކުރަމުން އަންނަ ވިޔާފަރި ވަގުތީ ގޮތުން ދެ ތަނަކަށް ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ލޯކަލް މާރުކޭޓް މިހާރު ހުންނަނީ ބޮޑުތަކުރުފާނު މަގުން މަސްމާރުކޭޓު ކުރިމަތީގަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޭޔަރު ވިދާޅުވި ގޮތުގައި، ލޯކަލް މާރުކޭޓުގެ އެއް ބައި ބަދަލުކުރަނީ ހައި ކޯޓުގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯން ނަގައި އެ ތަނަށެވެ. އަދި ބާޒާރު ސިބްކޯ ކުރިމަތީގައި އޮންނަ ޕާކިން ޒޯން ނަގައި އެ ތަނުގައި ވެސް ލޯކަލް މާރުކޭޓުގެ ބައެއް ހިންގަން ދޭން ނިންމާފައިވެ އެވެ.

"މާރުކޭޓް ދެ ބަޔަށް ބަހާލަން ޖެހެނީ އެއީ އެއް ތަނުން ނުފުދޭތީ. ކޮންމެ ގޮޅިއަކަށް ގޮޅިއެއް އަޅުގަނޑުމެން ދޭން ޖެހޭނެ ނޫންތޯ. އޭރުން ވިޔަފާރި ނުހުއްޓޭނީ،" މޭޔަރު ވިދާޅުވި އެވެ.

ހައި ކޯޓު ކުރިމައްޗަށާއި ބާޒާރު ސިބްކޯ ކުރިމައްޗަށް ލޯކަލް މާރުކޭޓު ބަދަލުކުރަން ނިންމީ، ބާޒާރު މައްޗާ ދުރު ތަނަކަށް ބަދަލުކޮށްފި ނަމަ، އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ލިބިދާނެ ކަމަށް ފެނިވަޑައިގަންނަ ވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ޕްލޭން ކޮށްފައި އޮތީ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަތަރު ފްލޯގެ ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމަށެވެ. އެއީ އެންމެ ތިރީ ފްލޯގައި މަސްމާރުކޭޓަކާއި ދެވަނަ އަދި ތިންވަނަ ފްލޯގައި ތަރުކާރީ އާއި މޭއްވާ ވިއްކާ މަރުކޭޓެކެވެ. އެންމެ މަތީ ފްލޯ ދޫކުރަނީ ރެސްޓޯރެންޓު ހިންގާށެވެ.

އެ އިމާރާތް ހަދައި ނިމުމުން މިހާރުގެ މަސްމާރުކޭޓް ބަންދުކޮށް، އެ ތަން މި އިމާރާތަށް ބަދަލުކުރާނެ އެވެ.

މޭޔަރު ވިދާޅުވީ ލޯކަލް މާރުކޭޓުގެ ޒަމާނީ އިމާރާތުގެ މަސައްކަތް ނިންމާލަން 10 މަސް ހޭދަވާނެ ކަމަށެވެ. އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.