Roadha Mihaaru

ހެދިގޮނޑުދޮށާއި ރަސްފަންނު ގިރާތީ ވެލި އަޅަނީ

މާލޭގެ ހެދިގޮނޑުދޮށާއި ރަސްފަންނު ސަރަހައްދު، މޫސުމަށް އަންނަ ބަދަލުތަކާއެކު، ވަރަށް ބޮޑަށް ގިރަމުންދާތީ، އެ ދެ ތަން ހިމާޔަތްކުރަން މާލޭ ސިޓީ ކައުންސިލުން ވެލި އަޅަން ފަށައިފި އެވެ.

ހެދިގޮނޑުދޮށާއި ރަސްފަންނު ގިރާތީ ވެލި އަޅަނީ
މަރިޔަމް ޝަހުދާ
މަރިޔަމް ޝަހުދާ

27 ޖުލައި 2021

މާލޭގެ ހެދިގޮނޑުދޮށާއި ރަސްފަންނު ސަރަހައްދު، މޫސުމަށް އަންނަ ބަދަލުތަކާއެކު، ވަރަށް ބޮޑަށް ގިރަމުންދާތީ، އެ ދެ ތަން ހިމާޔަތްކުރަން މާލޭ ސިޓީ ކައުންސިލުން ވެލި އަޅަން ފަށައިފި އެވެ.

ކައުންސިލުން މިއަދު ބުނީ، ހެންވޭރު އާޓިފިޝަލް ބީޗާއި މާފަންނު ރަސްފަންނު ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ފެށީ، މޫސުމީ ބަދަލާއެކު، އެ ދެ ސަރަހައްދު ވަރަށް ބޮޑަށް ގިރާފައިވާކަން ފާހަގަ ކުރެވިފައި ވާތީ ކަމަށެވެ. މިއީ ކޮންމެ އަހަރަކު ވަކި ދުވަސްވަރެއްގައި ކުރުމަތިވާ ކަމަކަށް ވިޔަސް، މި ފަހަރު ވަރަށް ބޮޑަށް ގިރާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ ފަރާތުން ވަނީ އުސްފަސްގަނޑު ސަރަހައްދަށް ވެސް ވެލި އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ސަރަހަށްދަށް ވެލި އަޅަނީ އެ ތަނުގައި ހެދިފައިވާ އަޑިގުޑަންތައް ފިލުވުމަށެވެ.

އުސްފަސްގަނޑު ސަރަހައްދަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށާއި ގުޑިއެރުވުން ފަދަ މުނިފޫހިފިލުވުމުގެ ކަންކަމަށް ބޭނުންކުރާ ތަނަކަށް ވާތީ އަޑިގުޑަންތަކުން ލިބޭ އުނދަގޫތަކަށް ހައްލެއް ހޯދުމަކީ ވެލިއެޅުމުގެ ބޭނުމެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ތިން ސަރަހައްދަށް ގާތްގަނޑަކަށް 400 ޓަނުގެ ވެލި އަޅަން ޖެހޭ ކަމަށް ލަފާ ކުރެވޭއިރު އެ މަސައްކަތަށް ހަތަރު ވަރަކަށް ދުވަސް ހޭދަވާނެ އެވެ.