Roadha Mihaaru

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވުމުން ބަންދުކޮށްފި

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ކައިރީގައި ކިސަޑު ޖަމާވެފައިވާތީ އެ ސަރަހައްދު ބަންދުކޮށްފި އެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 ފެބުރުއަރީ 2025

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ކައިރީގައި ކިސަޑު ޖަމާވެފައިވާތީ އެ ސަރަހައްދު ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނުގެ މޫދަށް އެެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ހިސާބެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށެވެ.

އެހެންވެ، ކިސަޑުތައް ނަގައި ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު 9:00 ގައި ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ މަސައްކަތް ފެށިގެން ކުރިއަށް ގެންދާ މުއްދަތުގައި މަސައްކަތް ނިމެންދެން އެތަން އާންމުންނަށް ބަންދުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެކަމަށް ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް ނުބުނެ އެވެެ.

ރަސްފަންނުގެ މޫދަކީ ކަސްރަތު ކުރާ މީހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކްލާސްތައް ބާއްވާ ތަނެކެވެ. އާއިލާތަކުން ވެސް މި ސަރަހައްދަށް މޫދަށް ގޮސް ހަދަ އެވެ.