Roadha Mihaaru
ނަޝީދަށް ޗައިނާގެ ސަރުކާރުން ރައްދު ދީފި!

ޗައިނާގެ އިސްތިގްގާލަށް ނުރައްކާވާ ކަމަކަށް ތާއީދު ކުރެއްވުމުން ނަޝީދަށް ރައްދު ދީފި

28 ޖުލައި 2021

އިނގިރޭސި މަނަވަރުތައް ސައުތު ޗައިނާ ކަނޑަށް ވަނުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެ މަނިކުފާނަށް ރައްދު ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިނގިރޭސި މަނަވަރުތައް ސައުތު ޗައިނާ ކަނޑަށް ވަނުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެ މަނިކުފާނަށް ރައްދު ދީފި އެވެ.

އެޗްއެމްއެސް ކުއީން އެލިޒަބަތު ނަމަކަށް ކިޔާ އެއާ ކްރާފްޓް ކެރިއަރަކާއި އެ ކެރިއަރާއެކު ދަތުރުކުރާ ސްޓްރައިކް ގްރޫޕްގެ މަނަވަރުތައް ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި، މި ހަފުތާގައި ވަނީ ޗައިނާ އިން މިލްކުވެރިކަމަށް ދައުވާކުރާ ސައުތު ޗައިނާ ކަނޑަށް ވަދެފަ އެވެ. އެ ކެރިއަރާއެކު އިނގިރޭސި ރޯޔަލް ނޭވީގެ ހަ މަނަވަރަކާއި ސަބްމެރިންއަކާއި އެމެރިކާގެ މަނަވަރަކާއި ނެދަލޭންޑްސްގެ މަނަވަރެއް ދަތުރު ކުރެ އެވެ.

މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުތު ޗައިނާ ކަނޑުގައި އޮންނަ ސްޕްރަޓްލީ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ދަތުރުފަތުރުކުރުމުގެ ހައްގު ހިމާޔަތް ކުރުމަށް އެ ކަނޑަށް އިނގިރޭސި މަނަވަރުތައް ވަނުމަކީ މިނިވަން ދުވަހު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ.

ސައުތު ޗައިނާ ކަނޑަށް އެ މަނަވަރުތައް ވަނީ އެހެން ގައުމުތަކުގެ އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހައްގު ކަށަވަރު ކުރަން "ފްރީޑޮމް އޮފް ނެވިގޭޝަން" އޮޕަރޭޝަނެއްގަ އެވެ.

މިނިވަން ދުވަހު ނަޝީދު ކުރެއްވި ޓްވީޓް

ނަޝީދުގެ ޓްވީޓަށް ރައްދު ދީ، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ، ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަަހައްދާއި އެ ކަނޑުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ދަތުރުކުރުމުގެ ހައްގަށް އެ ގައުމުން އިހުތިރާމް ކުރާ ކަމަށެވެ.

ނަމަވެސް، އަސްކަރީ ބާރު ދައްކައި ޗައިނާ އަށް ބިރު ދައްކަން އުޅުމަކީ އެ ގައުމުގެ އިސްތިގްލާލާއި ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި އެއީ ސަރަހައްދީ ހަމަޖެހުން ގެއްލޭނެ ކަމެއް ކަމަށް އެމްބަސީގެ ޓްވީޓުގައި ބުންޏެވެ. އެހެންކަމުން އެއީ އެ ގައުމުން ދެކޮޅު ކަމެއް ކަމަށް ބުންޏެވެ.

ޗައިނާ އިން ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސާފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވާތީ ވެސް ރާއްޖޭގައި ކުރިން ހުންނެވި ސަފީރު ޖަންގް ލީޖޮންއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. ޖަންގް ލީޖޮން އަށް ފަހު، ޗައިނާ އިން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅާފައި ނުވާއިރު މި ފަހަރު ނަޝީދަށް ރައްދު ދީފައި ވަނީ ޗައިނާގެ އެމްބަސީގެ ޓުވިޓާ އެކައުންޓުންނެވެ.

ޗައިނާ އެމްބަސީގެ ޓްވީޓް.

ސައުތު ޗައިނާ ކަނޑަކީ އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކަކުން އެ ސަރަހައްދެއްގެ މިލްކުވެރިކަމަށް ދައުވާ ކުރާ ސަރަހައްދެކެވެ. ޗައިނާގެ އިތުރުން ފިލިޕީންސް، ޓައިވާން، މެލޭޝިއާ، ވިއެޓްނާމް، އަދި ބުރުނާއިއިން ސައުތު ޗައިނާ ކަނޑުގެ އެކި ސަރަހައްދުތަކަށް ދައުވާ ކުރެ އެވެ.

ސްޕްރެޓްލީ އައިލެންޑްސްއަކީ ވެސް މި ގައުމުތަކުން މިލްކުވެރިކަމަށް ދައުވާ ކުރާ ރަށްތަކެކެވެ. އެ ރަށްތައް ހިމެނޭ ސަރަހައްދަކީ ގޭހާއި ތެޔޮ ރިޒާވްތަކުން މުއްސަނދި އަދި މަސްވެރިކަމަށް ވެސް ތިޔާގި ސަރަހައްދުތަކެއް ކަމަށް ވެ އެވެ.

އެ ސަރަހައްދުގައި އެންމެ ބާރު ގަދަ ޗައިނާ އިން ވަނީ އެ ގައުމުގެ ނުފޫޒު އިތުރަށް ގަދަކުރުމަށް ރަށްތައް ހިއްކައި އެ ތަންތަނުގައި އަސްކަރީ ބޭސްތައް ވެސް އަޅައިފަ އެވެ.