Roadha Mihaaru

ސަރުކާރަށް ތާއީދު ނުކުރާކަން މީޑިއާގެ ކުރިމަތީގައި ނަޝީދު ވިދާޅުވާންޖެހޭ: ޝުޖާއު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވަން ޖެހޭނީ މީޑިއާގެ ކުރިމަތީގައި ކަމަށާއި އެއީ އިދިކޮޅު ޕީޕީއެމްގެ ޝަރުތެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

ތާއީދު ނެތްކަން ނަޝީދު ހާމަކުރަންވީ މީޑިއާ ކުރިމަތީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވަން ޖެހޭނީ މީޑިއާގެ ކުރިމަތީގައި ކަމަށާއި އެއީ އިދިކޮޅު ޕީޕީއެމްގެ ޝަރުތެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމުތައް އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި އޭނާ އެހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން ކުރެއްވި ތާއީދު އަނބުރާ ގެންނަވާފައިވާ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތާއީދު ހޯދުމަށް ވާހަކަފުޅު ދައްކަވަން ފައްޓަވައިފަ އެވެ. އަދި އެމްޑީޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ބާރު އަޅައި ވެސް ނަޝީދު ވަނީ އެކި ފަހަރުމަތިން ވާހަކަފުޅު ދައްކަވައިފަ އެވެ. އެކަމަކު، ނަޝީދުގެ އެ ދައުވަތުތަކާއި ވާހަކަފުޅުތަކަށް އިދިކޮޅު ކޯލިޝަނުން ދެމުން އަންނަނީ ބީރު ކަންފެތެކެވެ.

ރޭގެ ހަފުލާގައި ވެސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ، ނަޝީދު ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމަކީ އެއީ. އެހެން ނަމަވެސް އެ މަނިކުފާނާ އެކީގައި ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނެތް،" މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމް ތަމްސީލު ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޕީޕީއެމްގެ މެމްބަރުން ތިބީ އެ ޕާޓީ ފަސާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ދޭ ގޮތަކަށް ނޫނެވެ.

ރޭގެ ހަފުލާގައި ވެސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ، ނަޝީދު ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށެވެ.

މި ވެރިކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ޖޯކު ޖައްސަވަމުން ޝުޖާއު ވިދާޅުވީ، އެ މަނިކުފާނު އުޅުއްވަނީ ރައްޓެހި ވެގެން އުޅޭ އަންހެންކުއްޖާ ރުޅި އައުމުން ކަން ކުރާ އުސޫލުން ކަމަށެވެ.

"ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ ސިފައިން ސިފަ ކުރަނީ. ދެން މިރޭ ދިޔައީމާ އޭނާ އެހާ ހިތްހަމައެއް ނުޖެހުނޭ، ވަރަށް ފާޑަކަށޭ އޭނާ ހުރީ. ދެން އަހަރެން މިރޭ ވަރަށް ހިތްހަމަނުޖެހެއޭ އޭނާ ވާހަކަ ދައްކާ ގޮތުން،" ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއީދު ނުކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު އުޅުއްވާ ފާޑަށް މަލާމާތް ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ޕީޕީއެމް ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ، ޔާމީންގެ ޒައާމަތަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ފުރުސަތު ދިން ވެރިކަމެއް ނޫންކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ.

"އެ މަނިކުފާނުގެ ޒައާމަތުގައި މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި މާތް ވެގެންވާ އިސްލާމްދީނަށް އައި ހުރިހާ ހުރަސްތަކަކާއި އައި ހުރިހާ ގޮންޖެހުންތަކަކާ ފާޅުގައި ކުރިމަތިލައިގެން މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ފިސާރި ރަނގަޅަށް ކޮށްފައި ވުމަކީ މިއަދު އެ މަނިކުފާނު މި ވެރިކަމުގެ އަނިޔާވެރިކަމުގައި ތާށިވެފައި އޮންނަން ޖެހޭ ޖެހުން ކަމުގައި ދިވެހި ހުރިހާ ރައްޔިތުން އެބަ ގަބޫލުކުރޭ،" މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެ ކޯލިޝަންގެ ލީޑަޝިޕް ފިޔަވައި ދެން ހުރިހާ ޕާޓީތަކަކުން ވެސް ތާއީދު ކުރަނީ ރާއްޖެ "ވިއްކައިލަން" ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުން ވިސްނަންވީ ކަމަކީ. އެއީ ދިވެހި ރައްޔިތުންނާ މިއަދު ކުރިމަތިވެފައި އޮތް އިމްތިހާނަކީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ރޭ ވެސް ވިދާޅުވީ، 2023 ގައި "ޔާމީން ވެރިކަމަށް ގެނެސްފައި ނޫނީ" ޕީޕިއެމްގެ މަސައްކަތްތައް ނުނިންމާނެ ކަމަށެވެ.