Roadha Mihaaru
މިއީ އެންމެ ބޮޑު އަންހެން އަނގަ

މިއީ އެންމެ ބޮޑު އަންހެން އަނގަ

31 ޖުލައި 2021

އެންމެ ބޮޑު އަންހެން އަނގައިގެ ރެކޯޑް އެމެރިކާގެ އަންހެނަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު އަންހެން އަނގައިގެ ރެކޯޑް އެމެރިކާގެ އަންހެނަކަށް ލިބިއްޖެ އެވެ.

ކަނެކްޓިކަޓަށް ނިސްބަތްވާ ސަމަންތާ ރަމްސްޑެލް، 31، ގެ އަނގަ އެއްކޮށް ހުޅުވައިލުމުން ދެ ދަތްޕިލަ ދޭތެރޭ 6.52 ސެންޓި މީޓަރު ހުރެ އެވެ.

ސަމަންތާގެ ބޮޑު އަނގަޔަށް ސަމާލުކަން ލިބެން ފެށީ ޓިކްޓޮކްގައި އޭނާ އާންމުކުރަން ފެށި ވީޑިއޯތަކުންނެވެ. އޭނާގެ އަނގަ އެއްކޮށް ހުޅުވައިލާ މަންޒަރު ފެންނަ ޓިކްޓޮކް ވީޑިއޯތަކުން އަނގަ އާދަޔާހިލާފަށް ބޮޑުކަމަށް ގިނަ ބަޔަކު ފާހަގަކުރަން ފެށުމުން އެއީ ރެކޯޑަކަށް ވެދާނެތޯ ބެލުމުގެ މަސައްކަތް ފެށީ އެވެ.

"އަހަރެންގެ އަނގަ ރެކޯޑަކަށް ވެދާނެ ކަމަށް ވަރަށް ގިނަ ފޮލޯވަރުން ތަކުރާރުކޮށް ބުނާތީ އެކަމާ އުޅެން ފެށުނީ،" ސަމަންތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަނގަ ރެކޯޑަކަޑް ވެދާނެތޯ ބެލުމަށް ގިނިސް ވޯލްޑް ރެކޯޑަށް ހުށަހެޅި އެވެ. އަދި އޭނާ އަށް އެތަނުން މިހާރު ވަނީ އެންމެ ބޮޑު އަންހެން އަނގައިގެ ރެކޯޑް ވެސް ހަވާލުކޮށްފަ އެވެ.

"މިއީ ޓިކްޓޮކް ފޭނުން ދިން ހިތްވަރަކުން ލިބުނު ކާމިޔާބިއެއް. އެހެންވެ އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ސަމަންތާ ބުންޏެވެ. "އުމުރުން އެއްތިރީސް އަހަރުގައި ކޮންމެ ވެސް ހައިސިއްޔަތަކުން އަހަރެންގެ ނަން ރެކޯޑަށް ފޮތަށް އެރުމަކީ ވަރަށް ބޮޑު އުފަލެއް."

ސަމަންތާ ބުނި ގޮތުގައި އޭނާ އަނގަ ބޮޑު ކަމަށް އަމިއްލަ ވެސް ފާހަގަކުރެވޭތީ މިހާތަނަށް ބެލީ "އަނގަ ކުޑަކޮށްގެން" އުޅެވޭތޯ އެވެ. އެކަމަކު މިހާރު އަނގައިގެ ސަބަބުން ރެކޯޑެއް ލިބިފައިވާތީ "އަނގަ ކުޑަކޮށްގެން އުޅެން ޖެހޭ ސަބަބެއް ނެތް" ކަމަށް ބުންޏެވެ.

މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު އަނގައިގެ ރެކޯޑް އޮތީ އަނގަ އެއްކޮށް ހުޅުވައިލުމުން 9.52 ސެންޓިމީޓަރު ހުންނަ އެމެރިކާގެ ފުރާވަރުގެ ފިރިހެން ކުއްޖަކަށެވެ. އެއީ ޕެންސިލްވީނިއާގައި ދިރިއުޅޭ ފިލިޕް އަންގަސް، 14، އެވެ.

އެ ރެކޯޑް އޭނާ އަށް ލިބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.