Roadha Mihaaru
ބަންސާލީގެ ހަތަރު ވަނަ ފިލްމެއް ރަންވީރަށް ކަށަވަރު

ބަންސާލީގެ ހަތަރު ވަނަ ފިލްމެއް ރަންވީރަށް ކަށަވަރު

05 އޯގަސްޓް 2021

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ބަތަލު ރަންވީރު ސިންގް، ބަންސާލީގެ "ބައިޖީ ބަވްރާ" އަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ބަތަލު ރަންވީރު ސިންގް، ބަންސާލީގެ "ބައިޖީ ބަވްރާ" އަށް ސޮއިކޮށްފި އެވެ.

މިއީ މިހާރު ކަށަވަރު ޚަބަރެއް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފައި މި ވަނީ އެ ފިލްމު ރަންބީރް ކަޕޫރަށް ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވުމުން، ކާތިކް އާރިޔަނަށް ފިލްމު ދީފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ހަންގާމާ އިން ބުނި ގޮތުގައި "ބައިޖޫ ބަރްވާ" އަށް ރަންވީރު ސޮއިކޮށްފައިވާތީ ވަރަށް އަވަހަށް ފިލްމުގެ އިތުރު ކާސްޓުންނާ އެކު ރަސްމީކޮށް އިއުލާންކުރާނެ އެވެ. މި ފިލްމު ހަދާކަން ބަންސާލީ އިއުލާންކުރީ މިދިޔަ އަހަރު އެވެ. އޭރު ނިންމާފައި އޮތީ މި އަހަރުގެ ނޮވެމްބަރުގައި ދިވާލީއާ ދިމާކޮށް ރިލީޒްކުރާށެވެ. ނަމަވެސް ކޮވިޑް-19 ހެދި ފިލްމީ މަސައްކަތްތަކަށް އެރި ބުރުލާ އެކު، ބަންސާލީ އަށް މި ފަހުން މުޅިން ވެސް އުޅެން ޖެހުނީ އާލިއާ ބަޓާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ "ގަންގޫބާއީ ކަތިއަވާޅީ" ގެ މަސައްކަތުގަ އެވެ.

ޖޫން މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި ފިލްމަށް އަދިވެސް ރިލީޒްކުރާނެ ތާރީހެއް ނެތެވެ.

"ބައިޖޫ ބަވްރާ" އަށް ރަންވީރު ސޮއިކޮށްފައި މި ވަނީ އެ ފިލްމު އިއުލާންކުރި ދުވަސްވަރު ވެސް ފިލްމުގެ ބަތަލަކަށްވާނީ އޭނާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ބަތަލާއިންނަށް ބަންސާލީ ބޭނުން ވަނީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާއި އާލިއާ އެވެ.

ދީޕިކާ އަކީ ބަންސާލީގެ އެންމެ ފަހުގެ ތިން ފިލްމުގެ ވެސް ބަތަލާ އެވެ. އެއީ 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.

ބަންސާލީ ހަދަން ނިންމާފައިވާ "ބައިޖޫ ބަވްރާ" އަކީ 1952 ގައި ގެނެސްދިން ކާމިޔާބު މިއުޒިކަލް ރޮމޭންޓިކް ޑްރާމާގެ އާ ވާޝަނެކެވެ. ކުރީގެ ފިލްމު ޑައިރެކްޓްކުރީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓްގެ ކާފަ ވިޖޭ ބަޓް އެވެ. "ބައިޖޫ ބަވްރާ" ގެ މައިގަނޑު ތަރިންނަކީ މީނާ ކުމާރީ އާއި ބާރަތު ބުޝަންގެ އިތުރުން ކުލްދީޕް ކޯރް އެވެ.