Roadha Mihaaru

ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވާ "މޮނިކޮން ޓެގު" ހުސްވެއްޖެ

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލަން ފައިގައި އެޅުވުމަށް ބޭނުންކުރާ "މޮނިކޮން ޓެގު" ގެ ސްޓޮކް ހުސްވެފައިވާ ކަމަށް، ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ބުނެފައިވާ ކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން މިރޭ ބުނެފި އެވެ.

"މޮނިކޮން ޓެގު" ހުސްވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

05 އޯގަސްޓް 2021

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލަން ފައިގައި އެޅުވުމަށް ބޭނުންކުރާ "މޮނިކޮން ޓެގު" ގެ ސްޓޮކް ހުސްވެފައިވާ ކަމަށް، ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ބުނެފައިވާ ކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން މިރޭ ބުނެފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން "މެއި ހައެއް" ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން، ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ފައިގައި އަޅުވަން ބޭނުންކުރާ "މޮނިކޮން ޓެގު" ސްޓޮކް ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައުލޫމާތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ޔަގީންކޮށްދެއްވި ކަމަށް އަފީފު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކަންކަން ކުރަމުންދާ ގޮތް ބެލުމަށްޓަކައި އެމްޑީޕީން އުފައްދާފައިވާ "މެއި ހައެއް" ކޮމިޓީން މިއަދު ވަނީ ފުލުހުންނާ ބައްދަލުކޮށްފަ އެވެ.

"އެކަމަކު ވެސް މޮނިކޮން އަމުރު ނެރެފާއިވާ ފަރާތްތައް މޮނީޓާ ކުރާ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުނި،" އަފީފު ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މި "މޮނިކޮން ޓެގު" އަޅުވަ އެވެ.

އެއް އަހަރުގެ މުއްދަތަށް ނެރޭ މޮނިކޮން އަމުރަކާ ހިލާފުވުމުގެ އަދަބަކީ 18 މަސް ދުވަހަށް ޖަލަށް ލުމެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވެ އެވެ. މި ހަމަލާއާ ސީދާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.