Roadha Mihaaru
މެމްބަރު ރިޒާއަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި

މެމްބަރު ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި

06 އޯގަސްޓް 2021

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އިއްޔެ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އިއްޔެ ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ރިސޯޓު ހެދުމަށް މަކަރާއި ހީލަތުން ބިދޭސީން ރާއްޖެ އެތެރެކޮށް އަދި ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން އެހެން ރަށްތަކުން ހޯދައި ރިޒާގެ ރިޒް ކުންފުނީގެ ބެލުމުގެ ދަށުން އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން، ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ރިޒާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ރިޒާ އެ މީހުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެން ފީ އާއި ފައިސާ ނުދައްކައި އެ މީހުންގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގައި ށ. މިލަންދޫ، ހެޕީލޭންޑު، ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވެ އެވެ. އޭގެ އިތުރުން، ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވެ އެވެ.

މި ދައުވާތައް އަލީ ރިޒާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެއީ އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ފަދަ އަދަބެކެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން އެހެން ކުންފުންޏެއްގެ އަތުން މަސައްކަތް ނަގައިގެން އުޅުނު ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައި 1 ގަ އެވެ. އެ މައްސަލައިގައި ރިޒްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު ތިނެއްގައި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. ހަމަ އެ މަހުގެ 16 ވަނަ ދުވަހު އެ މައްސަލަ ބަލައިގެންފައި ވެ އެވެ.

ނަމަވެސް ދައުވާ ކުރުން ލަސްވީ، އެ މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރުމަށް ކަމަށް ޕީޖީ އޮފީހުން ޝަފީއު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.