Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

08 އޯގަސްޓް 2021

މިދިޔަ އަހަރު އިއުލާންކުރި ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޝޫޓިން އަށް އޭނާ ހުކުރު ދުވަހު ނޯވޭ އަށް ފުރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އިއުލާންކުރި ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޝޫޓިން އަށް އޭނާ ހުކުރު ދުވަހު ނޯވޭ އަށް ފުރައިފި އެވެ.

ބައެއް މީޑިއާތަކުން ވަނީ ރާނީ ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަައް ވެސް އާންމުކޮށްފަ އެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ބޭރު ގައުމެއްގައި ދަރިޔަކަށް އިންސާފު ހޯދައިދޭން މަޔަކު ކުރާ ހިތްވަރުގަދަ މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.

މިއީ ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓިން ޕްރޮޑިއުސްކޮށް، އަޝިމާ ޗިބާރް ޑައިރެކްޓްކުރާ ފިލްމެކެވެ. މީޑިއާތަކުން ބުނީ ނޯވޭގައި މަސް ދުވަހު ރާނީ ޝޫޓްކުރާނެ ކަމަށެވެ. އާޝިމާ އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2013 ގައި ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" ގެ ޑައިރެކްޓަރެވެ.

ދެހާސް ނަވާރައިގައި "މަރުދާނީ 2" އިން ފެނިގެން ދިޔަ ރާނީގެ ކުރިއަށް އޮތް ފިލްމަކީ ކޮވިޑް-19އާ ހެދި ރިލީޒްކުރުން ފަސްކޮށްފައި އޮތް ވައިއާރްއެފްގެ "ބަންޓީ އޯރް ބަލްބީ 2" އެވެ.

"ބެލް ބޮޓަމް" ގެ ފުރަތަމަ ލަވަ އަކީ "މަރްޖާވާ"

މި މަހުގެ 19 ގައި ސިނަމާތަކުގައި އަޅުވާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވައަކަށް "މަރްޖާވާ" ދައްކާލައިފި އެވެ.

އަކްޝޭ އާއި ވާނީ ކަޕޫރްގެ ލޯބި ފެނިގެންދާ މި ލަވަ އަކީ ގުރުނަޒާރު މިއުޒިކް ހަދައި، ޅެން ލިޔެ އަދި ކިޔާފައިވާ ލަވައެކެވެ. "މަރުޖާވާ" ގެ އަންހެން އަޑަކީ އަސީސް ކޯރް އެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ "ބެލް ބޮޓަމް" އަކީ އަކްޝޭ އާއި ވާނީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެ ކާސްޓްގައި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

ނިކިލްގެ އެންމޭ އެންޓަޓައިންމަންޓާއި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ހަދާފައިވާ "ބެލް ބޮޓަމް" އަކީ ސްޕައި ތުރިލާއެކެވެ.

ކާތިކްގެ ހިތާ "ފްރެޑީ" ވަރަށް ގާތް

މަސައްކަތް ފެށުމުގެ ކުރިން ވެސް "ފްރެޑީ" އަކީ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށް ބުނެ އޭގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އެކްޓަރު ކާތިކް އާރިޔަން އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.

މި މަހުގެ 1 ގައި ޝޫޓިން ފެށި މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޝަޝަންކާ ގޯޝް ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "ފްރެޑީ" ގައި ކާތިކާ އެކު ބަތަލާގެ ރޯލުން ފެންނާނީ މިދިޔަ އަހަރު "ޖަވާނި ޖާނެމަން" އިން ތައާރަފުވި އަލާޔާ ފަރްނީޗާރްވާލާ އެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ކާތިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ލަވް އާޖް ކަލް" އިންނެވެ. އޭނާގެ ދެ ފިލްމެއް ވަރަށް އަވަހަށް ރިލީޒްވާން އެބައޮތެވެ. އެއީ ނެޓްފްލިކްސް އިން ޕްރީމިއާކުރާ "ދަމާކާ" އާއި ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން އޮތް "ބޫލް ބުލައްޔާ 2" އެވެ.

ޓައިގާގެ އަޑުން އިތުރު ލަވައެއް

މިދިޔަ އަހަރު އަމިއްލަ އަޑުން ރެކޯޑްކުރި ލަވައެއް ނެރުނު ބޮލީވުޑްގެ އެކްޓަރު ޓައިވާ ޝްރޮފް އަނެއްކާ ވެސް އާ ލަވައެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ 74 ވަނަ މިނިވަން ދުވަސް މި މަހުގެ 15 ގައި ފާހަގަކުރަން ތައްޔާރުވަމުން އަންނަ ދަނޑިވަޅާ ދިމާކޮށް ޓައިގާ ނެރޭ ލަވަ އަކީ ގައުމީ ލަވަ "ވަންދޭ މާތަރަން" އެވެ. ޓައިގާ ކިޔައި ވީޑިއޯއާ އެކު މި މަހުގެ 10 ގައި ނެރޭ ލަވަ އަކީ ވިޝާލް މިޝްރާގެ މިއުޒިކަށް ކޯޝަން ކިޝޯރް ޅެން ހަދާފައިވާ ލަވައެކެވެ.

ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ ޓައިގާގެ 2016 ގެ ފިލްމު "ފްލައިން ޖަޓް" ގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ އެވެ.

އާ ލަވައިގެ މޯޝަން ޕޯސްޓަރު އިންސްޓަގްރާމްގައި ޕޯސްޓްކޮށް، ޓައިގާ ބުނީ "ވަންދޭ މާތަރަން" އަކީ އޭނާގެ ފުރަތަމަ ގައުމީ ލަވަ ކަމަށެވެ.