Roadha Mihaaru
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި

ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި

07 އޯގަސްޓް 2021

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ 45 ޕަސެންޓް މިދިޔަ ހަ މަސް ތެރޭގައި ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ 45 ޕަސެންޓް މިދިޔަ ހަ މަސް ތެރޭގައި ހޭދަކޮށްފި އެވެ.

ބަޖެޓުން 15.2 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ދައުލަތުގެ ރިކަރަންޓް ހަރަދު ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ސަރުކާރުގެ އިދާރާތަކުގެ ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ ހަ މަސް ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަށް 5.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު ހިންގުމުގެ ހަރަދުތަކަށް ވަނީ 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދުވީ 3.5 ބިލިއަން ރުފިޔާ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ހަ މަސް ތެރޭގައި ހަރަދުކޮށްފައި ވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ 30 ޕަސެންޓެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްރޮޖެކްޓްތަކަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ ސަބްސިޑީ އާއި ސިއްހީ ހިދުމަތްތަކަށް ވެސް ބޮޑު ހޭދައެއްކޮށްފަ އެވެ. ސަބްސިޑީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 33 ބިލިއަން ރުފިޔާ އެވެ.