Roadha Mihaaru
ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ، އީރާނުގެ ޑްރޯނަކުން

ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ، އީރާނުގެ ޑްރޯނަކުން: އެމެރިކާ

08 އޯގަސްޓް 2021

މިދިޔަ މަހުގެ ފަހުކޮޅު އަރަބި ކަނޑުގެ ތެރެއިން ދަތުރުކުރަނިކޮށް، އިޒްރޭލު މަހުޖަނެއްގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ، އީރާނުގައި އުފައްދާފައިވާ ޑްރޯން މަތިންދާބޯޓަކުން ކަމަށް، އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އަރަބި ކަނޑުގެ ތެރެއިން ދަތުރުކުރަނިކޮށް، އިޒްރޭލު މަހުޖަނެއްގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ، އީރާނުގައި އުފައްދާފައިވާ ޑްރޯން މަތިންދާބޯޓަކުން ކަމަށް، އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

މާކާ ސްޓްރީޓް ކިޔާ ބިޔަ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި އެ ބޯޓުގެ ދެ ފަޅުވެރިއަކު މަރުވި އެވެ. އެއީ، ތެޔޮ ޓޭންކަރުގެ ސަލާމަތީ ކަންތައް ބަލަހައްޓާ އިނގިރޭސި ވިލާތުގެ މީހަކާއި، ޓޭންކަރުގެ މާސްޓަރުގެ މަގާމުގައި ހުރި ރޫމޭނިޔާގެ މީހެކެވެ. ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ އީރާނުގައި އުފައްދާފައިވާ ޑްރޯނަކުން ކަމަށް އެމެރިކާ އިން ބުނުމާ އެކު، އދ. މަޖިލީހުންނާއި ޖީ-7ގެ ގައުމުތަކުން ވަނީ، އީރާން ކުށްވެރިކޮށްފަ އެވެ.

އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން އިއްޔެ ބުނި ގޮތުގައި މާކާ ސްޓްރީޓް އަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން، އެ ކޮމާންޑުގެ އަސްކަރީ ތަޖުރިބާކާރު ވަނީ އެ ތެޔޮ ޓޭންކަރަށް ޒިޔާރަތްކޮށް، ހަމަލާ އަމާޒުވި ތަން ތަހުގީގުކޮށްފަ އެވެ. އަދި ފެންނަން ހުރި ހެކިތަކުން ޔަގީންވާ ގޮތުގައި، ހަމަލާ ދިނުމުގައި ބޭނުންކުރި ޑްރޯނަކީ އީރާނުގައި އުފައްދާފައިވާ ޑްރޯނެއް ކަމަށް ވެސް އެ ކޮމާންޑުން ބުންޏެވެ.

ޑްރޯން ހަމަލާ އަމާޒުވި އިޒްރޭލުގެ ތެޔޮ ޓޭންކަރު. --އޭއެފްޕީ

ޑްރޯން ހަމަލާ އަމާޒުވި އިޒްރޭލުގެ ތެޔޮ ޓޭންކަރު. --އޭއެފްޕީ

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަންގެ ތަޖުރިބާކާރުންގެ ޓީމަކުން، ތެޔޮ ޓޭންކަރަށް ގޮސް ކުރި ތަހުގީގުތަކަށް ފަހު ބުނެފައިވަނީ، ޖުލައި 29 ވަނަ ދުވަހު ވެސް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެ ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ކަމަށެވެ. ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ ޖުލައި 30 ވަނަ ދުވަހު އެމިރޭޓްސްގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރަނިކޮށެވެ.

ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ، ޑްރޯން މަތިންދާބޯޓުގައި ގޮވާތަކެތި ހަރުކޮށްގެން ދުއްވާފައި ގެންގޮސް، ތެޔޮ ޓޭންކަރުގައި ޖައްސައިގެންނެވެ. މި ހަމަލާގައި ޑްރޯން ގޮސް ތެޔޮ ޓޭންކަރުގައި ޖެހި ގޮވި ތަނުގައި ދެ މީޓަރު ފުޅާ ބާގަނޑެއް ހެދުނެވެ. އަދި އެ ސަރަހައްދުން ތެޔޮ ޓޭންކަރުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމުގައި ބޭނުންކުރި ޑްރޯންގެ ފިޔަގަނޑުގެ ބަޔަކާއި، އެތެރޭގެ ބައެއް ބައިތައް، ތެޔޮ ޓޭންކަރުން ފެނުނެވެ. އެ ތަކެއްޗަކީ، މީގެ ކުރިން އީރާނުން ބޭނުންކޮށްފައިވާ ޑްރޯންތަކުގެ އެފަދަ ބައިތަކާ ދާދި އެއްގޮތް ބައިތަކެއް ކަމަށް އެމީހުން ބުނެ އެވެ.

މީގެ އިތުރުން، އީރާނުގެ އައްސޭރިން ފެށިގެން، ހަމަލާދިން ވަގުތު ތެޔޮ ޓޭންކަރު އޮތް ދުރުމިނަށް ބަލާއިރު، އެއީ އީރާނުން އުފައްދައިގެން ގެންގުޅޭ ޑްރޯން މަތިންދާބޯޓުތަކުގެ އެއްކޮޅު ދަތުރު ކުރެވޭ ދުރުމިން ކަމަށް ވެސް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް، އީރާނުން ބުނާ ގޮތުގައި އިޒްރޭލުގެ މަހުޖަނެއްގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތެވެ.

އިޒްރޭލުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯންގެ ބައެއް ބައިތައް. އޭއެފްޕީ

އިޒްރޭލުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯންގެ ބައެއް ބައިތައް. އޭއެފްޕީ

އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އެމީހުންނަށް ތެޔޮ ޓޭންކަރުން ފެނުނު ހެކިތައް މިހާރު ވާނީ އިޒްރޭލާއި އިނގިރޭސި ވިލާތާ ހިއްސާ ކޮށްފަ އެވެ. އަދި އެ ދެ ގައުމުން ވެސް، އެމެރިކާގެ ތަހުގީގީ ހޯދުންތަކަށް ތާއީދުކުރާ ކަމަށް ވެސް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން، ޖީ-7ގެ ގައުމުތަކުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީރާންގެ މިހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގި ޖަރީމާއެކެވެ. އަދި މިހަމަލާއާ ގުޅޭ ހުރިހާ ހެކިތަކަކުން ސާބިތުވަނީ މިއީ އީރާނާ ގުޅިފައިވާ ހަމަލާއެއް ކަމާއި، މިހަމަލާގެ ޒިންމާއިން އީރާނަށް ބަރީއަ ނުވެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ހުކުރު ދުވަހު ވަނީ ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ. އޭގެ އިތުރުން މާދަމާ ވެސް މި މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ އެވެ.