Roadha Mihaaru
ވިލިމާލެއަށް ހާއްސަ ޕާކިން އަށް އެދެން ހުޅުވާލައިފި

ވިލިމާލޭގެ މީހުންނަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް އެދެން ހުޅުވާލައިފި

08 އޯގަސްޓް 2021

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ޕާކިން ޒޯނުގެ ޖާގަތަކަށް ކުރިމަތިލާން މާލޭ ސިޓީ ކައުންސިލުން ރޭ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ޕާކިން ޒޯނުގެ ޖާގަތަކަށް ކުރިމަތިލާން މާލޭ ސިޓީ ކައުންސިލުން ރޭ ހުޅުވާލައިފި އެވެ.

މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާނުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ މި ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ 20 އުޅަނދު ޕާކު ކުރާނެ ޖާގަ ވަނީ ހަދައިފަ އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކުއްޔަށް ދޫކުރަން ނިންމާފައިވާ މި ޕާކިން ޖާގަތަކަށް މި މަހުގެ 16 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދު ގެންގުޅޭ މީހުންނަށް 15 ޖާގަ ހާއްސަ ކޮށްފައި ވެ އެވެ. އަދި ބާކީ ފަސް ޖާގަ ދޫކުރަނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ މީހުންނަށެވެ.

އާންމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދު އެރުވުމާއި ދުއްވުން ވެސް މަނާކޮށްފައިވާ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މި ޕާކިން ޒޯނުން ޖާގަ ދޫކުރަނީ 350 ކިލޯ އިން ދަށުގެ ޕިކަޕާއި ކާރު އަދި ވޭނުތަކަށެވެ.

މި ޖާގަތަކަށް އެދެން ބޭނުންވާ ވިލިމާލޭގެ ރަށްވެހިން އެކަމަށް އެދި ސިޓީއަކާ އެކު، އައިޑީކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ނަމަ، މި ތަކެތީގެ އިތުރުން، އެ އަވަށުގައި ދިރިއުޅެމުން އަންނަ މީހެއް ކަން އެނގޭނެ ފަދަ ސިޓީއެއް، ގޭގެ ވެރިފަރާތުގެ ނަމުގައި ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ހުށަހަޅަން ޖެހޭނެ އެވެ.

މާލޭގެ ޕާކިން ޒޯނުތަކުން ޖާގަ ދޫކުރަނީ ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕަށް ނަމަ، މަހަކު 750ރ. ގެ ފީއެއް ނަގާ ގޮތަށެވެ. އެހެނިހެން އުޅަނދުތަކަށް ނަގާނީ މަހަކު 1،500ރ. އެވެ. އެކަމަކު، މިއީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން ކައުންސިލުން ވަކި ގޮތެއް ނިންމަންދެން [ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕް ފިޔަވައި އެހެނިހެން އުޅަނދުތަކަށް] ނަގާނީ 1،000ރ. ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އާ ސިޓީ ކައުންސިލުން ވެސް އަންނަނީ މާލޭގައި ޕާކިން ޒޯނުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.