Roadha Mihaaru
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ

ކާރުތަކަށް ހާއްސަ ބޮޑު ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ

03 އޮކްޓޯބަރ 2019

ހަމައެކަނި ކާރު ޕާކު ކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީ ކުރުމަށް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހަމައެކަނި ކާރު ޕާކު ކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީ ކުރުމަށް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ، ޓެކްސީ އާއި އަމިއްލަ ކާރުތަކަށް ހާއްސަ ކުރާ އެ ސަރަހައްދުގައި 140-160އާ ދެމެދުގެ އަދަދަކަށް ޕާކް ކުރެވޭނެ ކަމަށެވެ.

މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ވަސީލަތްތަކާ އެކު ހުޅުމާލޭގައި ޕާކިން އޭރިއާއެއް ތަރައްގީ ކުރަނީ މާލޭން އުޅަނދު މަދުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެތަނުގައި މާލޭގައި ދުއްވާ ވެހިކަލްތަކަށް ވެސް ޕާކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން މާލޭގައި ޕާކް ކުރާނެ ތަނެއް ނެތިގެން އުޅޭކަށް ނުޖެހޭނެ. ޓެކްސީ ކުރުމަށް ފަހު ކާރު އެތަނުގައި ޕާކް ކޮށްލާފައި ސައިކަލުގައި މާލެ ވެސް އާދެވިދާނެ ނޫންތޯ؟،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން އޭރިއާ ހަދާނީ މާލޭން ހުޅުމާލެ އަށް އަރާ ހިސާބު ކައިރި ސަރަހައްދެއްގަ އެވެ.

ކައުންސިލުން ބުނީ އެތަން އަމަލީ ގޮތުން ބޭނުން ކުރަން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި މިހާރު ކުރިއަށް ދަނީ ކުރެހުމުގެ މަސައްކަތް ކަމަށެވެ.

ޝިފާ ވިދާޅުވީ ވެހިކަލްތަކުން މާލެ ތޮއްޖެހުން މަދު ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެކަމުގެ އަމަލީ މަސައްކަތް ކުރުމުގެ ބާރު ލިބިގެން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ އަށް އެތެރެ ކުރާ ވެހިކަލްގެ އަދަދު މަދުކޮށް، ބާ ވެހިކަލް ނައްތާލުމަށް އެދި، ލިޔުމަކުން މިނިސްޓްރީއަށް އެ ކައުންސިލުން މިހާރު އެދިފައިވާ ކަމަށެވެ.