Roadha Mihaaru
ސަލްމާން މިސްކިތަށް 30 މުވައްޒަފުން ހޯދަނީ

ސަލްމާން މިސްކިތަށް 30 މުވައްޒަފުން ހޯދަނީ

09 އޯގަސްޓް 2021

ސައުދީ ސަރުކާރުގެ އެހީ ލިބިގެން މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސައުދީ ސަރުކާރުގެ އެހީ ލިބިގެން މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިސްކިތުގެ އެކި މަސައްކަތަކަށް 30 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެކަމަކު އެންމެ ފުރަތަމަ ނަގާނީ 15 ވަރަކަށް މުވައްޒަފުން ކަމަށާއި މިހާރު ވެސް ބައެއް ވަޒީފާތަކަށް މީހުން ނަގަން އިއުލާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްކިތް ބެލެހެއްޓުމުގެ އެކި ކަންކަމަށް ބޭނުންވާ މުވައްޒަފުން ނަގަން މިހާރު މި ފެށީ،" އޭނާ ވިދާޅުވި އެވެ.

މީގެ ހަތަރު މަސް ކުރިން ވެސް މަސައްކަތުގެ މީހުންގެ ގޮތުގައި 10 މުވައްޒަފުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރި އެވެ. ނަމަވެސް އެ މިސްކިތް ހުޅުވުން ލަސްވަމުން ދިއުމާ އެކު އެ ފަހަރު އެއްވެސް މުވައްޒަފަކު ނަގާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުވައްޒަފުން ހޯދި ނަމަވެސް މިސްކިތް ހުޅުވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

ސައުދީގެ ސަރުކާރުގެ އެހީގައި އެޅި ސަލްމާން މިސްކިތް-- ފޮޓޯ: ނިޝާން އަލީ / މިހާރު

ސައުދީގެ ސަރުކާރުގެ އެހީގައި އެޅި ސަލްމާން މިސްކިތް-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ މިސްކިތަށް، އައިޓީ ޓެކްނީޝަނަކާއި ޓެކްނީޝަނެއްގެ އިތުރުން އިންޖީނިއަރެއް ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ހަތަރު ދުވަސް ކުރިން އިއުލާންކޮށްފަ އެވެ. މި މަގާމުތަކަށް މީހުން ހޯދަނީ އެ މިސްކިތުގެ އެފަދަ ކަންކަން ބަލަހައްޓަން ޖެހެނީ ވަކި ހާއްސަ ސިސްޓަމަކުން ކަމަށް ވާތީ އެވެ.

ސަލްމާން މިސްކިތް ހުޅުވުން ލަސްވެ، އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، މިދިޔަ ޖޫން މަހު އެ މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ކުރުމަށް ސައޫދީގެ ވަފުދެއް ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް ފަހުން ވަކި ތާރީހެއް ނެތް ގޮތަށް، އެ ވަފުދު އައު ވެސް ވަނީ ފަސްކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުން ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތްކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމާލިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އެ މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މި ސަރުކާރުން ބުނެފައި ވެ އެވެ.

މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް، ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށް ސަރުކާރުން ބުނެ އެވެ.

މި މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށްދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ. މިއީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތެކެވެ.