Roadha Mihaaru
ޔޫކޭ ރެޑް ލިސްޓުން ނެގުމުން "ދުނިޔޭގެ އެންމެ އުހަށް"

ޔޫކޭގެ ރެޑް ލިސްޓުން ނެގުމުން އެމިރޭޓްސް އެއާލައިން "ދުނިޔޭގެ އެންމެ އުހަށް"

10 އޯގަސްޓް 2021

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، އެ ގައުމުގެ މީހުން ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓު ނުވަތަ ރެޑް ލިސްޓުން ޔޫއޭއީ އުނިކުރުމުން އެކަން ފާހަގަކުރުމަށް އެމިރޭޓްސް އެއާލައިނުން ހެދި ވީޑިއޯ އިޝްތިހާރަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، އެ ގައުމުގެ މީހުން ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓު ނުވަތަ ރެޑް ލިސްޓުން ޔޫއޭއީ އުނިކުރުމުން އެކަން ފާހަގަކުރުމަށް އެމިރޭޓްސް އެއާލައިނުން ހެދި ވީޑިއޯ އިޝްތިހާރަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އެ އެއާލައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އިޝްތިހާރުގައި ފެންނަނީ އެއާލައިންގެ އަންހެން ކެބިން ކްރޫއަކު، ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ޚަލީފާގެ އެންމެ މަތީގައި ހުރެގެން ބޯޑުތަކެއް ދައްކަނިކޮށެވެ. އެ އިމާރާތުގެ އުސްމިނަކީ 828 މީޓަރު (2،717 ފޫޓް) އެވެ.

އިޝްތިހާރުގައި ދައްކާ އިބާރާތުގައި ލިޔެފައިވަނީ ޔޫކޭގެ އެމްބާ ލިސްޓަށް ޔޫއޭއީ ބަދަލުކުރުމުން ކުރެވުނު އިހުސާސަކީ ދުނިޔޭގެ އެންމެ އުހުގައި ހުރެވުމުގެ އިހުސާސް ކަމަށެވެ.

ދަތުރުކުރަންވީ އެމިރޭޓްސް އެއާލައިނުން ކަމަށާއި އޭގެ ދަތުރުތައް މާ ރަނގަޅުވާނެ ކަމަށް އޭގައި ބުނެ އެވެ.

މިހާތަނަށް އެންމެ އުހުގައި ޝޫޓްކުރި އިޝްތިހާރުގައި ފެންނަ ކެބިން ކްރޫ އަކީ ނިކޯލް ސުމިތު-ލުޑްވިކެވެ.

"މިއީ މިހާތަނަށް ހަޔާތުގައި ކުރެވުނު އެންމެ ތަފާތު ތަޖުރިބާ. މިކަން ދުވަހަކު ބެސް ހަނދާން ނައްތައެއް ނުލެވޭނެ." ސްކައިޑައިވަރެއްގެ އިތުރުން ޔޯގާ އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ނިކޯލް ބުންޏެވެ.

މި ވީޑިއޯ އިސްތިހާރު ހެދީ ދުބާއީގެ ޕްރައިމް ޕްރޮޑަކްޝަންސް އޭއެމްޖީންނެވެ. އެތަނުން ވަނީ ނިކޯލް ދެއްކި ހިތްވަރަށް ސާބަސް ދީ އެއީ "ދުނިޔޭގެ އެންމެ ޖެހިލުން ކުޑަ އަންހެނާ" ކަމަށް ބުނެފަ އެވެ.

އިޝްތިހާރު ޝޫޓްކުރަން ބޭނުންކުރީ ހެލިކޮޕްޓަރާއި ޑްރޯން އެވެ. ބުރުޖް ޚަލީފާގެ އެންމެ މަތީގައި ނިކޯލް ބެހެއްޓީ ހެލިކޮޕްޓަރުގެ އެހީގަ އެވެ. އަދި "ބިރުވެރި ނުރައްކާތެރި" ސްޓަންޓް އޭނާ ހެދީ އެކަމަށް ވަރަށް ރަނގަޅަށް ޓްރެއިންތަކެއް ވެސް ހެދުމަށް ފަހު އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އިޝްތިހާރަށް ލިބުނު ސަމާލުކަމާ އެކު، މިހާރު ވަނީ އެ ހަދަން ކުރި މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ޔޫއޭއީން އިނގިރޭސިވިލާތަށް އާދިއްތަ ދުވަހުން ފެށިގެން ވަނީ އެމިރޭޓްސްގެ ދަތުރުތައް އަލުން ފަށައިފަ އެވެ.