Roadha Mihaaru
"ހީކުރި ވަރަށްވުރެ ހޫނުމިން އަވަސް:ގެއްލުން ބޮޑުވާނެ"

ހީކުރި ވަރަށް ވުރެ ހޫނުމިން މަތިވާ ރޭޓް އަވަސް، މޫސުމީ ގެއްލުން ބޮޑަށް ކުރާނެ: ރިޕޯޓް

09 އޯގަސްޓް 2021

ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވަރަށް ބޮޑަށް ކުރާނެ ކަމަށް މޫސުމަށް އަންނަ ބަދަލާ ބެހޭ ދުނިޔޭގެ އެންމެ އިސް އިދާރާ ޔުނައިޓެޑް ނޭޝަންސްގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވަރަށް ބޮޑަށް ކުރާނެ ކަމަށް މޫސުމަށް އަންނަ ބަދަލާ ބެހޭ ދުނިޔޭގެ އެންމެ އިސް އިދާރާ ޔުނައިޓެޑް ނޭޝަންސްގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ފަސްދޮޅަސް ހަ ގައުމަކުން 234 ސައިންސުވެރިން ބައިވެރިވެގެން 14،000 އަށް ވުރެ ގިނަ ދިރާސާ ބަލައި އައިޕީސީސީން ތައްޔާރު ކުރި އެ ރިޕޯޓުގައިވާ ގޮތުން މޫސުމަށް މިހާރު އަންނަ ބަދަލުތަކަކީ ފާއިތުވި އެތައް ހާސް ނުވަތަ އެތައް ސަތޭކަ ހާސް އަހަރުގައި ވެސް ނާންނަހާ ބޮޑެތި ބަދަލުތަކެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބައެއް ބަދަލުތަކަކީ އެތައް ހާސް އަހަރެއް ވަންދެން އަނބުރާ އިޔާދަ ނުކުރެވޭނެ ކަންކަން ކަމަށް އެ ޕެނަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ވަނީ އިންސާނުން ކާބަންޑައިއޮކްސައިޑާއި އެހެނިހެން ޖައްވު ހޫނު ކުރާ ވިހަ ގްރީންހައުސް ގޭސްތައް ޖައްވަށް ބޭރު ކުރާ ވަރު ވަރަށް ބޮޑަށް މަދު ނުކުރާ ނަމަ މިހާރު މި ދާ ރޭޓުގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ޖައްވުގެ ހޫނުމިން ޕްރީ އިންޑަސްޓްރިއަލް ޒަމާނާ އަޅާ ބަލާއިރު 1.5 ޑިގްރީ ސެލްސިއަސް އަށް އަދި އެއަށް ވުރެ މައްޗަށް ވެސް ހިނގައިދާނެ ކަމަށެވެ. އެއީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 10 އަހަރު އަވަސް މުއްދަތެކެވެ.

ޕެރިސް އެގްރީމަންޓުގައި ސޮއިކޮށް 2015 ވަނަ އަހަރު 196 ގައުމަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އަދި ކޮންމެހެން ވެސް ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އެއީ ގައުމުތަކުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދުކޮށްގެން ދުރު ރާސްތާއަށް ވިސްނައިގެންނެވެ.

ހޫނުމިން 1.5 ޑިގްރީގެ އިތުރުވުއްޖެ ނަމަ ހީޓްވޭވްތައް ވަރަށް ބޮޑަށް އިތުރުވެ، ހޫނު މޫސުންތައް ދިގުވެ، ފިނި މޫސުންތައް ކުރުވާނެ ކަމަށް ސައިންސުވެރިން ބުނެ އެވެ. އަދި ގުދުރަތީ އެކި ނިޒާމުތަކަށް ބަދަލު އައިސް، ކާރިސާތައް އިތުރުވާނެ ކަމަށް ބުނެ އެވެ. ދެ ޑިގްރީ އިތުރު ވެއްއްޖެ ނަމަ ހޫނުގަދަވާއިރު އިންސާނާގެ ސިއްހަތަށް ސީދާ ގެއްލުންވާ މިންވަރަށް އަދި ދަނޑުގޮވާން ކުރުމަށް އުނދަގޫވާ ހިސާބަށް ދާނެ ކަމަށްވެ އެވެ.

ތުރުކީގެ ބޮޑެތި ޖަންގަލިތައް އަނދައި ހުލުވަނީ: މިފަދަ "ފޮރެސްޓް ފަޔާ" ތަކަކީ ކްލައިމެޓް ޗޭންޖްގެ އަލާމާތެއް ކަމަށް ސައިންސުވެރިން ބުނޭ --

ތުރުކީގެ ބޮޑެތި ޖަންގަލިތައް އަނދައި ހުލުވަނީ: މިފަދަ "ފޮރެސްޓް ފަޔާ" ތަކަކީ ކްލައިމެޓް ޗޭންޖްގެ އަލާމާތެއް ކަމަށް ސައިންސުވެރިން ބުނޭ --

ޖައްވު ހޫނުވެ ގަނޑުފެންތައް ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިން ތިރި ސަރަހައްދުތައް ގިރައި، އުދައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ، މި ގަރުނު ނިމޭ ހިސާބުގައި ކުރިން 100 އަހަރުން ދިމާވި މޫސުމީ ކާރިސާތައް ކޮންމެ އަހަރަކު ކުރިމަތިވާ ހިސާބަށް ހިނގައިދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން މިހާރު ކާބަން އެމިޝަން މަދު ކުރިޔަސް ކަނޑުގެ ލޮނުގަނޑު އުފުލުމުންދާނެ އެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް ގަރުނު ނިމޭ އިރު 0.5 މީޓަރަށް އުފުލޭނެ ކަމަށްވެ އެވެ. އަދި މިހާރު މިދާ ރޭޓުގައި ދާ ނަމަ މި ގަރުނު ނިމޭ އިރު ކަނޑުގެ ލޮނުގަނޑު ދެ މީޓަރަށް، އަދި 2150 ވަނަ އަހަރު އަންނަންވާއިރަށް ފަސް މީޓަރަށް އުފުލިދާނެ ކަމަށްވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ލިބޭނެ ގެއްލުން ކުޑަ ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑާއި އެހެނިހެން ގެއްލުންދެނިވި ގްރީންހައުސް ގޭސްތައް ވަރަށް އަވަހަށް، ވަރަށް ބޮޑަށް މަދުކޮށްގެން އަދިވެސް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ތިރީގައި ހިފެހެއްޓިދާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ލިބުނީ މާޒީ އާއި މިހާރާއި މުސްތަގުބަލުގެ މޫސުން ހުންނާނެ ގޮތުގެ ތަސްވީރެއް. އެއީ މިދާ މިސްރާބާއި، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަމާއި، ތައްޔާރުވެވޭނެ ގޮތްތައް، ހޯދުމަށް ވަރަށް މުހިންމު ކަމެއް،" ރިޕޯޓު އެކުލަވާލި ގްރޫޕުގެ ކޯޗެއާ ވެލަރީ މެސޯން-ޑެލްމޮޓް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށެއްގިރައި އެ ރަށުގެ ގަހެއް މޫދަށް ވެއްޓޭތީ ކުޑަކުދިންތަކެއް ވަލެއް އައްސައިގެން ދަމަނީ --

ރާއްޖޭގެ ރަށެއްގިރައި އެ ރަށުގެ ގަހެއް މޫދަށް ވެއްޓޭތީ ކުޑަކުދިންތަކެއް ވަލެއް އައްސައިގެން ދަމަނީ --

"ކްލައިމެޓް ޗޭންޖަކީ މުސްތަގުބަލުގެ މައްސަލައެއް ނޫން، އެއީ މިހާރު ހިނގަމުންދާ ކަމެއް އަދި ދުނިޔޭގެ ހުރިހާ ހިސާބަކަށް އަސަރު ކުރަމުންދާ ކަމެއް،" ރިޕޯޓު އެކުލަވާލުމުގައި އުޅުއްވި ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ޑރ. ފްރެޑްރިކް އޮޓޯ ވިދާޅުވި އެވެ.

އެ މީހުން ބޭރު ކުރާ ކާބަންގެ އަގު ދައްކަން މި ޖެހެނީ އަޅުގަނޑުމެންގެ ފުރާނަތަކުން: ނަޝީދު

އެ ރިޕޯޓު ނެރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ އެމްބެސެޑާގެ ހައިސިއްޔަތުން ފާހަގަ ކުރެއްވީ 1.5 ޑިގްރީ ސެލްސިއަސްގައި ފިނިހޫނުމިން ހިފެހެއްޓިއްޖެ ނަމަ ބިން ތިރި ގައުމުތަކަށް ސަލާމަތްވެވިދާނެ ކަމެވެ. ނަމަވެސް، އެއަށް ވުރެ މައްޗަށް ހޫނުމިން ހިނގައްޖެ ނަމަ ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރު ވެސް އިތުރުވެ، އެ ގައުމުތައް އަޑިއަށް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ބާރުގަދަ އަދި މުއްސަނދި ގައުމުތަކުން އިގްތިސާދީ ގޮތުން ކުރިއަރަން ކުރާ މަސައްކަތުގައި ގިނަ އަދަދެއްގެ ފޮސިލް ފިއުލް އެންދުމަކީ ނަޝީދު ވިދާޅުވި ގޮތުގައި، ކުރިއަރަމުންދާ ކުދި ގައުމުތަކަށް ވެވޭ ބޮޑު ބޭއިންސާފެކެވެ. އަދި އެ ބޭއިންސާފު ގަބޫލު ނުކުރެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެ މީހުން ބޭރު ކުރާ ކާބަންގެ އަގު އަޅުގަނޑުމެން މި ދައްކަން ޖެހެނީ އަޅުގަނޑުމެންގެ ފުރާނަތަކުން،" ނަޝީދު ވިދާޅުވި އެވެ.

އާދަޔާހިލާފު މޫސުމީ ކާރިސާތައް ގިނަވަމުންދާ ކަމަށް މި ފަހުން ސައިންސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާހިލާފަށް ހޫނުވެ ހަނަފަސްވާއިރު ބައެއް އެހެން ހިސާބުތަކަށް އާދަޔާ ހިިލާފަށް ވާރޭ ވެހި ފެންބޮޑުވެ އެވެ. އޭގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުން ޕެސެފިކްގެ ކުދި ރަށްރަށް ގިރައިގެންދާއިރު، ބޮޑެތި ޖަންގަލިތައް "ފޮރެސްޓް ފަޔާ"ތަކުގައި އަދައިގެން އެބަދެ އެވެ.