Roadha Mihaaru
ޑްރޯން ހަމަލާގެ އަގު އީރާނުން އަދާކުރަން ޖެހޭނެ

ޑްރޯން ހަމަލާގެ އަގު އީރާނުން އަދާކުރަން ޖެހޭނެ: އެމެރިކާ

10 އޯގަސްޓް 2021

މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު، ޔޫއޭއީގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރަނިކޮށް، އިޒްރޭލުގެ މަހުޖަނަކު ހިންގާ ކުންފުންޏެއްގެ ތެޔޮ ބޯޓަކަށް ދިން ޑްރޯން ހަމަލާގެ އަގު އީރާނުން އަދާކުރަންޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރު ކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު، ޔޫއޭއީގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރަނިކޮށް، އިޒްރޭލުގެ މަހުޖަނަކު ހިންގާ ކުންފުންޏެއްގެ ތެޔޮ ބޯޓަކަށް ދިން ޑްރޯން ހަމަލާގެ އަގު އީރާނުން އަދާކުރަންޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރު ކޮށްފި އެވެ.

ގަލްފު ސަރަހައްދުން ކަނޑުގެ ތެރޭގައި އީރާނުން ހިންގާ އަމަލުތަކާ ބެހޭ ގޮތުން، ސަލާމަތީ މަޖިލީހުގައި މިހާރު ކުރިއަށް ދާ ސިއްރު މަޝްވަރާތަކުގައި، މެމްބަރު ގައުމުތަކުގެ މަންދޫބުން ވަނީ، އީރާނުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. މި މަޝްވަރާތަކުގެ ބައިވެރިން ބުނި ގޮތުގައި ގަލްފް ސަރަހައްދުގެ ކަނޑު ދަތުރުފަތުރަށް އީރާނުން ކުރަމުންދާ ނުރައްކާތަކާ މެދު އީރާނުން ޒިންމާވާންޖެހޭނެ އެވެ.

ޖުލައި 30 ވަނަ ދުވަހު އިޒްރޭލުގެ ތެޔޮ ޓޭންކަރު، އެމްޓީ މާކާ ސްޓްރީޓް އަށް ޑްރޯން މަތިންދާބޯޓަކުން ހަމަލާ ދިނީ، ޓެންޒޭނިޔާ އިން ޔޫއޭއީ އަށް ދަތުރު ކުރަނިކޮށެވެ. ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންއެއް ދުއްވާފައި ގެންގޮސް ތެޔޮ ޓޭންކަރުގައި ޖައްސައި ގޮއްވައިލުމުން، ތެޔޮ ޓޭންކަރުގެ ރޫމޭނިޔާ ކެޕްޓަން އާއި އިނގިރޭސި ވިލާތުގެ ސަލާމަތީ އޮފިސަރަކު މަރުވި އެވެ. އަދި ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ހަމަލާ ދިނީ އީރާނުގައި އުފައްދާފައިވާ ޑްރޯނެއް ބޭނުންކޮށްގެން ކަމަށް އެމެރިކާ އިން ބުނެ އެވެ. ނަމަވެސް އީރާނުން ބުނެފައިވާ ގޮތުގައި އެ ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެއީ އީރާނުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ދިން ހަމަލާއެއް ނޫން ކަމަށް ވެސް އީރާނުން ބުނެ އެވެ.

އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ކުރި ތަހުގީގަށް ފަހު ބުނެފައި ވަނީ، ޖުލައި 30 ވަނަ ދުވަހު ހަމަލާ ދިނުމުގެ ކުރިން، ޖުލައި 29 ވަނަ ދުވަހު ވެސް، އެ ޓޭންކަރަށް ޑްރޯނުން ހަމަލާ ދޭން ދެ ފަހަރެއްގެ މަތިން ބަޔަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ދެ ފަހަރު ވެސް ތެޔޮ ޓޭންކަރުގައި ޖެހުމުގެ ކުރިން، ދެ ޑްރޯން ވެއްޓުނީ ކަނޑަށް ކަމަށް ވެސް އެމެރިކާގެ ތަހުގީގު ޓީމުން ބުންޏެވެ.

ސަލާމަތީ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކުގައި މެމްބަރު ގައުމުތަކުން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް އީރާނުން ކުރިމަތި ކުރަމުންދާ ނުރައްކާތައް ކުޑަކުރެވޭނީ، އެ ގައުމު ޒިންމާދާރު ކުރުވައިގެންނެވެ. އަދި މިއީ ގަލްފުގެ ތެރެއިން ދަތުރުކުރާ ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއްގެ ބޯޓު ފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އެ ގައުމުތަކުން ބުނެ އެވެ.

ތެޔޮ ޓޭންކަރަށް ދިން ހަމަލާއާ ގުޅިގެން، އިނގިރޭސި ވިލާތަށް އީރާނުން ކަނޑައަޅާފައި ހުންނަ ސަފީރު، އިއްޔެ ވަނީ އިނގިރޭސި ހާރިޖިއްޔާ އަށް ހާޒިރުކޮށްފަ އެވެ.

ސަފީރު ހާޒިރު ކުރުމަށް ފަހު، އިނގިރޭސި ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބައިނަލްއަގުވާމީ ސުލްހަޔާއި ރައްކާތެރިކަމަށް އީރާނުން ކުރިމަތިކުރާ ނުރައްކާތައް ވަގުތުން ހުއްޓައިލަން ޖެހޭނެ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު، ހުރިހާ ކަނޑު އުޅަނދުތަކަށް ވެސް ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން، އީރާނުގައި ހުންނަ އިނގިރޭސި ޗާޖޭ ދަ ފެއާ ވެސް އިއްޔެ އީރާނުގެ ހާރިޖިއްޔާ އަށް ހާޒިރުކުރި އެވެ. އޭނާ ހާޒިރު ކުރީ ތެޔޮ ޓޭންކަރަށް ދިން ހަމަލާގެ ތުހުމަތު އީރާނު ސަރުކާރުގައި އަޅުވައި، އިނގިރޭސި ހާރިޖީ ވަޒީރު ދެއްކެވި ވާހަކަތަކަށް އީރާނު ސަރުކާރުން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، އީރާނާ ބެހޭ ގޮތުން، އެއްވެސް ހަގީގަތެއް ނެތް އަދި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދޭ ޒާތުގެ އެފަދަ ވާހަކަތައް ދެއްކުމަކީ އީރާނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއްކަން، އިނގިރޭސި ޑިޕްލޮމޭޓަށް ވާނީ އަންގައިފަ އެވެ.

އީރާނުން ބުނާ ގޮތުގައި ތެޔޮ ޓޭންކަރަށް ބަޔަކު ދިން ޑްރޯން ހަމަލާއެއް އީރާނުގެ ބޮލުގައި އަޅުވައި، އީރާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ބަޔަކު ނުރައްކަލެއް ކުރިމަތިކޮށްފި ނަމަ، އެންމެ ހަރުކަށި ގޮތުގައި އެ ބަޔަކަށް އީރާނުން ރައްދު ދޭނެ އެވެ.