Roadha Mihaaru
ކްރައިމް ޕެޓްރޯލްގެ ހޯސްޓް އިންވެސްޓިގޭޝަން ކޯހެއް

"ކްރައިމް ޕެޓްރޯލް" ގެ ހޯސްޓް ކްރައިމް އިންވެސްޓިގޭޝަން ކޯހެއް ހަދައިފި

12 އޯގަސްޓް 2021

ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ޝޯ "ކްރައިމް ޕެޓްރޯލް" ގެ ހޯސްޓްކަން ކުރާ އަނޫޕް ސޯނީ ކްރައިމް ސީން އިންވެސްޓިގޭޝަން ކޯހެއް ހަދައި ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ޝޯ "ކްރައިމް ޕެޓްރޯލް" ގެ ހޯސްޓްކަން ކުރާ އަނޫޕް ސޯނީ ކްރައިމް ސީން އިންވެސްޓިގޭޝަން ކޯހެއް ހަދައި ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

އުމުރުން 46 އަހަރުގެ އަނޫޕް އިންޓަނޭޝަނަލް ފޮރެންސިކް ސައިންސް (އައިއެފްއެސް) އެޑިއުކޭޝަން ޑިޕާޓްމަންޓުން ކްރައިމް ސީން އިންވެސްޓިގޭޝަން ކޯސް ފުރިހަމަކޮށް އެ ކާމިޔާބީގެ ވާހަކަ އިންސްޓަގްރާމްގައި ހާމަކުރީ ލިބުނު ސެޓްފިކެޓްގެ ފޮޓޯއަކުންނެވެ.

އޭނާ ކޯސް ހެދީ މި އަހަރުގެ ކުރީކޮޅު އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކުރިމަތިވި ލޮކްޑައުންގެ ތެރޭގަ އެވެ.

އޭނާ ބުނި ގޮތުގައި "ފާޑަކަށް ކިޔަވައިގެން" ވިޔަސް ލިބުނު ކާމިޔާބީއާ ދޭތެރޭ ފަހުރުވެރިވެ އެވެ.

ތިން ކުދިންގެ ބައްޕަ އަނޫޕް ހޯސްޓްކުރި، ޝޯއަކާ ގުޅޭ ދާއިރާއެއްގެ ކޯހެއް ފުރިހަމަކުރުމަކީ މިހާރު ކުށުގެ ވެށީގެ ހާލަތު އޭނާ އަށް ކުރިއަށް ވުރެ މާ ބޮޑަށް ވެސް ލޯ ހުޅުވިފައި ހުންނާނެ ކަމެކެވެ. އަނޫޕަކީ ޓީވީގެ އިތުރުން ފިލްމުތަކުގައި ވެސް ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެކްޓަރެކެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒްކުރާނެ އިރެއް އަދި އިއުލާން ނުކުރާ ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" އެވެ. އަނޫޕް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ކަރިޝްމާ ކަޕޫރްގެ "ފިޒާ"، ބިޕާޝާ ބާސޫގެ "ރާޒް"، އަޖޭ ދޭވްގަންގެ "އަޕަހާރަން"، ސަންޖޭ ދަތުގެ "ޕްރަސްތާނަމް" އަދި ބޮބީ ޑިއޯލްގެ "ކްލާސް އޮފް 83" ހިމެނެ އެވެ.

ބޮލީވުޑްގެ ކުރީގެ އެކްޓަރު ރާޖް ބައްބަރްގެ ދަރިފުޅު ޖޫހީ ބައްބަރާ ކައިވެނިކޮށްގެން އުޅޭ އަނޫޕް ވަރަށް ގިނަ ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ކަހާނީ ގަރު ގަރު ކީ"، "ސީއައިޑީ" އަދި "އާހަތު" ހިމެނެ އެވެ.