Roadha Mihaaru
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި

ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި

29 ޖެނުއަރީ 2022

އިންޑިއާގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދިގީ އޭނާގެ ގަނޑުވަރެއް ކަހަލަ ރީތި ގޭގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދިގީ އޭނާގެ ގަނޑުވަރެއް ކަހަލަ ރީތި ގޭގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީން ބިމެއް ގަނެގެން ހުނަރުވެރި އެކްޓަރު އިމާރާތްކުރި ގޭގެ މަސައްކަތް ނިންމާފައި ވަނީ ތިން އަހަރުގެ ތެރޭގައި ކަމަށެވެ. ނަވާޒުއްދީންގެ ބައްޕަގެ ހަނދާންތަކާ ގުޅުވައިގެން ގެއަށް ކިޔާފައި ވަނީ "ނަވާބު" އެވެ. އެ ނަމުން ސިފަކޮށްދޭ ގޮތަށް ޝާހީ ފާޑުވެރިކަމާ އެއްގޮތަށް ހަދާފައިވާ ތިން ބުރީގެ ގޭގެ އިންޓީރިއާ ވެސް ހަދާފައި ވަނީ ނަވާޒުއްދީން އަމިއްލަ އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ގެއަށް ދިޔަ ހަރަދާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ނަވާޒުއްދީނަކީ އިންޑިއާގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އޭނާ އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާ އެކު މިހާރު މަސައްކަތްކުރަން ލިބޭ ނަވާޒުއްދީން މީގެ ކުރިން ގިނައިން ކުޅެމުން އައި ސަޕޯޓިން ރޯލުތައް ނަމަވެސް މިހާރު އޭނާ އަކީ ލީޑް ރޯލު ވެސް ކުޅޭ އެކްޓަރެކެވެ.

މިހާތަނަށް އެެތައް އެވޯޑެއް ހޯދާފައިވާ 47 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބޯލެ ޗޫޅިޔާ"، "ޖޮގިރާ ސަރަ ރާ ރާ"، "ހީރޯޕަންތީ 2"، "ޓީކޫ ވެޑްސް ޝޭރޫ"، "ސަންގީން"، "އަދުބުތު" އަދި "ޝޫޓްއައުޓް އެޓް ބައިކުއްލާ" ހިމެނެ އެވެ.

އުއްތަރު ޕްރަދޭޝްގެ މުވައްޒަފަރު ނަގަރަށް އުފަން ނަވާޒުއްދީނަކީ ދެ ކުދިންގެ ބައްޕައެކެވެ.