Roadha Mihaaru
އެމްޑީޕީ/ޕީޕީއެމް ގުޅުމަކީ ޕާޓީ ނިޒާމަށް ބިރެއް:ރައީސް

އެމްޑީޕީ/ޕީޕީއެމް ގުޅޭކަށް ނުވާނެ، އެއީ ޕާޓީ ނިޒާމަށް އޮތް ބިރެއް: ރައީސް

11 އޯގަސްޓް 2021

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އޮތް ބޮޑު ބިރެއް ކަމަށާއި އެކަމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އޮތް ބޮޑު ބިރެއް ކަމަށާއި އެކަމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމާއެކު ކޯލިޝަން ހެދުން ކަމަށާއި އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ހިމެނޭ ވަޓްސެޕް ގްރޫޕެއްގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު ދެން ކުރައްވަން އެންމެ ބޭނުންފުޅުވި އެ ކަންތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ނަޝީދުގެ އަރިސް ބައެއް އެހެން މެންބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި، ނަޝީދުގެ އެ ވިސްނުންފުޅާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި އެ ދެ ޕާޓީ އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގައި ތިބެގެން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތަށް އަދި ސިޔާސީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މަލްޓި ޕާޓީ ނިޒާމަށް ތާއީދު ކުރާ މީހެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް ހުރި އެންމެ ރަނގަޅު ގޮތް ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކާ މެދު ސުވާލުކޮށް، ފާޑުކިޔެން ޖެހޭނެ ކަމަށާއި އެއާ ހިލާފަށް އެމްޑީޕީ އާއި ޕީޕީއެމް އެކުވެއްޖެ ނަމަ ރާއްޖޭގައި އޮތް ޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ޕީޕީއެމާއެކު ކޯލިޝަން ހެދުމަށް ތާއީދު ކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ވާހަކަ ދެއްކެވިޔަސް އެއީ އެމްޑީޕީގެ ނިންމުމެއް ނޫނެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ ކަންކަން ނިންމާނީ އެ ޕާޓީގެ ގުނަވަނަކުން ކަމަށެވެ. އަދި ޕީޕީއެމާ ގުޅެން އެމްޑީޕީ އަށް ހުށަހެޅިޔަސް އެ ގޮތަށް ނިންމުމަކީ އެ މަނިކުފާނު އެއްގޮތަކަށް ވެސް ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެއީ ކޮންމެހެން ޕީޕީއެމްއާ ގުޅުން ގޯސްވެގެން ނޫން. މަލްޓި ޕާޓީ ނިޒާމެއް މި ރާއްޖޭގައި އަށަގަނެ ތަރައްގީ ކުރުމަށް އަޅުގަނޑު ބޭނުންވާތީ،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަނެއް ހަދަން ނުނިންމި ނަމަވެސް އެކަކު އަނެކަކާއެކު ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަޝީދު ބޭނުންފުޅުވާ ނަމަ ކުރީގެ ރައީސް ޔާމީނާ އެކީގައި މަސައްކަތްޕުޅު ކުރެވިދާނެ ކަމަށާއި އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ދެ ޕާޓީގެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ފައިދާ ހުރި ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް އާ ކޯލިޝަން ހެދުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ނަޝީދު ތަކުރާރުކޮށް ހާމަކުރައްވަމުން ގެންދެވި ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ އެ މަނިކުފާނުގެ އެ ދައުވަތު ގަބޫލު ނުކުރައްވާ ކަމަށް ބުނެފަ އެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ދުވަހަކު ވެސް ނުގުޅޭނެ ކަމަށް ބުނެ އެ ޕާޓީން ވެސް ވަނީ ނަޝީދަށް ރައްދު ދީފަ އެވެ.