Roadha Mihaaru
ޖަޕާނުގެ ވިއްސާރަ: ދެ މިލިއަން މީހުން ހާލުގައި ޖެހިދާނެ

ޖަޕާނުގެ ވިއްސާރަ: ދެ މިލިއަން މީހުން ހާލުގައި ޖެހިދާނެ

15 އޯގަސްޓް 2021

ޖަޕާނަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން، ފެންބޮޑުވުމާއި ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިމަތިވަމުން ދާތީ، އެފަދަ ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ދިޔުމަށް، ޖަޕާނު ސަރުކާރުން އަންގައިފި އެވެ.

ޖަޕާނު ސަރުކާރުން ބުނި ގޮތުގައި، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން، ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް މިހާރު ވާނީ އަންގައިފަ އެވެ. އޭގެ ތެރޭގައި ފުކުއޯކާ ޕްރޮވިންސާއި ހީރޯޝީމާ ހިމެނެ އެވެ.

އެ ސަރަހައްދުތަކުގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުނުވެ ތިއްބައި، ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގައިފި ނަމަ، ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިދާނެ ކަމަށް، ސަރުކާރުން ބުނެ އެވެ.

އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި ނަގާސާކީގެ އުސް ސަރަހައްދަކުން ތިރިއަށް ފޭބި ކިސަޑުތަކެއްގެ ތެރޭގައި ގެތަކެއް ވަޅުލެވުމުގެ ސަބަބުން އާއިލާއެއްގެ އެކަކު މަރުވެ އިތުރު ތިން މީހަކު ވަނީ ގެއްލިފަ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވެދިނުމަށް ސިފައިންނާއި ފުލުހުން ފޮނުވާފައިވާ ކަމަށް ޖަޕާނު ސަރުކާރުން ބުނެ އެވެ.

މިވަގުތު އެންމެ ގަދައަށް ވިއްސާރަ ކުރަމުން ދަނީ ޖަޕާނުގެ ހުޅަނގު ސަރަހައްދަށެވެ. ނަމަވެސް މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ.

ޖަޕާނަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، އޮގަސްޓް 15، 2021 ގައި ސާގާ ޕްރޮވިންސްގެ ކަންޒާކީ ސަހަރުގައި ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފައިބައިފައިވާ ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ

ކިޔޯޑޯ ނޫސް އޭޖެންސީން ބުނި ގޮތުގައި ހޮނިހިރު ދުވަހު ސާގާ ޕްރޮވިންސަށް ކުރި ވިއްސާރައިގައި ރޮއްކަކޫ ކޯރު ބަންޑުންވުމުގެ ސަބަބުން އަވަށްތަކުގައި ފެންބޮޑުވުމުގެ ތެރޭގައި، އެ ސަރަހައްދުގެ ތިރީބުރީގައި ފެންބޮޑުވުމުގެ ސަބަބުން، ހޮސްޕިޓަލުގައި ތިބި ހުރިހާ މީހުން މިހާރު ވަނީ ފުރަތަމަ ބުރިއަށް ބަދަލުކޮށްފަ އެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ ޔޫޝީ އަޑާޗީ ވިދާޅުވި ގޮތުގައި މިއީ މިދުވަސްވަރު ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ވިއްސާރައެއް ނޫނެވެ. އަދި މިއީ ކޮންމެވެސް މުސީބާތެއް މެދުވެރިވުމުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާގާ ޕްރޮވިންސްގެ ގިނަ މަގުތަކާއި ހައިވޭތައް ފެނުއަޑީގައި އޮތުމުގެ ސަބަބުން، ގިނަ ސަރަހައްދުތަކެއްގެ އެއްގަމު ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. ސާގާ އާއި ފުކުއޯކާގެ ކޯރުތައް ފުރިގެން ބަންޑުންވެފައިވާ އިރު، ފެންގަނޑު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ ތިން ހަފުތާ ކުރިން ވެސް ޖަޕާނަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފޭބުމުގެ ހާދިސާތައް ހިނގައި، 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.