Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

01 ނޮވެމްބަރ 2020

ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު "ދަ ވައިޓް ޓައިގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު "ދަ ވައިޓް ޓައިގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ ޑިސެމްބަރު މަހުގެ ތެރޭ، މަދު ސިނަމާތަކެއްގައި ދެއްކުމަށް ފަހު، ޖެނުއަރީ 22 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ 2008 ގައި ގެނެސްދީގެން މޭން ބުކާ ޕްރައިޒް ހޯދާފައިވާ އަރުވިންދު އަޑީޖާގެ ވާހަކަ "ދަ ވައިޓް ޓައިގާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޕްރިޔަންކާއާ ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ އިތުރުން އަލަށް ތައާރަފުކުރާ އާދާޝް ގޯރަވް ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެ އެވެ. "ވައިޓް ޓައިގާ" ގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރީ "ޗޮޕް ޝޮޕް" އާއި "99 ހޯމްސް" ގެ އިތުރުން "ފެރެންހައިޓް 451" ފަދަ ފިލްމުތައް ގެނެސްދިން އިރާން ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރު ރާމިން ބަހްރާނީ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިންނެވެ.

"ލަކްޝްމީ ބޮމް" ގެ ނަން "ލަކްޝްމީ" އަށް

އަންނަ މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" ގެ ނަން "ލަކްޝްމީ" އަށް ބަދަލުކޮށްފި އެވެ.

ފިލްމު ގެނެސްދޭން ވަރަށް ގާތްވެފައި ވަނިކޮށް ނަން ބަދަލުކުރަން ޖެހުނީ ލަކްޝްމީ އަކީ ހިންދީ ނަމަކަށްވެފައި އެ ނަމުގެ ހައިބަތާއި ހުރުމަތް ކެނޑޭ ގޮތަށް ލަކްޝްމީގެ ފަހަތަށް ބޮމް ގެނެސްފައިވާތީ އެކަމާ ދެކޮޅަށް ހިންދޫންގެ ބައެއް ޖަމާއަތްތަކުން އަޑު އުފުލައި ފިލްމު ބޮއިކޮޓްކުރަން ގޮވައިލާތީ އެވެ. އެހެންވެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ނުދާން ފިލްމުގެ ނަން "ލަކްޝްމީ ބޮމް" އިން "ލަކްޝްމީ" އަށް ބަދަލުކުރީ އެވެ.

މި ހޮރޯ-ކޮމެޑީ އަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ހަދާފައިވާ ފިލްމެކެވެ. އަކްޝޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކިއާރާ އަދުވާނީ އެވެ.

ޝާހްރުކްގެ ފަރާތުން "ލަވް ހޮސްޓެލް"

ދާދި ފަހުން ބޮބީ ޑިއޯލާ އެކު ނެޓްފްލިކްސް އިން "ކްލާސް އޮފް 83" ކިޔާ ފިލްމެއް ގެނެސްދިން ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން އަނެއްކާ ވެސް ބޮބީއާ އެކު އިތުރު ޕްރޮޖެކްޓެއް އިއުލާންކޮށްފި އެވެ.

މި ފަހަރުގެ ފިލްމަކީ މިސްޓްރީ ތުރިލާ "ލަވް ހޮސްޓެލް" އެވެ. މީގެ ކާސްޓްގައި ބޮބީއާ އެކު ހިމެނެނީ ސާނިއާ މަލްއުތުރާ އާއި ވިކްރާންތު މަސީ އެވެ.

"ލަވް ހޮސްޓެލް" ގެ ޑައިރެކްޓަރަކީ ޝަންކަރް ރަމަން އެވެ.

ރެޑް ޗިލީޒް އިން މި ފަހުން ގެނެސްދިން އެންމެ ކާމިޔާބު ފިލްމަކީ މިދިޔަ އަހަރު އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫއާ އެކު ގެނެސްދިން "ބަދުލާ" އެވެ.

އެ ސްޓޫޑިއޯ އިން އަލަށް ފަށަން އުޅޭ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓްގެ "ޑާލިންސް" އާއި އަރުޖުން ކަޕޫރްގެ "ދަމާކާ" ވެސް ހިމެނެ އެވެ.

އަނޫރާގަށް "ސާންކީ"

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށް، ވަރުން ދަވަން ކުޅެން ހަމަޖެހިފައިވާ ފިލްމު "ސާންކީ" ގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާ އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ޑައިރެކްޓަރެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ވަރުން އަސްކަރީ އޮފިސަރެއްގެ ރޯލުން ފެނިގެންދާނެ "ސާންކީ" ގެ މަސައްކަތް ފަށާނީ އޭނާ ސޮއިކޮށްފައިވާ ޑައިރެކްޓަރު އަމަރް ކޯޝިކްގެ "ބޭޅިޔާ" ގެ މަސައްކަތް ނިންމުމަށް ފަހު ކަމަށެވެ.

ވަރުން ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމަކީ ކަރަންގެ ދަރުމާ އަށް "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ހަދާ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" އެވެ. ފިލްމުގެ ކާސްޓްގައި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގް ވެސް ހިމެނެ އެވެ.

"ސާންކީ" ޑައިރެކްޓްކުރަން އަނޫރާގަށް ލިބުނު އިރު "ކޭސަރީ" ވެގެން ދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. އަދި އޭނާ އަށް އެކިއެކި ސްޓޫޑިއޯތަކުން އަންނަނީ ފިލްމު ޑައިރެކްޓްކޮށް ދޭން ގިނަ ހުށަހެޅުންތަކެއް ލިބެމުންނެވެ.