Roadha Mihaaru
އުސޫލާ ހިލާފަށް ޗުއްޓީ ހޭދަކުރާތީ ބޮޑު އިންސްޕެކްޝަނެއް

އުސޫލާ ހިލާފަށް ޓޫރިސްޓުން ޗުއްޓީ ހޭދަކުރާތީ ބޮޑު އިންސްޕެކްޝަނެއް ފަށަނީ

18 އޯގަސްޓް 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާތީ ކަމާގުޅޭ އިދާރާތައް ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު އިންސްޕެކްޝަނެއް ފަށަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާތީ ކަމާގުޅޭ އިދާރާތައް ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު އިންސްޕެކްޝަނެއް ފަށަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އިއުލާނެއްގައި ބުނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުންދާ ގޮތާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، މާލޭގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް އިންސްޕެކްޝަނެއް ފަށައި، އުސޫލާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ އިންސްޕެކްޝަން ގެންދަން ނިންމާފައިވަނީ މޯލްޑިބްސް އިމިގްރޭޝަނާއި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެންނެވެ.

އެޗްޕީއޭ އިން ނިންމާފައި ވަނީ ޖުލައި 26، 2021 އިން ފެށިގެން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ވެކްސިންގެ ޑޯޒުތައް ހަމަނުވާ ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ތިބެވޭނީ އެ ރަށެއްގެ މުޅި އާބާދީގެ 60 ޕަސެންޓަށް ވެކްސިން ފުރިހަމަވުމުން ކަމަށް ވެސް ކަނޑައަޅާފައި ވެ އެވެ. އަދި ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ ހުރިހާ އެންމެން ހިމެނޭ ގޮތަށް 95 ޕަސެންޓަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ވެފައި ވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމަކީ އެ ރަށެއްގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓުންނަށް ހުއްދަ ދޭ ޝަރުތެކެވެ.

ނަމަވެސް، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރުމަށް ބައެއް ގައުމުތަކުން މީހުން ރާއްޖެ އަންނަނީ މިއީ ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ބަލައިގެންނެވެ. އެގޮތަށް، ޓޫރިސްޓު ވިސާގައި މި ދުވަސްވަރު އެންމެ ގިނައިން އަންނަނީ އިންޑިއާ މީހުންނެވެ. އެއާއެކު، ރާއްޖޭގެ އެކި ސަރަހައްދުގެ ގެސްޓް ހައުސްތައް ފުރި، ގަވައިދާ ހިލާފަށް ގޭގޭގައި ވެސް ޓޫރިސްޓުން ގެންގުޅޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވެ އެވެ.

ރާއްޖެ އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ މިދިޔަ ހޯމަ ދުވަހު އެކަނި ވެސް 240 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލާފައި ވެ އެވެ. އެކަމަކު، އެއީ ކޮން ގައުމެއްގެ ބައެއްކަމެއް ހާމައެއް ނުކުރެ އެވެ.