Roadha Mihaaru
ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ބޮޑު އެހީއެއް

އޯޓިޒަމް އެސޯސިއޭޝަނަށް ޖަޕާނުން ހަ ލައްކަ ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

18 އޯގަސްޓް 2021

ޖަޕާނުގެ ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖަޕާނުގެ ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ، އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެ ސާމާނު ހަދިޔާކުރީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުގައި އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ސާމާނު ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެ ގައުމުގެ ފަރާތުން ހަދިޔާކުރީ ވިޝަން ސްކްރީނަކާއި ހިއަރިން ސްކްރީނެކެވެ. އިވުމާއި ފެނުމުގެ މައްސަލަތައް ހުރި ނަމަ، އެ ސާމާނުގެ އެހީގައި އަވަހަށް ދެނެގަނެވި އެފަދަ މައްސަލަތަކަށް ފަރުވާކުރަން ފަށާނެ އެވެ. އެގޮތުން އުމުރުން ހަ މަހުން މަތީގެ ކުދިންނަށް މި އެހީގެ ދަށުން ލޮލުގެ ސްކްރީނިން ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުއްޖާގެ އިވުމުގެ މައްސަލައެއް ހުރިތޯ އެންމެ ތުއްތު އިރުން ފެށިގެން ބެލޭނެ އެވެ.

އެމްބަސީން ބުނިގޮތުގައި، މި ސާމާނު ބޭނުންކުރުމުގެ ހާއްސަ ތަމްރީނު ވެސް އޯޓިޒަމް އެސޯސިއޭޝަނުގެ މުވައްޒަފުންނަށް ވަނީ ދީފަ އެވެ.

މި ސާމާނު ހަދިޔާކުރީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއުއާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ ހިލޭ އެހީގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް ޖަޕާނުން މި އެހީވީ، އެ ގައުމުގެ އެމްބަސީން އެކި ފެންވަރުގައި މީހުން ބާރުވެރި ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންނެވެ. ޖަޕާނުން އަންނަނީ 1996 އިން ފެށިގެން ތައުލީމާއި ތިމާވެށި އަދި ސިއްހީ ދާއިރާ އާއި ދަތުރުފަތުރާ ގުޅޭ ދާއިރާތަކުން އެކި ގޮތްގޮތުން ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ.