Roadha Mihaaru

އޯޓިޒަމް އާ ގުޅޭގޮތުން މީހުންގެ ކުށްހީ ފިލުވަން ބުރަ މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ

އޯޓިޒަމްއާ ގުޅޭގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އޯޓިޒަމްގެ ކުށްހީ ފިލުވަން ބުރަ މަސައްކަތްކުރަންޖެހޭ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ފެބުރުއަރީ 2025

އޯޓިޒަމްއާ ގުޅޭގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވީ އޯޓިސްޓިކް ކުދިންނަށް ހާއްސަ ފަރުވާއެއް ދީފައި، ރަނގަޅުކުރުމަށް ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުން އުފެދޭ ތަފާތު ވިސްނުމާއި އުޅުން ބަދަލުކުރަންޖެހޭ ކަމަށް އާންމުން ގަބޫލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އެފަދަ ކުށްހީތައް ފިލުވަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް، ހުޅުމާލޭގައި ހިންގާ އެ ޖަމިއްޔާގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވި އެވެ.

ފަސްޓްލޭޑީ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުންނަ ތަފާތުކަމާއެކު އެ ކުދިން ބަލައިގަންނަން ޖެހޭ ކަމަށެވެ. އެކަމުގައި، މުޖުތަމައުގެ ހުރިހާ ފަންތިއަކުން، އެ ކުދިންނަށް އެއްބާރުލުން ދިނުމާއި އެ ކުދިންނަށް އަމިއްލަ ހަގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ދެވޭ ފަދަ މާހައުލެއް ގާއިމްކޮށްދޭންޖެހޭކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުދިންތަކެއް އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުދިންތަކެއް އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް

ތަހުޒީބު މުޖުތަމައުއަކަށް މި ތަން ބަދަލުކުރުމަށް އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ސާޖިދާ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

ފަސްޓްލޭޑީގެ ވާހަކަފުޅުގައި އޯޓިޒަމްގެ އެކި މައްސަަލަތަކާއެކު ވެސް ކާމިޔާބުކަމާއެކު ދިރިއުޅުނު އަދި މިހާރު ވެސް އުޅެމުން އަންނަ ޝަހުސުންނަށް އަލިއަޅުވާލެއްވި އެވެ.

އެއާ އެކު، އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ގާބިލްކަމެއް ދެނެގަނެ އަދި އެ ރޮނގުން އެ ކުއްޖާއަށް ވީހާ ވެސް ގިނަ ފުރުސަތުތަކެއް މަގުފަހިކޮށްދެއްވުމަށް ފަސްޓް ލޭޑީ ވަނީ ބާރުއަޅުއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފަ އެވެ.