Roadha Mihaaru
ޓެސްލާ އިން ރޮބޮޓް އުފައްދަނީ

ޓެސްލާ އިން ރޮބޮޓް އުފައްދަނީ

21 އޯގަސްޓް 2021

އިންސާނަކާ ދާދި އެއް ކަހަލަ ސިފަތައް ހިމަނައިގެން، އަންނަ އަހަރު ޓެސްލާ އިން ރޮބޮޓެއް ނެރެން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސާނަކާ ދާދި އެއް ކަހަލަ ސިފަތައް ހިމަނައިގެން، އަންނަ އަހަރު ޓެސްލާ އިން ރޮބޮޓެއް ނެރެން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

"ހިއުމަނޮއިޑް ރޮބޮޓް" އާ ބެހޭ މައުލޫމާތުތައް ވެސް އޭނާ ދެއްވާފައިވެ އެވެ. ކާރު އުފައްދާ ކުންފުނިން ތައްޔާރުކުރާ މި ރޮބޮޓަކީ އިންސާނުންގެ ފުރާނަ އަށް ނުރައްކާވާ ކަހަލަ މަސައްކަތްތަކާއި އިންސާނުން ކުރަން ގަޔާނުވާ ޒާތުގެ މަސައްކަތްތައް ކުރަން ހާއްސަކޮށްގެން ނެރޭ "ޓެސްލާ ބޮޓް" އެވެ.

މި ޕްރޮޓޯޓައިޕްގެ އިސްކޮޅުގައި ހުންނާނީ ފަސް ފޫޓް އަށް އިންޗި އެވެ. ބަރުދަނުގައި 125 ކިލޯ ހުންނަ ރޮބޮޓަށް 45 ކިލޯގެ ތަކެތި އުފުލޭނެ އެވެ. ރޮބޮޓްގެ ޑެޑްލިފްޓަކީ 150 ކިލޯ އެވެ. "ޓެސްލާ ބޮޓް" ގެ އަތަކުން 10 ކިލޯ އުފުލޭނެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި "ޓެސްލާ އޭއައި ޑޭ އިވެންޓް" ގައި އީލޮން ވިދާޅުވީ އަމާޒަކީ އިގުތިސާދީ މަސައްކަތުގެ ތެރޭގައި ބޭނުންކޮށްލެވޭނެ ފުރިހަމަ ރޮބޮޓެއް ނެރުން ކަމަށެވެ.

"ހަމަމިއާ އެކު އަހަރެމެންގެ މައިގަނޑު އެއް ޓާގެޓަކީ މި ރޮބޮޓަކީ މާ އަގު ބޮޑު އެއްޗަކަށް ނުހެދުން. އެކަމަކު ކޮލިޓީ އާއި ޕަފޯމަންސް ގުރުބާނެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް "ޓެސްލާ ބޮޓް" ވިޔަފާރި އުސޫލުން ބާޒާރަށް ނެރޭނެ އިރަކާއި އަގަކާއި އޭގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް އީލޮން ވިދާޅެއް ނުވެ އެވެ.

މިހާރު ތަފާތު އެކި ކަހަލަ މަސައްކަތްތަކަށް ހާއްސަކޮށްގެން ރޮބޮޓް ނެރުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ސިނާއީ މަސައްކަތްތަކަށާއި ސިއްހީ ދާއިރާގެ މަސައްކަތްތައް ހާއްސަ ރޮބޮޓް ވެސް ހިމެނެ އެވެ.