Roadha Mihaaru
ސަލްމާނާ އެކު "ބިގް ބޮސް 15" ގެ ޕްރޮމޯއެއް

ސަލްމާނާ އެކު "ބިގް ބޮސް 15" ގެ ޕްރޮމޯއެއް

23 އޯގަސްޓް 2021

މި މަހުގެ ކުރީކޮޅު ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ކުރިއަށް އޮތް ސީޒަން އެ ޗެނެލްގެ ސްޓްރީމިން ޕްލެޓްފޯމުން ދައްކަމުން އަންނަ އިރު، ސަލްމާން ޚާނާ އެކު ޓީވީ އަށް ވަރަށް އަވަހަށް ޝޯއެއް އަންނާނެކަން ހާމަކޮށް ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ކުރިއަށް އޮތް ސީޒަން އެ ޗެނެލްގެ ސްޓްރީމިން ޕްލެޓްފޯމުން ދައްކަމުން އަންނަ އިރު، ސަލްމާން ޚާނާ އެކު ޓީވީ އަށް ވަރަށް އަވަހަށް ޝޯއެއް އަންނާނެކަން ހާމަކޮށް ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

އެ ޕްރޮމޯގައި ފެންނަނީ ޖަންގައްޔެއްގެ ތެރޭގައި ހުރި ތަފާތު ރީތި ގަހަކާ ބެހޭ ގޮތުން ސަލްމާން ވާހަކަ ދައްކާ ތަނެވެ.

ސަލްމާނަކީ "ބިގް ބޮސް" ގެ ރަސްމީ ހޯސްޓެވެ. މި ފަހަރު ކަރަންއާ އެކު ޝޯގެ 15 ވަނަ ސީޒަން "ބިގް ބޮސް ވޫޓް" ގެ ނަމުގައި މި މަހުގެ 8 އިން ފެށިގެން ސްޓްރީމްކުރަމުން އަންނަ އިރު، ސަލްމާނާ އެކު މި ޝޯ، "ބިގް ބޮސް 15" ގެ ގޮތުގައި ޓީވީ އަށް އަންނާނީ ކަރަން ގެނެސްދިން ބައިތަކާ އެކު ސަލްމާނާ އެކު ޝޯ ކުރިއަށް ގެންދާ ގޮތަށެވެ.

މިއީ "ބިގް ބޮސް" ގެނެސްދޭން ފެށި ފަހުން މި ފޯމެޓަށް ޝޯ ގެނެސްދޭ ފުރަތަމަ ފަހަރެވެ. ކުރިން "ބިގް ބޮސް" ގެ އެޕިސޯޑްތައް ސްޓްރީމްކުރަނީ ޓީވީން ގެނެސްދޭ ވަގުތާ ދާދި އެއް ވަގުތެއްގަ އެވެ.

ބެލެވޭ ގޮތުން "ބިގް ބޮސް 15" ކަލާޒް އިން ދައްކަން ފަށާނީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.

ކަރަންއާ އެކު ފެށި ޝޯގެ ބައިވެރިންނަކީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި މަޝްހޫރު ޓީވީ އެކްޓަރު ރާގޭޝް ބަޕަޓް އާއި ކަލާޒް އިން މިހާރު ދައްކަމުން އަންނަ "ހަތުރޯން ކޭ ކިލާޅީ" ގައި ވާދަކުރަމުން އަންނަ ވަރުން ސޫދުގެ ލޯބިވެރިޔާ ދިވްޔާ އަގަރްވާލް އާއި ލަވަކިޔުންތެރިޔާ ނޭހާ ބާސިން އާއި ޓީވީ ތަރިން ކަމަށްވާ އަކްޝަރާ ސިންގް އާއި ރިދިމާ ޕަންޑިތާއި ކަރަން ނާތު އާއި ކޮރިއޮގްރާފަރު ނިޝާންތު ބަޓާއި ޒީޝާން ޚާނާއި ޕްރަތީކް ސެހެޖްޕާލް އާއި އުރްފީ ޖާވިދާއި މުސްކާން ޖަޓާނާގެ އިތުރުން މިލިންދު ގާބާ އެވެ. އުރްފީ ވަނީ މިހާރު ޝޯއިން ކަޓައިފަ އެވެ.

ކަލާޒް އިން "ބިގް ބޮސް 14" މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމައިލި އިރު، ޝޯ ކާމިޔާބުކުރީ މަޝްހޫރު ޓީވީ ބަތަލާ ރުބީނާ ދިލައިކް އެވެ.