Roadha Mihaaru
ފޭސް ދޭއްގައި ކެފޭ، ފިހާރަ ހަދާނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ފޭސް 2ގައި ފިހާރަ/ ކެފޭ އަދި ފާމަސީ ހިންގާނެ ބަޔަކު ހޯދަނީ

22 އޯގަސްޓް 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ބައިގައި ކެފޭ، ފިހާރަ އަދި ކްލިނިކަކާއި ފާމަސީ ހިންގަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ބައިގައި ކެފޭ، ފިހާރަ އަދި ކްލިނިކަކާއި ފާމަސީ ހިންގަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ވަކިވަކިން ކޮށްފައިވާ އިއުލާނުތަކުގައިވާ ގޮތުން އެ ތަނުގައި ފިހާރަ ހެދުމަށް ޝައުގުވެރިވާ މީހުންނަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ބިޑް ސެކިއުރިޓީއާ އެކު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ އެޗް13 ގެ ޓަވަރެއްގެ 1،093.40 އަކަ ފޫޓުގެ ޖާގަ އެކެވެ.

ކެފޭ ހެދުމަށް ހުޅުވާލާފައިވާ ތިން ޓަވަރަކީ އެޗް7 އާއި އެޗް9 އަދި އެޗް13 އެވެ. މިއީ 1،096 އާއި 2،196 އަކަ ފޫޓާ ދެމެދުގެ ޖާގަ ތަންތަނެވެ. ކެފޭ ހެދުމަށް ބޭނުންވާ ނަމަ، އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ 2:00 ގެ ކުރި އެވެ.

ފާމަސީ ހެދުމަށް ޝައުގުވެރިވާ ނަމަ، އެކަމަށް އެދި ޕްރޮޕޯސަލް ހެދުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 2:00 ގެ ކުރިއަށެވެ. މިކަމަށް ހުޅުވާލި ތަނުގެ ޖާގައަކީ އެޗް11 ގެ 539 އަކަފޫޓެވެ.

އެޗް6 ޓަވަރުގެ ގްރައުންޑް ފްލޯގެ 2،190 އަކަ ފޫޓުގެ ޖާގައެއްގައި ކްލިނިކް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ.

އެޗްޑީސީން އާންމުކުރި އިއުލާނާ އެކު ޕްރޮޕޯސަލްގެ ކުރިން އޮންނަ ބައްދަލުވުމާއި އިއުލާނުގައިވާ ކަންކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭނެ ގޮތް ވެސް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްްލޯ ހާއްސަ ކޮށްފައި ކޮމާޝަލް ޔުނިޓްތަކަށެވެ. އެޗްޑީސީން ކުރިން ވެސް އެތަނުގެ އެކި ޔުނިޓްތައް ވިޔަފާރީގެ ބޭނުމަށް ހުޅުވާލިއިރު މިހާރު އެކި ފަރާތްތަކުން އެތަނުގައި ވިޔަފާރި ކުރާ ތަންތަން ހަދަމުން އެބަދެ އެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުނާ އެކު އެއްބަސްވުމުގައި ސޮއިކުރަމުން އަންނައިރު މިހާރު ފްލެޓް ލިބުނު ގިނަ މީހުން އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރި މީހުން، އެތަނުގެ ފިނިޝިން މަސައްކަތް ނިންމުމުގެ މަސައްކަތް ފަށާފައިވާއިރު ޖެނުއަރީ މަހުގެ ތެރޭގައި އެތަންތަނުގައި މީހުން އާބާދުވާން ފަށާނެ އެވެ. އޭގެ ކުރިން އެތަނުން އަސާސީ ހިދުމަތް ލިބޭވަރު ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.