Roadha Mihaaru
ހުޅުމާލެ ބީޗު ކެފޭ ނެގުން ނޫން ގޮތެއް ނެތް: އެޗްޑީސީ

ހުޅުމާލެ ބީޗު ކެފޭތައް ނެގުން ނޫން ގޮތެއް ނެތް، ބޭނުން ކުރެވޭ މިންގަނޑެއް ހަދާނަން: އެޗްޑީސީ

21 ޖުލައި 2019

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ކެފޭ/ ރެސްޓޯރަންޓުތައް މި ވަގުތަށް ނެގުން ނޫން ގޮތެއް ނެތް ކަމަށާއި އެތަން ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ މިންގަނޑެއް ފަހުން ހަދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ކެފޭ/ ރެސްޓޯރަންޓުތައް މި ވަގުތަށް ނެގުން ނޫން ގޮތެއް ނެތް ކަމަށާއި އެތަން ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ މިންގަނޑެއް ފަހުން ހަދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުލާމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ގޮނޑި ޖަހައިގެން ހިންގާ ކެފޭތައް ނަގަން އެޗްޑީސީން ވަނީ މި މަހުގެ 30 ގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ. ބީޗް ސަރަހައްދުގެ ކެފޭ/ ރެސްޓޯރަންޓުތައް ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޗްޑީސީން ކުރިން ވެސް އިންޒާރު ދިނެވެ. އެކަމަކު، އެ ތަންތަނުގައި ވިޔަފާރި ކުރާ މީހުން އެޗްޑީސީ އާއި އޭސީސީގެ އެންގުމަށް ބޯލަނބާފައެއް ނުވެ އެވެ.

ބީޗް ސަރަހައްދުގައި ހިންގާ ކެފޭ/ ރެސްޓޯރަންޓުތައް ނަގަން އެޗްޑީސީން އެންގީ އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ޖެހޭ ހޮޅިތަކެއް ވަޅުލުމުގެ މަސައްކަތް ފަށާތީ އެވެ.

ސުހައިލް "މިހާރު" އަށް ވިދާޅުވީ ބީޗު ސަރަހައްދުގައި ހުރި ކެފޭ/ ރެސްޓޯރަންޓުތައް ނަގަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ބޭނުން ކުރާ ހޮޅިތަކެއް އެ ސަރަހައްދުގައި ވަޅުލަން ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހޮޅިތައް ވަޅުލާނީ މިހާރު މޭޒާއި ގޮނޑި ޖަހާފައި ހުރި ތަނުގަ އެވެ. އެތަނުގައި ސުހައިލް ވިދާޅުވި ގޮތުގައި ފަސް ހޮޅިއެއް ވަޅުލުމަށް ވަނީ ހަމަޖެހިފަ އެވެ.

"ވިޔަފާރިވެރިންނާއި އެޗްޑީސީއާ މިހާރު ކުރަމުން އަންނަ މަޝްވަރާއަކީ ހުރިހާ ތަނެއް އެއްފަހަރާ ނަގާނީތޯ ނުވަތަ ބައި ބަޔަށް އެ ތަންތަން ނަގާނީތޯ. މަޝްވަރާ ކުރަނީ ނުނަގާ ގޮތަކަށް ނޫން. ހޮޅި ވަޅުލުމަށްޓަކައި ކޮންމެހެން ވެސް އެ ތަންތަން ނަގަން ޖެހޭނެ،" ސުހައިލް ވިދާޅުވި އެވެ.

ބީޗު ސަރަހައްދުގައި ބައެއް ކެފޭ/ ރެސްޓޯރަންޓުތައް ހިންގާ ވިޔަފާރިވެރިން ބުނި ގޮތުގައި ކޮންމެވެސް އުސޫލެއްގެ ތެރެއިން ބީޗު ސަރަހައްދު ބޭނުންކުރެވިދާނެ ފުރުސަތު ހުޅުވާލެވިދާނެ އެވެ. އެޗްޑީސީ އަށް ފީއެއް ދައްކައިގެން ނަމަވެސް އެ އިންތިޒާމް ހަމަޖައްސައިދޭން އެ މީހުން އެދެ އެވެ.

އެ މީހުން ބުނި ގޮތުގައި ބީޗް ސަރަހައްދުގައި ވޯޓަ ސްޕޯޓްސްގެ ހިދުމަތް ދިނުމަށް ދީފައި، އެތަނުގައި ކެފޭ/ރެސްޓޯރަންޓު ހިންގަން ހުއްދަ ނުދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ އެވެ. އެހެންވެ، މިކަމުގައި ވެސް ހަމަހަމަ އުސޫލެއް އެޗްޑީސީން ގެންގުޅެން ޖެހޭ ކަމަށް އެ ވިޔަފާރިވެރިން ދެކެ އެވެ.

ސުހައިލް ވިދާޅުވީ އެޗްޑީސީން އާންމު ކުރާ މިންގަނޑެއްގެ ތެރެއިން އެތަނުގައި ކެފޭ/ ރެސްޓޯރަންޓުތައް ހިންގުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި މައްސަލައަކަށް ވެގެން އުޅެނީ އެ ތަންތަން ހިންގާ މީހުން "ބައުންޑަރީން" ބޭރަށް ދިއުން ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

"ފަހުން އެ ތަންތަން ހިޔާކޮށް، ބަދިގެ ހަދާ، ބާބަކިއު ހަދާ ހިސާބަށް ދިޔައީމަ ދަތިވީ. ހޮޅި ވަޅުލާ ނިމުނީމަ ބޭނުން ވަނީ އާންމުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބާއްވަން. ބޭނުމެއް ނުވޭ، އެ މީހުންނަށް (ކެފޭ/ރެސްޓޯރަންޓުތަކަށް) ބޭނުން ނުކުރެވޭ ގޮތަކަށް އެތަން ބާއްވާކަށެއް ވެސް،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީޗް ސަރަހައްދަކީ އާންމުން ބޭނުން ކުރަން އޮންނަ ތަނެކެވެ. އެހެންވެ، އެތަން ކެފޭ/ރެސްޓޯރަންޓުތަކުން ބޭނުން ކުރާނެ މިންގަނޑެއް ހަދައި އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ މިންގަނޑު އާންމު ކުރާނެ ވަކި އިރެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހޮޅި ވަޅުލުމަށް އަށް މަސް ދުވަސް ހޭދަވާ އިރު، އެތަނުގައި މޭޒާއި ގޮނޑި ޖަހައިގެން ކެފޭ/ ރެސްޓޯރަންޓުތައް ހިންގާ ނަމަ، އެ މަސައްކަތް ނުހިނގާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ. އެހެންވެ، އެ ތަންތަނުން ގޮނޑި އާއި މޭޒުތައް ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ ރެސްޓޯރަންޓް މިހާރު ހިންގަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޭސީސީ އިން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ. އަދި އެއްވެސް ކުއްޔަކާ ނުލައި ހުޅުމާލެ ބީޗް ސަރަހައްދުގައި ކެފޭ/ ރެސްޓޯރަންޓް ހިންގުމަކީ އަދުލުވެރި އަދި އިންސާފުވެރި ގޮތަކަށް ނުވާތީވެ، އެކަން ރެގިއުލޭޓު ކުރެވޭނެ އުސޫލަކަށް އަމަލު ކުރުމަށް ވެސް އޭސީސީން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ.