Roadha Mihaaru
ޒިޔާދަށް ކުރާ ދައުވާ ދެ މަސް ތެރޭގައި ނިންމަނީ

ޒިޔާދުގެ މައްޗަށް ކުރާ ދައުވާ ދެ މަސް ތެރޭގައި ނިންމަނީ

22 އޯގަސްޓް 2021

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރާ ދައުވާ ދެ މަސް ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރާ ދައުވާ ދެ މަސް ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޒިޔާދުގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގަ އެވެ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާކުރެ އެވެ.

ކްރިިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޒިޔާދުުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ އެ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެ މައްސަލަ އަވަހަށް ނިންމާލެވޭނެ ކަމަށާއި އެކަމަކު ދައުލަތުން ބޭކާރު މައްސަލަތަކަށް ކޯޓުތަކަށް ހުށަހަޅަމުން ދާތީ ގާނޫނު ތަސައްވުރު ކުރާ އެކަށީގެންވާ މިންވަރަށް އެ ޝަރީއަތް ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރު ވިދާޅުވީ އެ މައްސަލާގެ ތިން އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމާލެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ، މި މަސް ތެރޭގައި ވެސް އަޑުއެހުން ބާއްވަން އޭނާ އެދިވަޑައިގަތެވެ. އަދި ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލަން ވެސް އޭނާ އެދިވަޑައިގަތެވެ.

އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ މައްސަލަ ނިންމާލެވޭނެ ގޮތަށް ތާވަލެއް އެކުލަވާލުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް މައްސަލައެއް ކަމަށް ވެސް ގާޒީ ނިންމެވި އެވެ.

އެ މައްސަލަ ބެއްލެވުމާ ގާޒީ މިސްބާހު ހަވާލުވެ ވަޑައިގަތީ ކުރިން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ޑްރަގް ކޯޓަށް ބަދަލުވެ ވަޑައިގަތުމުންނެވެ. އޭގެ ކުރިން އެ މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

އެސްޖޭއާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ، އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.