އއ. މަޑިވަރު ފަޅުގައި އޮންނަ ވެލިގަނޑު ރިސޯޓުން، "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ކުރާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓުވައިދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
23 އޯގަސްޓް 2021
އއ. މަޑިވަރު ފަޅުގައި އޮންނަ ވެލިގަނޑު ރިސޯޓުން، "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ކުރާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓުވައިދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ރަސްދޫ، މަޑިވަރު ސަރަހައްދަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 2018 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އެކަން އެހެން އޮއްވައި "ވެލިފިނޮޅު"ގެ ނަމުގައި އެ ސަރަހައްދުގައި ރަށެއް ހިއްކުމުގެ މަސައްކަތް ކްރައުން ކޮމްޕެނީން ފަށާފައިވާ ކަމަށާއި އެކަމަށް ވެލިނަގަމުން ދަނީ ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ.
ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވީ ވެލިގަނޑު ރިސޯޓުން ކުރަމުން އަންނަ މަސައްކަތަށް ވެލިބެޑް ޖަހާފައި ވަނީ ވެލިގަނޑު ރިސޯޓްގެ އިހުތިސާސް ހިނގާ ސަަރަހައްދަށް ވުރެ ބޭރުގައި ކަަމަށް ތޮއްޑޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"ވެލިފިނޮޅު ބޮޑުކުރުމަށް ވެލި ނެގުމަށް، އަދި ހިލަ ބާޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އޭގެ ސެޑިމެންޓޭޝަން ފެތުރި، ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމަހެޑް ޝާކް ޕޮއިންޓް ކިލަނބުވެ، ނުފެންނާތީ އެކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ،" ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވި އެވެ.
އެހެންވެ، އެ މަސައްކަތް ހުއްޓުވައިދިނުމަށާއި އެ މަައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އޭނާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވައިލެއްވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ވެލިފިނޮޅު ހިއްކުން ހުއްޓުވައިދޭން ގޮވާލައި އޭނާ މިއަދު މައްސަލައެއް ހުށަހެޅުއްވި-- ފޮޓޯ: މަޖިލީހުގެ އިދާރާ
އެ މައްސަަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރި ބަހުސްގައި ޝިޔާމް ވިދާޅުވީ މަޑިވަރު ފަޅުގެ އެ ސަަރަހައްދަކީ ހިޔާމަތްކޮށްފައިވާ ސަރަހައްދަކަށް ވާއިރު، ކްރައުން ކޮމްޕެނީން މިހާރު ކުރިއަށް ގެންދާ އެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ފަނާވެ ނެތިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެ ސަރަހައްދަކީ ރާއްޖޭގައި "ހެމަހެޑް ޝާކް" (ކާލިގަނޑު މިޔަރު) އަރާ ހަމަ އެކަނި ސަަރަހައްދު ކަމަށާއި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ފީނަން ފައިބަނީ ވެސް އެ ސަރަހައްދަށް ކަމަށެވެ.
"ބޮޑު އަގު ދައްކާފައި ފީނަން ފައިބާ މީހާ އަށް އިއްޒަތްތެރި ރައީސް އެ [ކާލިގަނޑު މިޔަރު] ނުފެނުނީމާ އޭގެ ޝަކުވާ ކުރާނެ. ޑައިވިނަށް ދަނީ ހެމަހެޑް ޝާކް ބަލައިލަން، އެކަމަކު މި ފެންނަނީ ނިދަން މިޔަރެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެެއީ ޓޫރިޒަމް ދާއިރާ މާކެޓް ކުރާ ފަރާތްތަކުން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި ރިސޯޓްތަކުން އެއްވެސް އިމެއް ނެތި އެ މީހުންގެ މަސައްކަތް ފުޅާ ކުރުމަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުގެ ބޮޑު ޝަކުވާއެއް ކަމަށެވެ. ރަސްދޫ ހިމެނޭ ސަރަހައްދަކީ ޖިއޮގްރަފީގެ ގޮތުން ވަކި ސަރަހައްދެއް ކަމަށާއި އެއީ ހިމާޔަތްކުރަން ޖެހޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިމާވެށީގެ ގޮތުން މިއީ ވަރަށް ބޮޑަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ސަރަހައްދެއް. މި ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި މި މަޝްރޫއު މިހާރުން މިހާރުން މިހާރަށް، ސަަރުކާރުން އެބަ ހުއްޓުވަން ޖެހޭ،" ޝިޔާން ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ގެންގޮސް ދިރާސާކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ. މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ.
ގުޅީފަޅު ހިއްކުމުން ފަރަށް ގެއްލުންވާތީ މަޖިލީހަށް
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"
މާކިއުރީ ހިމެނޭ އާލާތްތައް ބޭނުންކުރުން ހުއްޓާލަނީ
އިތުރު މެމްބަރުންނާ މިދަނީ ވާހަކަ ދައްކަމުން: ރައީސް
މި ބަދަލުވީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް:ޝިޔާން
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"
ކޮތަޅު ބޮނޑިން ޓެކްސް އިސްތިސްނާކުރަން ދެކޮޅު!