Roadha Mihaaru
ލަނޑު ޖަހައި އުފާފާޅުކުރިއަސް ގޯލް ސައްހައެއް ނުވި

ލަނޑުޖަހައި އުފާފާޅުކުރިޔަސް ރޮނާލްޑޯގެ ގޯލް ސައްހައެއް ނުވި

23 އޯގަސްޓް 2021

އުޑިނޭޒީ (އޮގސްޓް 23) - އުޑިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުޅެ 2-2 އިން ރޭ އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައި އުފާފަޅުކޮށް އަދި ރީނދޫ ކާޑެއް ހޯދިޔަސް އޭނާގެ ގޯލް ސައްހަ ނޫން ކަމަށް ވީއޭއާރުން ދައްކައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އުޑިނޭޒީ (އޮގސްޓް 23) - އުޑިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުޅެ 2-2 އިން ރޭ އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައި އުފާފަޅުކޮށް އަދި ރީނދޫ ކާޑެއް ހޯދިޔަސް އޭނާގެ ގޯލް ސައްހަ ނޫން ކަމަށް ވީއޭއާރުން ދައްކައިފި އެވެ.

ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ އުޅޭ ކަމަށް ވާހަކަ ފެތުރިފައިވާ ދުވަސްވަރެއްގައި، ޔުވެންޓަސްގެ ކޯޗު މަސްމިލިއާނޯ އެލެގްރީ ނިންމީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން މެޗު ފެށުމަށެވެ. ފުރަތަމަ ހާފުގައި ޕައުލޯ ޑިބާލާ އާއި ހުއަން ކުއެޑްރާޑޯގެ ލަނޑުތަކުން ޔުވެންޓަސް އިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އުޑިނޭޒީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ 60 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާގެ ބަދަލުގައި ރޮނާލްޑޯ ކުޅެން ނުކުތެވެ. މެޗުގެ 83 ވަނަ މިނެޓްގައި ޖެރާޑް ޑެއުލެފޫ އުޑިނޭޒީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ކުރިން މެޗުގެ 52 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ރޮބާޓޯ ޕެރެއިރާ އުޑިނޭޒީގެ ފުރަތަމަ ލަނޑު ޖެހި އެވެ.

ރޮންލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ޖޮޒީ ބާލައިގެން --- ފޮޓޯ: ގެޓީ އިމޭޖަސް

ރޮންލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ޖޮޒީ ބާލައިގެން --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ފެޑެރީކޯ ކިއޭޒާ ނަގައިދިން ހުރަހެއް ބޮލުން ވައްދާލައި ރޮނާލްޑޯ ޔުވެންޓަސް އަށް ލީޑު ނަގައިދިނެވެ. ފަހު ވަގުތުގައި ލަނޑު ޖަހައި ލީޑު ނަގައިދިނުމުން ރޮނާލްޑޯ ވަނީ އުފާފާޅުކުރުމުގެ ގޮތުން އޭނާގެ ޖޮޒީ ބާލައިފަ އެވެ. އެކަމާ ގުޅިގެން ރެފްރީ އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

އުފާފާޅު ކުރި ފަހުން ވީއޭއާރް ޓީމުން ވަނީ ރޮނާލްޑޯގެ ލަނޑު ރިވިއު ކޮށްފަ އެވެ. ވީއޭއާރުން ދެއްކީ ރޮނާލްޑޯ އޮފްސައިޑްވެފައިވާ ކަމަށެވެ. އެހެންވެ އެ ލަނޑު ސައްހަ ނުވުމުން ޔުވެންޓަސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.