Roadha Mihaaru
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ ދައްކާލައިފި

24 އޯގަސްޓް 2021

މި އަހަރުގެ އެންމެ އުންމީދީ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޒުވާން އެކްޓަރު ޓޮމް ހޮލެންޑްގެ ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެންމެ އުންމީދީ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޒުވާން އެކްޓަރު ޓޮމް ހޮލެންޑްގެ ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާޒް އިން މީގެ ރަސްމީ ޓްރެއިލާ އަންގާރަ ދުވަހު އާންމުންނަށް ދޫކޮށްލީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ޓްރެއިލާ ލީކްކުރުމުން އެކަމަށް ފިޔަވަޅު ވެސް އެޅުމަށް ފަހު އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަކީ ޓޮމް ޓޮމް ސްޕައިޑަ-މޭންގެ ރޯލުން ފެންނަ ތިން ވަނަ ފިލްމެވެ. ޖޮން ވޮޓްސް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ބެނެޑިކްޓް ކަމްބަބެޗް، ޖެމީ ފޮކްސް، ބެނެޑިކްޓް ވޮންގް، ޖޮން ފެވަރޯ، މަރީޒާ ޓޮމީ، ވިލެމް ޑަފޯ، ޒެންޑާޔާ އަދި އަލްފްރެޑް މޮލީނާ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

ފިލްމުގެ ޓްރެއިލާ ވަރަށް ޝައުގުވެރިކޮށް ގެނެސްދީފައިވާ އިރު، އެއަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މި ފިލްމު ސިނަމާތަކުގައި ތަޖުރިބާކޮށްލުމަކީ މި އަހަރު ލިބޭނެ އެންމެ ބޮޑު އެއް އުފަލަށް ވާނެ އެވެ.

ޓޮމްއާ އެކު ގެނެސްދިން ސްޕައިޑަ-މޭންގެ ކުރީގެ ދެ ފިލްމަކީ 2017 ގެ "ސްޕައިޑަ-މޭން: ހޯމްކަމިން" އާއި 2019 ގެ "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އެވެ.

މި ދެ ފިލްމު ބޮކްސް އޮފީހުގައި ހޯދި ކާމިޔާބީ އަށް ބަލާ އިރު 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ހޯމްކަމިން" އަކީ 880.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ފާ ފްރޮމް ހޯމް" އަކީ 1.132 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.