Roadha Mihaaru
ޝިޔާމްގެ ވާހަކަަތައް ފެނަކައިން ދޮގުކޮށްފި

ފެނަކައިން ބުނަނީ ސިޔާސީ ފިކުރު ތަފާތު ވިޔަސް ވަޒީފާ އިން ވަކިނުކުރާ ކަމަށް

24 އޯގަސްޓް 2021

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގދ. އަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި ފަރެސްމާތޮޑާ އަށް ދިޔަ ޓީމުގެ މީހުންނާ ސަލާންކޮށް، މަރުހަބާ ކިޔުމުން ފެނަކައިގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ ކޯލިޝަނުން ދައްކާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގދ. އަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި ފަރެސްމާތޮޑާ އަށް ދިޔަ ޓީމުގެ މީހުންނާ ސަލާންކޮށް، މަރުހަބާ ކިޔުމުން ފެނަކައިގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ ކޯލިޝަނުން ދައްކާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އެ ކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސިޔާސީ ފިކުރާ ހެދި އެއްވެސް މީހަކު މަގާމުން ވަކިނުކުރާ ކަމަށާއި މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަނީ މަސައްކަތް ރަނގަޅު ނުވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ވިސްނުން ތަފާތުވުމުން މުވައްޒަފުން މަގާމުން ވަކިކުރާ ކުރުން ފެނަކައިން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެ ފަދަ މައްސަލަތަކުގައި މިހާރު މުވައްޒަފުން ވަކިނުކުރާ ކަމަށާއި އެކަމަކު އެ މުވައްޒަފަކު އާންމުންނަށް ދޭ ހިދުމަތް ގޯސް ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ ހިދުމަތް ރަނގަޅު ނުވާ ނަމަ ކޮންމެ ފިކުރެއްގެ މީހަކަށް ވިޔަސް، ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ. އެގޮތަށް އަޅުގަނޑުމެން މިހާރު މި އަމަލުކުރަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފަރެސްމާތޮޑާގެ ފެނަކަ ބްރާންޗުން ހަތަރު މުވައްޒަފަކު ވަކިކުރީ ވެސް މަސައްކަތުގެ ފެންވަރު ރަނގަޅު ނުވުމުންނެވެ. އެ އެންމެންނަކީ ވެސް އެއާޕޯޓު ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް މީގެ 26 ވަރަކަށް ދުވަސް ކުރިން ވަގުތީ ގޮތުން ނެގި ބައެކެވެ.

ނަމަވެސް، ވަޒީފާ އިން ވަކިކުރި މީހުންގެ ތެރެއިން ނަދީމް މުހައްމަދު ނަމަކަށް ކިޔާ މީހަކު ބުނީ އޭނާ ވަޒީފާއިން ވަކިކުރީ، ސިޔާސީ ބައެއްގެ އިސްތިގުބާލަށް ރަށުގެ ބަނދަރަށް ދިއުމުން ކަމަށް އެ ރަށުގެ ފެނަކަ މެނޭޖަރު އަންގާފައިވާ ކަމަށެވެ.

"ހުކުރު ދުވަސް ވީމާ ރަށުގެ ބަނދަރާ ދިމާލުގައި ތާސްކުޅެން ވެގެން މި އިނީ. އެގޮތަށް ތިއްބައި، ޝިޔާމްމެން [ޕީޕީއެމްގެ ނައިބު ރައީސް] ރަށަށް ވަޑައިގަތުމުން ސަލާމްކޮށްލީމާ ކަމަށް މި ބެލެވެނީ ވަކިކުރީ. އަޅުގަނޑު ދިޔައީ އެ ބޭފުޅުންނަށް މަރުހަބާ ކިޔާކަށް ނޫން،" ނަދީމް ބުންޏެވެ.

"ނަމަވެސް ވަޒީފާ އިން ވަކިކުރީމާ މެނޭޖަރާ ސުވާލު ކުރުމުން ވިދާޅުވީ ސިޔާސީ ބަޔަކު ރަށަށް ދިޔައީމާ، އެ ބޭފުޅުންގެ އިސްތިގުބާލަށް ދިއުމުން ކަމަށް ކަނޑާލީ."

ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރަން އެންމެ ފުރަތަމަ އެންގީ 10 މުވައްޒަފަކަށް ކަމަށް ނަދީމް ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ޓުވީޓް

ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ފަރެސްމާތޮޑާ އަށް ދިޔަ ދުވަހު އެ ރަށުގެ ބަނދަރުމަތިން އެ ބޭފުޅުންނާ ސަލާން ކޮށްލި ކަމަށްޓަކައި "އަޅުގަނޑުގެ އަހު ނަދީމް" އާ އެކު އެތަކެއް ޒުވާނުންނެއް ވަނީ ފެނަކައިގެ ވަޒީފާ އިން ވަކިކޮށްފައި ކަމަށެވެ.

"އިންޝާ ﷲ މި ވެރިކަން ވަރަށް އަވަހަށް ނިމޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ސިޔާސީ ފިކުރުތަކާ ގުޅިގެން މުވައްޒަފުން ވަކިކުރުން ނިމުމަކަށް އައިސްފައިވާ ކަމަށް ސައީދު ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސިޔާސީ އެކި މައްސަލަތަކުގައި ފެނަކައިން މުވައްޒަފުން ވަކިކޮށް، ނުވަތަ މަސައްކަތްކުރާ ތަން ބަދަލުކުރިކަމުގެ ތުހުމަތުތައް ކުރި އެވެ. އަދި މި ސަރުކާރުގެ ބައެއް ކުންފުނިތަކުން މީގެ ކުރިން ވެސް އެ ކަން ކޮށްފައިވާ ކަމަށް ބުނެ މުވައްޒަފުން މައްސަލަ ޖައްސާފައި ވެ އެވެ. އެކަމަކު، ކޮންމެ ފަހަރަކު އެ ކުންފުނިތަކުން ބުނަނީ އެގޮތަށް ފިޔަވަޅު އަޅަނީ ވަޒީފާގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކޮށްގެން ކަމަށެވެ.