Roadha Mihaaru

ކޮވިޑް ވެކްސިންގައި ރާއްޖެ އަށް ބޮޑު ކުރިއެރުމެއް!

26 އޯގަސްޓް 2021

މުޅި ދުނިޔެ ވަށައިލި ހާސްކަމާ އެކު ސައިންސްވެރިން އަވަސްވެގަތީ ކޮވިޑް-19 ބަލި ކުރެވޭނެ ބޭހެއް ނުވަތަ ވެކްސިނެއް އުފައްދާށެވެ. ޓެކްނޮލޮޖީ އާއި ސިއްހީގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ސައިންސްވެރިން އެ މަސައްކަތުގައި އުޅުނުއިރު، ރާއްޖެއިން ދިޔައީ ވީ އެންމެ އަވަހަކަށް ވެކްސިން ލިބޭނެ މަގުތައް ހޯދަމުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި ދުނިޔެ ވަށައިލި ހާސްކަމާ އެކު ސައިންސްވެރިން އަވަސްވެގަތީ ކޮވިޑް-19 ބަލި ކުރެވޭނެ ބޭހެއް ނުވަތަ ވެކްސިނެއް އުފައްދާށެވެ. ޓެކްނޮލޮޖީ އާއި ސިއްހީގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ސައިންސްވެރިން އެ މަސައްކަތުގައި އުޅުނުއިރު، ރާއްޖެއިން ދިޔައީ ވީ އެންމެ އަވަހަކަށް ވެކްސިން ލިބޭނެ މަގުތައް ހޯދަމުންނެވެ.

ފެބްރުއަރީ 1، 2021 ގައި ރާއްޖޭގެ ތިން ބާރުގެ ވެރިން ފެއްޓެވި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 379،379 މީހަކު ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވެ އެވެ. ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 300،427 މީހުންނެވެ. މިިދިޔަ ހަފުތާގެ އާދިއްތަ ދުވަހު 12-17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށުމުން، ރާއްޖޭގައި ވެކްސިން ޖަހާ އުމުރު ވަނީ 12 އަހަރަށް ދަށްކޮށްފަ އެވެ. އެ އުމުރުގައި އެކަނި ވެސް 30،000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ޖަހާފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ޖަވާހިރަށްވުރެ ވުރެ މާކެޓުގައި މިހާރު އެންމެ ޑިމާންޑު ބޮޑު އެއްޗަކީ ކޮވިޑް ވެކްސިނެވެ. އެހެން ހުރިހާ ގައުމަކުން ވެސް ބަލިން ރައްކާތެރިވެ، ނިއު ނޯމަލަކަށް ދިއުމަށް ވެކްސިން ހޯދަން މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅު ރާއްޖެއިން ކުރި މަސައްކަތާއި ލިބުނު ނަތީޖާއާ މެދު ނަޒްލާ ހުންނެވީ ހިތްހަމަޖެހިވަޑައިގެންފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ކޮވިޑު ވެކްސިން ހަދިޔާކުރަން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު އަދި ހެލްތު މިނިސްޓަރު ނަސީމާއި އިންޑިއާ ސަފީރު ސަންޖޭ އަދި ސަރުކާރުގެ އިސްވެރިން މި ބައިވެރިވެވަޑައިގަންނަވަނީ -- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑިއާއިން ރާއްޖެއަށް ކޮވިޑު ވެކްސިން ހަދިޔާކުރަން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު އަދި ހެލްތު މިނިސްޓަރު ނަސީމާއި އިންޑިއާ ސަފީރު ސަންޖޭ އަދި ސަރުކާރުގެ އިސްވެރިން މި ބައިވެރިވެވަޑައިގަންނަވަނީ -- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެކަމަކު، ރާއްޖޭގައި މީގެ ކުރިން ނުހިންގާ ވަރުގެ ވަރުގަދަ ވެކްސިނޭޝަން ކެމްޕެއިނެއް ފަށައި ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ތަފާތު އެކި ވެކްސިން ރައްކާކުރަން ޖެހޭ ގޮތް ބަދަލުުވުމެވެ.

"މިއިން ދުވަހަކު ވެސް އެއްވެސް ވެކްސިނެއް ނުގެންގުޅޭ ޓެމްޕަރޭޗާގައި ގެންގުޅެންޖެހޭ ވެކްސިން ވެސް އެބަހުރި މީގެ ތެރޭގައި. އެކި މެނުފެކްޗަރާސްއިން މި ހުންނަނީ އެކި ގޮތްގޮތުން، އެކި ފަރާތްތަކުން ވެކްސިން ލިބެނީ. ބައިވަރު މީހުންނާ ޑީލްކުރަންޖެހޭ. އެހެންވެ، މިއީ ވަރަށް އުނދަގޫ ކަމެއް. ގިނަ ފަހަރަށް ވެކްސިން ސީދާ ލިބޭނީ ކޮން އިރަކު ކަން، ކިހާ ވެކްސިނެއްކަމުގެ ޔަގީންކަމެއް ވެސް ނޯވޭ،" ނަޒްލާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑު ވެކްސިން ޖައްސަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑު ވެކްސިން ޖައްސަވަނީ

އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން އަދި ޑިޕްލޮމެޓިކް ގުޅުމުގެ ސަބަބުން ރާއްޖެ އަށް ވެކްސިން ލިބުނަސް އެ ހުރިހާ ކަމަކަށް ވެސް އެތައް ވަގުތެއް ހޭދަވެ އެވެ. އާ ވެކްސިނެއް ވުމުން ރާއްޖެ އަށް އެ އެއްޗެހި އެތެރެކުރެވެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީކުރުމަށް ފަހުގަ އެވެ.

ވެކްސިން ހޯދުމުގެ މަސައްކަތް އެއް ޓީމުން ކުރަމުން ދިޔައިރު، ދެން ތިބި މީހުން ދިޔައީ ލިބޭނެ ކަމަށް ލަފާކުރާ ވެކްސިނަށް ބަލައި، އެ ޖެހޭނެ މީހުންނާއި އުމުރު ކަނޑައަޅައި ވެކްސިން ރައްކާކުރާނެ ގޮތްތައް ބަލަމުންނެވެ. އެހެންވެ، އިންޑިއާއިން އެންމެ ފުރަތަމަ 100،000 ޑޯޒު ވެކްސިން ހަދިޔާކުރިއިރު ރާއްޖެއިން ހުރީ އެ ހުރިހާ ކަމަކަށް ތައްޔާރުވެފަ އެވެ. އަދި ވެކްސިން ދިނުމުގައި އިސްކަންދޭނެ ފަރާތްތައް ވެސް ނިންމައި އިއުލާނުކޮށްފަ އެވެ.

ނަޒްލާ ވިދާޅުވީ ކޮވެކްސް ފެސިލިޓީން ހިލޭ ވެކްސިން ލިބުނަސް ވަރަށް ގިނަ މަސައްކަތް އެކަމާ ގުޅޭގޮތުން ކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ވެކްސިން ބެހެއްޓޭނެ ޖާގައާ، އެ ރައްކާކުރެވޭނެ ކަމުގެ ޔަގީންކަން އެ ފަރާތަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު މަސައްކަތް ކޮށްގެން އަސްލު ކުޑަ ވެކްސިން ކޮޅެއް ވެސް މި ލިބެނީ. އެއާއެއްކޮށް، ވެކްސިން ލިބުނީމަ ނޭޝަނަލް އިމިއުނިޒޭޝަން ޕްރޮގްރާމާ ގުޅިގެން މި ކަނޑައަޅަނީ، މިހާރު މި ވެކްސިން މި ހުރީއޭ، އެހެންވީމަ މިހާރު އެންމެ މުހިއްމީ ކޮން ބަޔަކަށްތޯ މި ވެކްސިން ޖަހަން. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދާއެއްކޮށް ބަލާފައި."

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އެހެން ގްރޫޕެއް މަސައްކަތްކުރަން ޖެހޭ ލޮޖިސްޓިކަށް ވެސް. އޭތި ބެހުމާއި އިތުރު ކަންކަން. އެހެން އެއްޗެހި ފޮނުވާހެން ވެކްސިނެއް ނުފޮނުވޭނެ،" ކޮވިޑް ކޮންޓްރޯލްކުރުމުގެ އޮޕަރޭޝަނަށް ކަނޑައަޅާފައިވާ ތަރުޖަމާނު، ނަޒްލާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދަމުން އަންނަ އާ ދިރާސާތަކާ އެކު ވެކްސިނާ ގުޅޭ ކަންކަމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ހޯދައި އަދި ވެކްސިން ދޭނެ މީހުން ތަމްރީނުކުރުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އެހާ ކުރު މުއްދަތެއްގައި އަދި ބައެއް ހިސާބުތަކުގައި ގަދައަށް ކޮވިޑު ފެތުރެމުން ދިޔައިރު އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ، ވެކްސިން ޖެހުމުގެ ތަމްރީނުތައް ގެންދިޔައީ އޮންލައިންކޮށެވެ.

"ވެކްސިން ޖަހާނެ ގޮތް، ރައްކާކުރާނެ ގޮތް ކިޔައިދީފައި އަދި އޭގެ އިތުރަށް ކިޔައިދޭންޖެހޭ ސައިޑް އިފެކްޓެއް އައިސްފިއްޔާ މެނޭޖުކުރާނެ ގޮތް... ކޮންމެ ރައުންޑެއްގައި ކޮންމެ ވެކްސިނެއް ވެސް ދޭން މި ފެށެނީ ވަރަށް ބައިވަރު ޓްރެއިނިންތަކެއް ދީގެން ބެކްރައުންޑުގައި،" އޭނާ ވިދާޅުވި އެވެ.

"މީހުންނަށް ފެންނާނީ ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހަދައިގެން އެ ތަނުގައި ހުންނަ މީހަކު ސިރިންޖެއް ނަގައިގެން ވެކްސިން ޖަހާތަން. އެކަމަކު، އޭގެ ފަހަތުގައި ވަރަށް ބައިވަރު މަސައްކަތްކުރޭ."

މީހަކު ކޮވިޑު ވެކްސިން ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީހަކު ކޮވިޑު ވެކްސިން ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ވެކްސިނެއް ވުމުން ފުރަތަމަ ދުވަސްވަރު އެ ޖަހަން ޖެހިލުންވިޔަސް ދިވެހިންނަކީ އަބަދު ވެސް ވެކްސިން ޖެހުމަށް ބާރުއަޅާ ބައެއްކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

ބަލި ކޮންޓްރޯލުކުރުމަށް ވުރެ އިސްކަންދެނީ ވެކްސިން ޖެހުމަށް

ކޮވިޑުން ރައްކާތެރިވުމަށް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި، ކޮވިޑުގައި މީހާއަށް ބޮޑުވަރުވިޔަ ނުދީ ސަލާމަތްކޮށްދިނުމާއި ދިގު މުއްދަތެއްގެ ތެރޭގައި އަންނަ އުނދަގޫތަކުން ލުއިކޮށްދިނުން ހިމެނެ އެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ވެސް މި ފަހުން އައި ރާޅުގައި މަރުވި މީހުންގެ އަދަދުންނެވެ.

މިދިޔަ އޭޕްރީލް/މެއި ހިސާބުގައި ކޮވިޑުގައި 50 އަށްވުރެ ގިނަ މީހުން މަރުވިއިރު އޭގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުންނެވެ. އަދި ބަލީގައި މީހާގެ ހާލަތު ގޯސްވެ އެ ދުވަސްވަރު އެޑްމިޓުކުރި މީހުންގެ ތެރޭގައި ވެސް ވެކްސިން ނުޖަހާ މީހުން ގިނައިން ތިއްބެވެ.

އެ ކަންތައްތަކާ ގުޅިގެން ސަރުކާރުން މި ވަގުތު އެންމެ އިސްކަމެއް ދެނީ ކޮވިޑް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ވުރެ ބޮޑަށް ވެކްސިން ދިނުމުގެ ކެމްޕެއިން ވަރުގަދަކުރާށެވެ.

ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅުމުން އޭގެ އުނދަގޫވާކަން އެނގޭ ކަމަށާއި ސްކޫލަށް ގިނަ ދުވަހު ނުގެންދެވުމުން ހާއްސަކޮށް ނާޒުކު ހާލަތުގައި ތިބި ކުދިން ސްކޫލަށް ނުދެވެމުން ވާ ގެއްލުން ވެސް އެނގޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެކަމުގެ ތެރެއިން ސަރުކާރަށް ލިބުނު އިތުރު ހިތްހަމަޖެހުމަކީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފެށުމެވެ. ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވާއިރު، އެ ކުދިންގެ ތެރޭގައި ބަލި ނުފެތުރި އަދި އާ އާއްމު ހާލަތެއްގައި ކިޔަވައިދިނުމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ވެސް ވެކްސިނެވެ.

"އެހެންވެ މި ބުނަނީ ބަލިން ރައްކާތެރިވާ ކަންކަން ކުރުމޭ ބޮޑަށް ބޭނުންވަނީ. ކޮވިޑު އަނެއްކާ ވެސް ގިނަ ވެއްޖިއްޔާ އަނެއްކާ ވެސް ކޮންޓްރޯލްކުރަން ޖެހޭނެ ފިޔަވަޅުތައް އަޅަން،" އޭނާ ވިދާޅުވި އެވެ.

ވެކްސިން ނުޖަހާ ތިބި މީހުންނަށް ސަރުކާރާއި ކެފޭ/ރެސްޓޯރެންޓުތަކުން ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިކުރާއިރު ވެސް، ވެކްސިން ނުޖަހާ ބަޔަކު އެބައުޅެ އެވެ. އޭގެ ތެރޭގައި ޒުވާނުން ގިނަ އެވެ.

މީހަކު، ކޮވިޑު ވެކްސިން ޖެހުމަށް ސެންޓަރެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީހަކު، ކޮވިޑު ވެކްސިން ޖެހުމަށް ސެންޓަރެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި ސަބަބު ކޮންމެ ވެސް ވަރަކަށް އަންނަނީ ބަލަމުންނެވެ. އެންމެ ބޭނުންވާ މައުލޫމާތު ނުލިބުނަސް، އެހެން ބައެއް ސާވޭތަކާ ހަވާލައިދީ އޭނާ ވިދާޅުވީ ވެކްސިން ޖެހުމުން އަންނާނެ ސައިޑް އިފެކްޓަށް ޖެހިލުންވެ، ވެކްސިން ނުޖަހާ ތިބި ބައެއް މީހުން ވެސް ވެކްސިން ޖަހާފައިވާ ކަމަށެވެ.

ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތް: ވެކްސިން ހޯދުން

ދުނިޔޭގެ އެހެން ހިސާބުތަކުގައި ކޮވިޑު ފެތުރެން ފެށިއިރު ރާއްޖެއިން އެންމެ ފުރަތަމަ ބެލީ މި ހިސާބަށް އެ ބަލި ފޯރާނެހެން ހީވާ ހުރިހާ ހިސާބެއް ބަންދުކުރާށެވެ. އަދި އެ ބަލި ފެނިއްޖެނަމަ އެ ފެތުރުން ވީހާ ވެސް ބޮޑަށް ކޮންޓްރޯލްކޮށް، ހިފެހެއްޓުމަށްފަހު އެ ލިބޭ ވަގުތުގައި ރާއްޖޭގައި ފެސިލިޓީތައް ހެދުމަކީ އޭރުގެ ޕްލޭނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލީގެ ފަރުވާއަށް ލިބުނު އެންމެ ބޮޑު އުއްމީދު، ވެކްސިންގެ ޓްރަޔަލްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެށުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވީ ވީހާ ވެސް އަވަހަކަށް ވެކްސިން ލިބޭނެ ގޮތްތައް ބެއްލެވުން ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ބައިވެރިވެވަޑައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެންދެވީ އެ މަސައްކަތުގެ ތަފްސީލު ހޯއްދަވަމުންނެވެ.

"ފުރަތަމަ ފެށިއިރު ވެސް އެނގުނު ވެކްސިނޭޝަންކަން އެންމެ މުހިއްމު ސްޓްރެޓެޖީއަކަށް ގެންގުޅެންޖެހޭނީ އެއްވެސް ވިންޑޯއެއް ލިބިއްޖެއްޔާ. އެގޮތަށް ގަންނަން ލިބުނު ފުރަތަމަ ވިންޑޯ އައީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި. އެއީ އެސްޓްރަޒެނެކާއިން ވެކްސިން އޮފާކުރިއިރު ގަންނަން ލިބުނީ،" މަބްރޫކް ވިދާޅުވި އެވެ.

"އެ ވިންޑޯގެ ބޭނުން ހިފި ރާއްޖެއިން. އެހެން ބައެއް ސަރަހައްދުތަކުގެ ގައުމުތަކަށް ލިބުނު ގެއްލުމަކީ ނެގޯޝިއޭޓުކުރުމަށް ގިނަ ވަގުތު ހޭދަވުމުން އެ ވިންޑޯ ވެސް ގެއްލުނީ. ރާއްޖެއިން ފުރަތަމަ ލިބުނުއިރު މި ގަތީ. ރައީސް ވިދާޅުވި ކޮންމެ ކަމެއް ހުއްޓާލަން ޖެހުނަސް ވެސް މިއަށްވުރެ މުހިއްމު ކަމެއް ނޯންނާނެއޭ، އެއީ އެއްޔޭ ރައްކާތެރިކަން ހޯދުމަށް ކުރެވޭނެ މަސައްކަތަކީ."

އެސްޓްރަޒެނެކާއެކު މަޝްވަރާކޮށް ރާއްޖޭގެ އާބާދީއަށް ވާ ވަރަށް 700،000 ޑޯޒު ޔަގީންކުރި އެވެ. އޭގެ އިތުރުން، ބޮޑެތި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ އަދި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ލިބޭނެ ގޮތްތައް ބެލި އެވެ.

ހަމަ އެ ދުވަހު ބޭއްވި އެހެން ބައްދަލުވުމެއްގައި ވަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާއެކު ކުރާ މަސައްކަތް ހުއްޓާނުލުމަށް އަދި އެއް ފަރާތަކަށް ބުރަވެގެން ނުތިބެ، ވީހާ ވެސް އަވަހަށް ވެކްސިން ލިބޭނެ ފުރުސަތުތަކުގެ ބޭނުން ހިފުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.

ނަމަވެސް، އޭގެ ފަހުން ދުނިޔޭގެ ހާލަތު ބަދަލުވެ ވެކްސިނަށް އޮތް ޑިމާންޑު ބޮޑުވުމުން އެސްޓްރަޒެނެކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވެކްސިން ލިބުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވި އެވެ.

ސްކޫލެއްގެ ދެ ދަރިވަރަކު، ވެކްސިން ޖެހުމަށް ހިތްވަރުދީ ބޯޑެއް ހިފަހައްޓައިގެން.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލެއްގެ ދެ ދަރިވަރަކު، ވެކްސިން ޖެހުމަށް ހިތްވަރުދީ ބޯޑެއް ހިފަހައްޓައިގެން.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"ބައިނަލްއަގުވާކީ އެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރަން ދެ އަހަރު ކުރި މަސައްކަތުގެ ބޭނުމެއް ނެތް އެ ފުރުސަތުގެ ބޭނުން ނުހިފިއްޖެއްޔާ. ރާއްޖޭގެ މުޅި ޑިޕްލޮމެޓިކް ސާވިސް، ހުރިހާ އޮފީހަކުން، ހުރިހާ ގައުމެއްގައި އެ މީހުން ގާއިމްވެ ތިބޭ ގައުމަކާއި އެ ސްކޯޕްގައި ހިމެނޭ ގައުމުތަކާ އެކު މަޝްވަރާކުރަން ފެށީ ކިހިނެއްތޯ ރާއްޖެއަށް ވެކްސިން ހޯދޭނީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްވަރާގައި ބައެއް ގައުމުތަކުން ކޮވެކްސްގެ ދަށުން އަދި އަނެއް ބައި ގައުމުތަކުން ސީދާ ރާއްޖެއަށް ވެކްސިން ދޭން އެއްބަސްވި ކަމަށެވެ. ސަރުކާރުން އުއްމީދުކުރި ވަރަށްވުރެ އަވަހަށް ރާއްޖެއަށް ވެކްސިން ލިބުނީ ވެސް އެ މަސައްކަތްތަކުގެ ސަބަބުންނެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަަށް ވެކްސިން ޖަހައި އެހެން ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކަމުގެ މިސާލެއްގެ ގޮތުން މަބްރޫކު ދެއްކެވީ ކަރަންޓީނު ވުމަށް އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމެވެ. ސީދާ އެ ގައުމުން ނުދެވޭ އެތައް ތަނަކަށް ރާއްޖޭގައި ކަރަންޓީނު ވުމުގެ ސަބަބުން ދަތުރުކުރެވޭ ކަމަށާއި އެއީ ވެކްސިނޭޝަންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ މި މަސް ނިމުމުގެ ކުރިން، އާބާދީގެ 90 ޕަސެންޓަށް ވެކްސިންދީ ނިންމާށެވެ. އެއަށްފަހު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަށް ލުއިދީ ނިއު ނޯމަލަކަށް ދާށެވެ. ނަމަވެސް އެ ހުރިހާ ކަމެއް މިހާރު މި އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ.