Roadha Mihaaru
އާންމުންގެތެރޭ ބަލި ނުފެތުރޭކަން ޔަގީންކުރަން ދިރާސާއެއް

ކޮވިޑް-19: އާންމުންގެ ތެރޭ ބަލި ނުފެތުރޭކަން ކަށަވަރުކުރަން ދިރާސާއެއް ހަދަނީ

06 އެޕްރީލް 2020

އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރޭކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށާއި އެކަން ކަށަވަރުކުރަން އިތުރު ދިރާސާއެއް ހަދަމުން އަންނަކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރޭކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށާއި އެކަން ކަށަވަރުކުރަން އިތުރު ދިރާސާއެއް ހަދަމުން އަންނަކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަދި ފަރުވާއެއް ހޯދިފައިނުވާ ބަލި އާންމުންގެ ތެރޭގައި ފެތުރޭތޯ ދެ ގޮތަކަށް ބަލަމުން އަންނަ ކަމަށެވެ. އެއް ގޮތަކީ، ނަޒްލާ ވިދާޅުވި ގޮތުގައި، ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމެވެ. ދެ ވަނައަށް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ.

އޭގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ސާމްޕަލް ނަގައި އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެ ބަލި އުޅޭތޯ ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އައި އިރު ނެތް އިންޑިކޭޝަނެއް ލިބިފައި... މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ ޔަގީންކުރުމަށް އިތުރު ސްޓަޑީއެއް ހެދުމަށް،" ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެވޭނީ އިރެއް ލަފާކުރެއްވޭތޯ "މިހާރު" ން ސުވާލުކުރުން ނަޒްލާ ވިދާޅުވި އެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު އަބަދު ނޫޅެވޭނެކަން ފާހަގަކުރައްވަމުން ނަޒްލާ ވިދާޅުވީ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ކުރިން، ޔަގީންކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެކަމަށް ހަދަންޖެހޭ ދިރާސާގައި ސާމްޕަލް ނަގާނެ ބަޔަކާއި ގޮތްތަކާއި އަދި ސާމްޕަލްގެ އަދަދުތައް ނިންމުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ އަޅުގަނޑުމެން ސްޓަޑީއެއް ތައްޔާރުކުރާނަން،"

ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފި ނަމަ އެ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ވެސް ބަލަމުން އަންނަ ކަމަށެވެ. ކޮމިއުނިޓީ ސްޕެރެޑެއް ނެތްކަން ޔަގީންވުމުން ލުއި ކުރާނެ ފިޔަވަޅުތަކުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރާނެ ކަމަށާއި އެ ޕްލޭންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އަދި ރާއްޖެއިން ވެސް މިހާރު ވެސް ފެނިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.