Roadha Mihaaru
ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ބިން ދީފި

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓާ ހަވާލުކޮށްފި

29 ނޮވެމްބަރ 2016

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އެ ބިން ހަވާލުކުރިކަމުގެ ރަމްޒީ ލިޔުމުގައި ހަވާލުވެވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖުން އެންމެ ބޮޑު ބިމެއް ހާއްސަކޮށްފައިވަނީ ކުނި ނައްތާލުމުގެ މަސައްކަތަށެވެ. މި ބިން އެންވަޔަރަމެންޓް މިނިސްޓްރީގެ ބެެލުމުގެ ދަށުން ތަރަައްގީކޮށް ނިމުމުން މާލޭގެ ކުނީގެ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން ކުނި އުކާލައި މެނޭޖުކުރުމަށް އެތައް ފައިސާއެއް ކޮންމެ އަހަރަކު ހަރަދު ކުރޭ. ކުނީގެ ސަބަބުން ސްކޫލު ކުދިންނާއި މާލޭގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ވެސް ކުރިމަތިވޭ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް [އަބްދުﷲ] ޔާމީން ނިންމެވީ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް ވިދާޅުވި ގޮތުގައި، އެ ބިމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އެ ސެންޓަރަށް ގެންނަ ކުނީގެ ބަރުދަން ބަލައި އެކި ބާވަތުގެ ކުނި ވަކިކުރުމަށް ފަހު ތިލަފުއްޓަށް ގެންގޮސް، ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުނި އުފުލަން ހާއްސަކޮށްފައިވާ އުޅަނދުފަހަރަށް މި ސަރަހައްދަށް ސީދާ ކައިރިކުރެވޭނެ،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވެމްކޯއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބޮޑު މަޝްރޫއެއް ފަށާފައި ވާއިރު، ކުނި އުފުލާނެ 20 ޓްރައިސައިކަލް ހޯދަން ބަޔަކާ ހަވާލުކޮށް، ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން، ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިންޑަސްޓްރިއަލް ވިލެޖު ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގުދަންތަކާއި ގަރާޖުތައް ފަދަ ތަންތަން ވެސް ހިމެނެ އެވެ.