Roadha Mihaaru
ބިލު ތަސްދީގުކޮށް، ބަނދަރު ކުލި ބޮޑުކޮށްފި

ބިލު ތަސްދީގުކޮށް، ބަނދަރު ކުލި ބޮޑުކޮށްފި

29 ނޮވެމްބަރ 2016

ރާއްޖޭގެ ކަނޑުގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ މިންވަރު ބޮޑު ކުރަން، ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ބަނދަރު ކުލި ބޮޑުވީ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކަނޑުގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ މިންވަރު ބޮޑު ކުރަން، ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ބަނދަރު ކުލި ބޮޑުވީ އެވެ.

މި ބިލު ރައީސް ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އަދި ގެޒެޓުގައި ޝާއިއުކުރުމުން މި ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.

މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އަޒްހާން ވިދާޅުވީ، ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދަަކަށް ވާތީ މިއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެކަށީގެން ނުވާ ކުއްޔެއް ކަމަށެވެ.

އަލަށް ހަމަޖެއްސި ބަނދަރު ކުލި

- 200 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200ރ.

- 200 ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300ރ.

- 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400ރ.

- 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500ރ.

- 2000 ގްރޮސް ޓަނުން ފެށިގެން އިތުރުވާ ކޮންމެ 500 ޓަނަކަށް 250ރ.

ކުރިން ނަގަމުން އައި ކުލި:

- 100 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50ރ.

- 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 500 ޓަނު ހަމަނުވާ އުޅަނދަކުން 200ރ.

- 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300ރ.

- 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400ރ.

- 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200ރ.

ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ބަނދަރުގައި އޮންނަތާ އެއް ހަފުތާ އާއި 45 ދުވަހާ ދެމެދު ކޮންމެ ދުވަހަކަށް 65 ރ. ނަގާނެ އެވެ. އޭގެ އިތުރުން 46 ދުވަހުން ފެށިގެން 90 ދުވަހާ ހަމަ އަށް ދުވާލަކަށް 100ރ. ނަގާނެ އެވެ. ނަމަވެސް 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ދުވަހަކަށް ނަގަމުން އަންނަ 150ރ. އަށް ބަދަލެއް ނާންނާނެ އެވެ. އަދި ރެޖިސްޓްރީ ކޮށްގެން ދުއްވާ 1000 ގްރޮސް ޓަނު ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލިި ނުނަގާނެ އެވެ.

މީގެ އިތުރުން ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ކުލި ދައްކަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ ބަނދަރަކުން ބޯޓެއް ފުރައިގެން ދާން ވާނީ ކުއްޔެއް ދައްކަން ޖެހޭނަމަ، އެ ދައްކައި ނިންމުމަށް ފަހު އެވެ.