Roadha Mihaaru
ޓީއެމްއޭ އިން ލަންކާ އެއާލައިން ގަންނަން ހުށަހަޅައިފި

ޓީއެމްއޭގެ ކުންފުންޏަކުން ސްރީލަންކަން އެއާލައިންސް ގަންނަން ހުށަހަޅައިފި

30 ނޮވެމްބަރ 2016

ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސިންގަޕޫރުގެ ކުންފުންޏަކުން ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ބޮޑު ބައެއް ގަނެ، ލަންކާގައި ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސިންގަޕޫރުގެ ކުންފުންޏަކުން ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ބޮޑު ބައެއް ގަނެ، ލަންކާގައި ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ހުށަހަޅައިފި އެވެ.

އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނި ގޮތުގައި ލަންކާގެ ގައުމީ އެއާލައިންގެ ބައެއް ގަތުމަށް ހުށަހެޅި ދިހަ ފަރާތުގެ ތެރޭން އެންމެ މަތިން މާކްސް ލިބިފައި ވަނީ ވެސް ޓީއެމްއޭ އާއި ސިންގަޕޫރުގެ އެސްއޭޓީއެސް ކުންފުނިން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ސުޕަ ގްރޫޕް ޕާޓްނާސް ކޮމްޕެނީ ލިމިޓެޑަށެވެ. ސްރީލަންކަންގެ 80 ޕަސެންޓް ހިއްސާ ގަންނަން ހުށަހަޅާފައިވާ އެ ކުންފުންޏަށް 68 ޕޮއިންޓް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ސުޕަ ގްރޫޕުން ހުށަހަޅާފައި ވަނީ، ސަންޑޭ ޓައިމްސް އިން ބުނި ގޮތުގައި، ދިހަ އަހަރަށް ބަހާލައިގެން ޖުމްލަ ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ލަންކާގައި ކުރުމަށެވެ. އޭގެ ތެރޭން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ސްރީލަންކަންގެ ދަރަނި އަދާކުރަން ހޭދަކުރާއިރު، ބާކީ ބައި އިންވެސްޓް ކުރުމަށް ހުށަހަޅާފައި ވަނީ ވައިގެ ދަތުރުފަތުރާއި އެއާ ގުޅުން ހުރި އެކި މަޝްރޫއުތަކަށެވެ.

ޓީއެމްއޭގެ ބިޑު:

- ބިޑު ހުށަހެޅީ ޓީއެމްއޭ އާއި ސިންގަޕޫރުގެ އެސްއޭޓީއެސް އިން ގުޅިގެން އުފައްދާފައިވާ ސުޕަ ގްރޫޕް ޕާޓްނާސް ކޮމްޕެނީ ލިމިޓެޑުން

- ހުށަހެޅީ 80 ޕަސެންޓް ގަންނަން

- 10 އަހަރުން ފަސް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ހުށަހެޅި

- ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު

އެނގިފައިވާ ގޮތުގައި ސްރީލަންކަން ގަންނަން އިންވެސްޓް ކުރަނީ ޓީއެމްއޭގެ މައި ކުންފުނި، އެމެރިކާގެ ބްލެކްސްޓޯނުންނެވެ. ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ފާމް ކަމަށްވާ ބްލެކްސްޓޯން އިން ވަނީ ފެބްރުއަރީ 2013 ގައި ރާއްޖޭގެ މޯލްޑިވިއަން އެއާޓެކްސީ އާއި ޓީއެމްއޭގެ ބޮޑު ބައެއް ގަނެ، އެ ދެ ކުންފުނި އެއްކޮށްލައި ޓީއެމްއޭގެ ނަމުގައި ހިންގަން ފަށައިފަ އެވެ. އެއާ އެކު، ޓީއެމްއޭ ވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށެވެ.

ޓީއެމްއޭ އާ ބައިވެރިވެފައިވާ އެސްއޭޓީއެސް އަކީ އޭވިއޭޝަން ދާއިރާގެ ހިދުމަތްތައް އެންމެ ފުޅާ ދާއިރާގައި ދޭ ސިންގަޕޫރުގެ ކުންފުންޏެވެ. އެ ކުންފުނިން ސިންގަޕޫރު މައި އެއާޕޯޓް ކަމަށްވާ ޗަންގީ އެއާޕޯޓުގެ ހުރިހާ ހިދުމަތްތަކެއް ވެސް ބަލަހައްޓާއިރު، ރާއްޖޭގެ އިންފްލައިޓް ކޭޓަރިން ކުންފުނި ވެސް ހިންގަނީ އެސްއޭޓީއެސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގުޅިގެންނެވެ.

ދަރަނި ބޮޑުވެ، މާލީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ސްރީލަންކަން އެއާލައިންސް ޕްރެވަޓައިޒް ކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ސެޕްޓެމްބަރު 23 ގެ ނިޔަލަށް ހުޅުވާލި އެވެ.

ސްރީލަންކަން އެއާލައިންސްގެ ބޯޓެއް ނައްޓާލަނީ: ދަރަނި ބޮޑުވެ، ލަންކާގެ ގައުމީ އެއާލައިން އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި.-- ފައިލް ފޮޓޯ: އޭއެފްޕީ

ސްރީލަންކަން އެއާލައިންސްގެ ބޯޓެއް ނައްޓާލަނީ: ދަރަނި ބޮޑުވެ، ލަންކާގެ ގައުމީ އެއާލައިން އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި.-- ފައިލް ފޮޓޯ: އޭއެފްޕީ

އެ މުއްދަތުގައި ސްރީލަންކަން ގަންނަން ހުށަހެޅި ބިޑުތައް ދިރާސާކުރީ ލަންކާގެ ސަރުކާރުން އެކަމަށް ހަމަޖެއްސި ސަރުކާރުގެ ބޭންކެއް ކަމަށްވާ ނެޝެނަލް ސޭވިންސް ބޭންކް (އެންއެސްބީ) އާއި ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ ކޭޕީއެމްޖީގެ ޓީމަކުންނެވެ. އެ ޓީމުގެ ރިޕޯޓް ލަންކާގެ ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ އަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޮމިޓީންނެވެ.

ސްރީލަންކަންގެ 80 ޕަސެންޓް ގަންނަން ސުޕަ ގްރޫޕުން ހުށަހެޅިއިރު، ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިކާއޯ)ގެ މިންގަނޑުތައް ބުނާ ގޮތުން އެއްވެސް ގައުމެއްގެ ގައުމީ އެއާލައިންގައި ބޭރުގެ ބަޔަކަށް 45 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް ނުގެންގުޅެވޭނެ އެވެ. އެހެންވެ، ސުޕަ ގްރޫޕަށް މި ބިޑް ކާމިޔާބުވެއްޖެ ނަމަ، ލަންކާގެ ގައުމީ އެއާލައިންގެ ޝަރަފް ސްރީލަންކަން އަށް ގެއްލޭނެ އެވެ.

ސްރީލަންކަން، ޕްރެވަޓައިޒް ކުރަން ކުރާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ބަޖެޓް އެއާލައިން ކަމަށް މިހިން ލަންކާ މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި އަލަށް ގެންނަން އުޅުނު ބައެއް ބޯޓުތައް ނުގެންނަން ވެސް ވަނީ ނިންމައިފަ އެވެ.