Roadha Mihaaru
އިކުއެޑޯ އިން ބްރެޒިލް ހިފަހައްޓައިފި

އިކުއެޑޯ އިން ބްރެޒިލް ހިފަހައްޓައިފި

05 ޖޫން 2016

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 5) - އެމެރިކާގައި 1994 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލް ކުޅުނު މަޝްހޫރު ރޯސް ބޯލް ސްޓޭޑިއަމުގައި، މިއަދު ކުޅުނު ކޮޕާ އެމެރިކާ ސެންޓެނަރިއޯ މެޗުގައި ބްރެޒިލާއި އިކުއެޑޯ 0-0 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 5) - އެމެރިކާގައި 1994 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލް ކުޅުނު މަޝްހޫރު ރޯސް ބޯލް ސްޓޭޑިއަމުގައި، މިއަދު ކުޅުނު ކޮޕާ އެމެރިކާ ސެންޓެނަރިއޯ މެޗުގައި ބްރެޒިލާއި އިކުއެޑޯ 0-0 އިން އެއްވަރުވެއްޖެ އެވެ.

މުބާރާތުގައި ރޭ ކުޅުނު އަނެއް ދެ މެޗަށް ބަލާއިރު ކޮސްޓާރިކާ އާއި ޕެރެގުއޭ 0-0 އިން އެއްވަރުވިއިރު ހެއިޓީ އަތުން ޕެރޫ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ގްރޫޕް ބީ ގެ މެޗުގައި އިކުއެޑޯ އާއި ބްރެޒިލް ލަނޑެއް ނުޖެހި އެއްވަރުވިއިރު ކެޕްޓަން ނޭމާ ނެތުމުން ބްރެޒިލްގެ ކެޕްޓަން ބޭންޑް އެޅީ ޑެނީ އަލްވެސް އެވެ. މި މެޗުގައި ބްރެޒިލް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނުއިރު އިކުއެޑޯ އިން ވަނީ ބްރެޒިލަށް ބާރުބޮޑުކޮށްފަ އެވެ.

މި މުބާރާތުގައި ނޭމާ ނުކުޅެނީ އޮލިމްޕިކްސްގައި ކުޅުމަށޭވެ. ބާސެލޯނާ އިން ނޭމާ އަށް ހުއްދަ ދީފައި އޮތީ ގައުމީ ޓީމަށް ކޮންމެވެސް އެއް މުބާރާތެއްގައި ކުޅުމަށެވެ. އޭނާ ކޮޕަ އެމެރިކާގައި ނުކުޅުނު ނަމަވެސް ޓީމަށް ސަޕޯޓްކުރުމަށް އޭނާ މިވަގުތު ހުރީ އެމެރިކާ އަށް ގޮހެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ހެއިޓީ އަތުން 1-0 އިން ޕެރޫ މޮޅުވިއިރު ހަމައެކަނި ލަނޑު ޖަހައިދިނީ ބަޔާން މިއުނިކުގެ ކުރީގެ ފޯވާޑް ޕައޮލޯ ގުއެރޭރޯ އެވެ. ޕެރޫ ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތްއިރު ބްރެޒިލާއި އިކުއެޑޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް އޭ ގެ ކޮސްޓާރިކާ އާއި ޕެރެގުއޭ 0-0 އިން އެއްވަރުވިއިރު މި ގްރޫޕުގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ކޮލަމްބިއާ އެވެ. ކޮސްޓާރިކާ އާއި ޕެރެގުއޭ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު އެމެރިކާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.