Roadha Mihaaru
ކޮންމެބޯލް އަދި ރެފްރީން ވެސް ތިބީ ބްރެޒިލާ ދެކޮޅަށް

ކޮންމެބޯލް އަދި ރެފްރީން ވެސް ތިބީ ބްރެޒިލާ ދެކޮޅަށް: ވިނީޝިއުސް

29 ޖޫން 2024

ލާސް ވޭގަސް (ޖޫން 29) - ކޮޕާ އެމެރިކާގައި ދަށް ފެށުމަކަށް ފަހު، ދެވަނަ މެޗުގައި 4-1 އިން ޕެރަގުއޭ ބަލިކުރި މެޗުގައި ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ، މުބާރާތް އިންތިޒާމް ކުރާ ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އަށް ފާޑު ކިޔައިފި އެވެ.

ލާސް ވޭގަސް (ޖޫން 29) - ކޮޕާ އެމެރިކާގައި ދަށް ފެށުމަކަށް ފަހު، ދެވަނަ މެޗުގައި 4-1 އިން ޕެރަގުއޭ ބަލިކުރި މެޗުގައި ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ، މުބާރާތް އިންތިޒާމް ކުރާ ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އަށް ފާޑު ކިޔައިފި އެވެ.

ވިނީޝިއުސްގެ ދެ ގޯލާ އެކު މެޗު ކާމިޔާބު ކުރުމަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން އޭނާ ވަނީ ދަނޑުތަކުގެ ހާލަތާއި، މުބާރާތުގެ ރެފްރީންނަށް ވެސް ފާޑު ކިޔައިފަ އެވެ.

"އަހަރެމެން މި މަސައްކަތް ކުރަނީ ދުނިޔޭގެ ފުޓްބޯޅައިގައި ބްރެޒިލް އޮންނަން ޖެހޭ ހިސާބަށް ގެންދަން. ކޮޕާ އެމެރިކާގައި ކުޅުމަކީ އުނދަގޫ ކަމެއް. މި ސްޓޭޑިއަމްތަކުގެ ޕިޗުތަކުގެ ހާލަތު ވަރަށް ގޯސް. ރެފްރީން ވެސް އަހަރެމެންނާ ވަރަށް އިދިކޮޅު. ކޮންމެބޮލް އިން އަޅައެއް ނުލާ،" ވިނީޝިއުސް ބުންޏެވެ.

މިއަހަރުގެ ކޮޕާ އެމެރިކާ ބާއްވަނީ ސަރަހައްދުން ބޭރުގައި، އެމެރިކާގަ އެވެ. އެމެރިކާ އަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. ކޮޕާ އެމެރިކާގައި ބޭނުންކުރާ ސްޓޭޑިއަމްތަކުގެ ތެރެއިން ގިނަ ސްޓޭޑިއަމްތަކަކީ ވޯލްޑް ކަޕްގައި ވެސް ބޭނުންކުރާނެ ސްޓޭޑިއަމްތަކެވެ.

މި މެޗުގައި ނުރައްކާ ކޮށް ފެނުނު ބްރެޒިލް އަށް ވަނީ 28 ވަނަ މިނިޓުގައި ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ލޫކަސް ޕަކޭޓާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒު ނުވިއަސް، އޭނާ ވަނީ އޭގެ ހަތް މިނިޓު ފަހުން ބްރެޒިލް އިން ލީޑު ނެގި ގޯލު އެސިސްޓް ކޮށްފަ އެވެ. މި ގޯލު ޖެހީ، ފުރަތަމަ މެޗުގައި ހަމަލާއެއް ފޮނުވާނުލެވުނު ފޯވާޑް ވިނީޝިއުސް އެވެ.

ހާފު ނިމެނިކޮށް، ޖިރޯނާއަށް ކުޅޭ ފޯވާޑް ސަވިއޯ ލީޑު ފުޅާ ކޮށްދިންއިރު، ހާފު ނިންމާލީ އިތުރު ވަގުތުގައި ވިނީޝިއުސް ޖެހި ލަނޑުން، ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. ފަހު ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޕެރަގުއޭގެ ހަމައެކަނި ގޯލު ޖެހީ އޮމަރު އަލްދެރެޓޭ އެވެ. ބްރެޒިލްގެ ފަހު ލަނޑު 65 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ޕަކޭޓާ އެވެ.

"އަހަރެންނަށް އެނގޭ ގައުމީ ޓީމަށް އެހީވާން އަހަރެންނަށް ވަރަށް ރަނގަޅަށް ކުޅެވޭނެކަން. ބްރެޒިލްގެ އަސްލު މަގާމަށް ގެންދަން މި ޓީމުން ވަރަށް ބުރަ މަސައްކަތެއް އެބަ ކުރޭ. އެ އަމާޒަށް އަހަރެމެން މަސައްކަތް ކުރާނީ، އޭގެ ފުރަތަމަ ފިޔަވަޅަކަށް ވާނީ ކޮޕާ އެމެރިކާ ކާމިޔާބު ކުރުން،" ވިނީޝިއުސް ބުންޏެވެ.

"އަހަރެން އެއްގޮތަކަށް ވެސް ކުޅެނީ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއް ގޮތުގައެއް ނޫން، އަހަރެން ކުޅެނީ ޓީމަށް ކޮށްދޭ ކަމެއް ގޮތުގަ."

ގުރޫޕް ޑީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ކުއާޓާ ފައިނަލުން ޖާގަ ޔަގީން ކޮށްފައިވާ ކޮލަމްބިއާ އެވެ. ކޮލަމްބިއާ ވަނީ ރޭ 3-0 އިން ކޮސްޓަ ރިކާ ބަލިކޮށްފަ އެވެ.

ދެވަނައިގައި ބްރެޒިލް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ކޮސްޓަ ރިކާ އަށް ޕޮއިންޓެއް ލިބިފައި ވާއިރު، ކުޅުނު ދެ މެޗުން ވެސް ބަލިވި ޕެރަގުއޭ ވަނީ މުބާޜާތުން ކަޓައިފަ އެވެ.

ބްރެޒިލް ކުޅޭ ގުރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހުގެ ހެނދުނު 6 ޖަހާއިރު ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.