Roadha Mihaaru
ގޮއިފުޅަފެހެންދޫގެ ކަރަންޓު ގުޅައިލާނެ ބަޔަކު ހޯދަނީ

ގޮއިފުޅަފެހެންދޫގެ ކަރަންޓު އެއް ވިއުގާއަކުން ގުޅައިލަން އަނެއްކާ ވެސް ބަޔަކު ހޯދަނީ

05 ސެޕްޓެމްބަރ 2021

އެއް ފަޅެއްގެ ތެރޭގައި އޮންނަ ބ. ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގާއަކުން ގުޅައިލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއް ފަޅެއްގެ ތެރޭގައި އޮންނަ ބ. ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގާއަކުން ގުޅައިލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބަޔަކު ހޯދަން އަލުން ހުޅުވައިލީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މީގެ ހަ މަސް ކުރިން ކުރި އިއުލާނަށް ތަރުހީބެއް ނުލިބޭތީ ކަމަށެވެ.

އެ ތިން ރަށުގެ ކަރަންޓް އެއް ވިއުގާއަކުން ގުޅައިލަން ނިންމާފައި ވަނީ ގޮއިދޫގައި ސެންޓްރަލް ޕަވާ ހައުސް ނުވަތަ އިންޖީނުގެއެއް ބަހައްޓައިގެންނެވެ.

މި އިންޖީނުގެ އިމާރާތް ކުރުމާއި ތިން ރަށުގެ ކަރަންޓު ގުޅައިދޭން ޝައުގުވެރިވާ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހު 29 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެ އަދަދަށް ވާ ދިވެހި ފައިސާ ދައްކަން ޖެހޭނެ އެވެ.

ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއް ތެރޭ އޮންނަ މި ތިން ރަށުން މިހާރު ވެސް އެކި ކަންކަމުގައި އެއް ރަށް އަނެއް ރަށަށް ބާރޯސާވެ އެވެ. ގޮއިފުޅަފެހެންދޫގެ ތިން ރަށުގެ ތެރެއިން ބޮޑު ރަށަކީ ގޮއިދު އެވެ. އެ ރަށާ ޖެހިގެން އޮންނަ ފެހެންދޫގައި ތިބި މަދު ދަރިވަރުންތައް މިހާރު ވެސް ކަނޑު ހުރަސް ކޮށްފައި ދަނީ ގޮއިދޫ ސްކޫލަށެވެ.

މި ތިން ރަށަށް ވެސް ސަރުކާރުން އަންނަނީ އެކި މަޝްރޫއުތައް ހިންގަމުންނެވެ. ފެހެންދޫގެ އިތުރުން ފުޅަދޫގައި ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ހޯދަމުން އަންނައިރު، ފެހެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ނިމުމަކާ ވަނީ ކައިރިވެފަ އެވެ.

ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ކަނޑު ހުރަސްކޮށް ކުރަން ޖެހޭ ދަތުރު ނިމުމަކަށް ގެނައުމަށްޓަކައި، އެ ރަށުގައި ސެޓްލައިޓް ސްކޫލެއް އަންނަ މަހު ހުޅަވަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.