Roadha Mihaaru
ދެ ރަށެއްގައި އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލު ކޮށްފި

ދެ ރަށެއްގެ އިންޖީނުގެ އެޅުމަށް 40 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފި

21 ޖޫން 2017

ހއ. މާރަންދޫ އާއި ބ. ފެހެންދޫ އިންޖީނުގެ އިމާރާތް ކުރުމަށް 40 މިލިއަން ރުފިޔާ އަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ހއ. މާރަންދޫ އާއި ބ. ފެހެންދޫ އިންޖީނުގެ އިމާރާތް ކުރުމަށް 40 މިލިއަން ރުފިޔާ އަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކަ އޮފީހުގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ހއ. މާރަންދޫ އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލަތީފް ކޮންސްޓަރަކްޝަނާ އެވެ. އެއީ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަންޖެހެ އެވެ.

މާރަންދޫ އިންޖީނުގެ ހުންނަ ސަރަހައްދުގައި އާއްމުން ދިރިއުޅުމުގެ އިތުރުން އެ އިންޖީނުގެއާ ޖެހިގެން ޕްރީ ސްކޫލެއް ވެސް ހުންނަ ކަމަށް ފެނަކަ އިން ބުންޏެވެ. މި ކަމުގެ ސަބަބުން އިންޖީނުގެ އިން އަރާ ދުމާއި އަޑުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް ލިބޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި ބ. ފެހެންދޫ އިންޖީނުގެ އެޅުމުގެ މަސައްކަތުގެ އެއްބަސްވުން ހަވާލުކުރީ ތްރީ ބްރަދާސް ޕްރައިވެޓް ލިމިޓެޑާ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި، މި މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު

"ފެނަކަ އިން ހިންގާ އިންޖީނުގެތަކުގެ ތެރެއިން ވަގުތުން ވަގުުތަށް އިންޖީނުގެތައް ބަދަލުކޮށް، ރައްޔިތުންނަށް މިހާރު އިންޖީނުގެ ހުރި ތަނުގެ ސަބަބުން އުނދަގޫ ވާތީ އަދި ހުރި ހާލަތުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަކަށް ބަލާފަ މި އިންޖީނުގެތައް އަޅުގަނޑުމެން ރީލޮކޭޓް ކުރަމުން މި ގެންދަނީ" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވި އެވެ.

"ބ. އަތޮޅު ފެހެންދޫ އިންޖީނުގެ އަކީ ވަރަށް ހާލުގަ އަދި ރާއްޖޭގެ އިންޖީނުގެތަކަށް ބަލާއިރު އެންމެ ހާލުގަ އަދި އަވަހަށް ބަދަލެއް ގެންނަށް ޖެހިފަ ހުރި އިންޖީނުގެއޭ ދެންނެވިއަސްް ދޮގަކަށް ނުވާނެ" ޝަރީފު ވިދާޅުވި އެވެ.

ފެނަކަ އިން ހިންގާ 148 އިންޖީނުގޭގެ ތެރެއިން 49 އިންޖީނުގެ އަކީ އެކި ސަބަބުތަކާ ހުރެ އަލުން އިމާރާތް ކުރަން ޖެހިފައިވާ އިންޖީނުގެ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2018ގެ މެދެއްހާ ހިސާބަށް ދާއިރު ފަނަކައިގަ މިފަދަ ހާލަތެއްގަ ހުރި އިންޖީނުގެ، އިރާދަ ކުރެއްވިއްޔާ މި 49 އިންޖީނުގެ، 2018ގެ މެދެއްހާ ހިސާބުގަ އަޅުގަނޑުމެން ރީލޮކޭޓްކޮށް ނިންމާލެވޭތޯ މި މަސައްކަތް ކުރަނީ" ޝަރީފު ވިދާޅުވި އެވެ.

އަދި މި މަސައްކަތް ނިމުމުން މިހާރު އެ ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ފެނަކަ އިން ބުންޏެވެ.

އަދި ޝަރީފު ވިދާޅުވި ގޮތުގައި އަންނަ މަހު ވެސް އިތުރު ހަ އިންޖީނުގެއެއްގެ މަސައްކަތް ބިޑް އުސޫލުން އެހެން ކުންފުނިތަކަކާ ހަވާލުކުރާނެ އެވެ.