Roadha Mihaaru
ފްލެޓްތައް ފެށިތަނާ ބާޒާރުން މުދާ ހުސްވެއްޖެ

ފްލެޓްތަކުގެ ފިނިޝިން ފެށިތަނާ ބާޒާރުން މުދާ ހުސްވެއްޖެ

09 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކާ އެކު ފިނިޝިން މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ޑިމާންޑް ކުއްލިއަކަށް އުފުލި، ބައެއް މުހިންމު ތަކެތި ބާޒާރުން ހުސްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހިޔާ ފްލެޓްތަކާ އެކު ފިނިޝިން މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ޑިމާންޑް ކުއްލިއަކަށް އުފުލި، ބައެއް މުހިންމު ތަކެތި ބާޒާރުން ހުސްވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސަައްކަތްތައް ގިނަ ބަޔަކު މިހާރު ވަނީ ކުރަން ފަށައިފަ އެވެ. އަދި ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި، ބާޒާރުން ވަރަށް ގިނަ ބާވަތްތަކުގެ ސާމާނު މުޅިން ހުސްވެ، ލިބެން ހުރި ތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ. ހާއްސަކޮށް ފްލެޓްތައް ނިންމުމަށް ބޭނުންވާ އަގުހެޔޮ ރޭންޖްތަކުގެ މުދާ މުޅި ބާޒާރުގައި ވެސް ގާތްގަނޑަކަށް ނެތެވެ.

މާލޭގައި ހާޑްވެއާގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެއް ފިހާރަ، ސޮނީ ހާޑްވެއާގެ ފިހާރަތަކުން މިހާރު ވަނީ ދޮރު ހުސް ވެފަ އެވެ. އަދި ތަށިމުށި ވެސް ވަނީ ހުސްވުމަކާ ގާތްވެފަ އެވެ. ސޮނީ ހާޑްވެއާ ފިހާރައިގެ މެނޭޖަރު، މުހައްމަދު ހަމްދޫން ވިދާޅުވީ، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ހާޑްވެއާ ސާމާނަށް އޮތް ޑިމާންޑް ދެ ގުނަ އުފުލުނު ކަމަށެވެ.

ހިޔާ ފްލެޓަށް ޕިކަޕަކުން އެއްޗެހިތަކެއް ބާލަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާ ފްލެޓަށް ޕިކަޕަކުން އެއްޗެހިތަކެއް ބާލަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޓައިލްސް މިހާރު ގާތްގަނޑަކަށް ހުސްވެފައި. ދެން ސިންކާއި ފަންކާ އާއި ލައިޓްސް އަށް ވަރަށް ޑިމާންޑް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ، ތަކެތި ހުސްި ތަކެތި ގެނައުމުގައި މި ދުވަސްވަރު ޑިލޭތަކެއް އުޅުނު ނަމަވެސް މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ތަކެތި ލިބޭތޯ ކަމަށެވެ.

ހާޑްވެއާ ވިއްކާ އޭސް ހާޑްވެއާގައި އެންމެ ބޮޑު ޑިމާންޑެއް އުފުލުނީ ކުލަ އާއިި ޕަވާޓޫލްސް އަށެވެ. މިދިޔަ ދެތިން ހަފްތާއެއްގެ ތެރޭގައި ކުލައަށް ވަރަށް ބޮޑަށް ޑިމާންޑެއް އުފެދުނެވެ.

ދޮރު މިހާރު ހުރީ ހުސްވެފައި. ޓައިލްސް އާއި ލައިޓާއި ފަންކާ ފަދަ ތަކެތީގެ ވެސް ޝޯޓޭޖެއް އެބަ އުޅޭ

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރަން ގިނަ ބަޔަކު ފެށި އިރު ބައެއް ތަކެތި ހޯދަން ވެސް ވަރަށް އުނދަގޫ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ހިޔާ ފްލެޓް ލިބުނު މީހަކު ބުނީ، ބޭނުންވާ ސާމާނު ބާޒާރުން މިހާރު އެއްގޮތަކަށް ވެސް ނުލިބޭ ކަމަށެވެ. ތަށިމުށި ލިބުނު ނަމަވެސް އެ ޖަހަން ބޭނުންވާ ސާމާނު ހޯދުމަކީ ވަރަށް ދަތި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ހާޑްވެއާ ސާމާނު ވިއްކާ އާސްކް ހޯލްޑިންގެ މެނޭޖިން ޑިރެކްޓަރު ޒައިން ހަސަން ވިދާޅުވީ، 7،000 ފްލެޓަށް ބޭނުންވާ ސާމާނު އެއްފަހަރާ ގަންނަން އައުމުން ހާޑްވެއާ ސާމާނު ވިއްކާ ހުރިހާ ފިހާރައަކުން ހެން ވެސް ސްޓޮކް ހުސްވެފައިވާ ކަމަށެވެ.

"ދޮރު މިހާރު ހުރީ ހުސްވެފައި. ޓައިލްސް އާއި ލައިޓާއި ފަންކާ ފަދަ ތަކެތީގެ ވެސް ޝޯޓޭޖެއް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ޒައިން ވިދާޅުވީ، މުދާ ކޮންޓެއިނަރުތައް ގެނައުމުގައި އުޅޭ ޑިލޭތަކާ އެކު އާ ސްޓޮކް ގެނައުން ލަސްވަމުން ދާތީ މި ވަގުތު ތަކެތި ވިއްކަނީ ވަރަށް ލިމިޓްކޮށްގެން ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިއާލައި އޯޑަރު ކުރާ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓެއްގައި ޓައިލްސް ޖަހަނީ: ޓައިލްސްގެ ވަރަށް ގިނަ ވައްތަރު ހުސްވެއްޖެ -- ފައިލް ފޮޓޯ: މިހާރު

ފްލެޓެއްގައި ޓައިލްސް ޖަހަނީ: ޓައިލްސްގެ ވަރަށް ގިނަ ވައްތަރު ހުސްވެއްޖެ -- ފައިލް ފޮޓޯ: މިހާރު

ޒައިން ވިދާޅުވި ގޮތުގައި ކުއްލިއަކަށް ބާޒާރުން ތަކެތި ހުސްވީ "ޕެނިކް ބަޔާސް" ގިނަވެގެންނެވެ. އެންމެން އެއްފަހަރާ ތަކެތި ގަންނަން ފެށުމުން މާލޭގެ ހާޑްވެއާ ފިހާރަތަކަށް ނުތަކާވަރަށް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.

ރެއިންބޯ ފިހާރައިގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް މުހައްމަދު ޖުމައިލް އަބްދުﷲ ވިދާޅުވީ، ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ފިނިޝިން ސާމާނު އެއްކޮށްހެން އެ ފިހާރައިން ހުސްވެފައިވާ ކަމަށެވެ.

"ޓައިލްސް އާއި ޕުޓީ އާއި ގްރައުޓް ވެސް މިވަނީ ހުސްވެފައި. މުޅި ބާޒާރުން ވަރަށް ގިނަ ތަކެތި ހުރީ ހުސްވެފައި،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި ރެއިންބޯ އިން ވަގުތުން ތަކެތި ނުލިބުނަސް، ފްރީ-އޯޑާ ކުރުމުން ފަސޭހައިން ތަކެތި ލިބޭނެ ގޮތް އަންނަނީ ހަމަޖައްސައިދެމުންނެވެ.

މުދަލުގެ އަގު ވެސް އުފުލިއްޖެ

ފިނިޝިން އަށް ބޭނުންވާ ބައެއް ސާމާނު ހުސްވެފައި ހުއްޓަސް، އޭގެ ތެރޭގައި ހިމެނެނީ އަގުގެ ގޮތުން ބަލާއިރު ވަކި ރޭންޖެކެވެ. އެއީ އެންމެ އަގުހެޔޮ ރޭންޖުން ފެށިގެން މެދުމިނާ ހަމައަށެވެ. އޭގެ ތެރެއިން ވެސް ބައެއް ބާވަތްތައް މަދުމަދުން ލިބެން ހުއްޓަސް، އަގުތައް ވެސް ވަނީ ބޮޑުވެފަ އެވެ.

"ވަރަށް ގިނަ ފިހާރަތަކަށް ހިނގަން ޖެހޭ ދޮރެއް ނޫނީ ބޭނުންވާ ޓައިލްސް ހޯދަން. އަނެއްކޮޅުން ޓައިލްސް ޖަހަން ބޭނުންވާ ސާމާނު ވެސް މިހާރު ހޯދަން ވަރަށް އުނދަގޫ. ކުރިއާ ހިލާފަށް އަގު ވެސް ބޮޑު،" ހިޔާ ފްލެޓެއް ލިބުނު މީހަކު ބުންޏެވެ.

ކަބަޑު ޖަހަން ބޭނުންވާ ފިލައެއް ކުރިން 580ރ. އަށް ލިބުނު އިރު މި ވަގުތު ފިލައެއްގެ އަގު 880ރ. އަށް ވަނީ އަރާފައި. އަދި 65ރ. އަށް ލިބުނު ދެ ފޫޓު، ދެ ފޫޓްގެ ތަށިމުށި ގަނޑެއް މި ވަގުތު ލިބެނީ 100ރ. އަށް

ފްލެޓް ލިބުނު އެހެން މީހަކު ބުނީ ކަބަޑު ޖަހަން ބޭނުންވާ ފިލައެއް ކުރިން 580ރ. އަށް ލިބުނު އިރު މި ވަގުތު ފިލައެއްގެ އަގު 880ރ. އަށް އަރާފައިވާ ކަމަށެވެ. އަދި 65ރ. އަށް ލިބުނު ދެ ފޫޓު، ދެ ފޫޓްގެ ތަށިމުށި ގަނޑެއް މި ވަގުތު ލިބެނީ 100ރ. އަށް ކަމަށް އޭނާ ބުންޏެވެ.

ފްލެޓެއްގައި މީހަކު ޮރެއް ހަރުކުރަނީ: ބާޒާރުގައި އެކި ސައިޒްގެ ދޮރު ވަނީ ހުސްވުމަކާ ގާތްވެފައި -- ފައިލް ފޮޓޯ: މިހާރު

ފްލެޓެއްގައި މީހަކު ޮރެއް ހަރުކުރަނީ: ބާޒާރުގައި އެކި ސައިޒްގެ ދޮރު ވަނީ ހުސްވުމަކާ ގާތްވެފައި -- ފައިލް ފޮޓޯ: މިހާރު

"ތަކެތި ވަރަށް ހާލުން ލިބޭ. އެކަމަކު އެ ލިބެން ހުންނަ ވަރަކަށް ގަނެވޭ ވަރަށް ލާރި ހުންނަން ޖެހޭ. ވަރަށް ބޮޑަށް އަގުތައް އުފުލިފަ މިވަނީ،" އޭނާ ބުންޏެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ދޫކުރަން ފެށީ މިދިޔަ ޖުލައި 14 އިން ފެށިގެންނެވެ. ހިޔާ ފްލެޓްތަކަށް ބައެއް ފަރާތްތަކުން މިހާރު ވަނީ ދިރިއުޅުން ވެސް ބަދަލުކޮށްފަ އެވެ. އަދި ގިނަ ފްލެޓްތަކެއްގެ ފިނިޝިން މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.