Roadha Mihaaru
ހިޔާގެ ކުލި މައްސަލާގައި އެޗްޑީސީގެ ވަރުގަދަ އިންޒާރެއް

ހިޔާގެ ކުލީގެ މައްސަލައިގައި އެޗްޑީސީގެ ވަރުގަދަ އިންޒާރެއް!

11 އެޕްރީލް 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމަށް ގޮވާލުމަކީ ކުށެއް ކަމަށާއި އެ މައްސަލަ ބަލައިދޭން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާ އެކު ކުލި ނުދައްކައިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިރޭ ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމަށް ގޮވާލުމަކީ ކުށެއް ކަމަށާއި އެ މައްސަލަ ބަލައިދޭން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާ އެކު ކުލި ނުދައްކައިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިރޭ ދީފި އެވެ.

ހިޔާ ފްލެޓްތައް ދޫކުރިތާ ހަތް މަސް ފަހުން މި މަހު ކުލި ނަގަން ފެށުން މައްސަލައެއްގެ ގޮތުގައި އަޑު އުފުލައި ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ. މި މައްސަލައިގެ ތެރެއަށް ސިޔާސީ ފަރާތްތަކުން ވެސް ވަދެ، ހޫނުކޮށްފައިވާ އިރު އެޗްޑީސީން ބުނަނީ ބޮޑު ލޯނަކުން ހަދާފައިވާ އިމާރާތްތަކަކަށް ވާތީ އިތުރަށް ކުލި ފަސްކޮށްދެވެން ނެތް ކަމަށެވެ.

ދެ ކޮޓަރީގެ ހިޔާ ފްލެޓަށް މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެއިންޓެނަންސް ފީ އާ އެކު 8،500ރ. އެވެ. މިއީ ބޮޑު އަދަދެއް ކަމަށާއި ނުދެއްކޭނެ ކަމަށް ފްލެޓް ލިބުނު މީހުންގެ ފަރާތުން ހިޔާ ޔޫނިއަނުން ބުނެ އެވެ.

ހިޔާ މަޝްރޫއުގައި 7،000 ފްލެޓް ދޫކޮށްފައި ވަނީ އެކި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި މާލޭ ރަށްވެހިންނާއި ދަފްތަރުގައި ހިމެނޭ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.

ކުރީ ސަރުކާރުން ނެގި އިންޓްރެސްޓް ބޮޑު ލޯނަކުން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާރު ކަނޑައަޅާފައިވާ ކުއްޔަށް ވުރެން ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފައިވިޔަސް ހިޔާ ޔޫނިއަނުން އަންނަނީ އަގު ކުޑަކޮށްދޭން ތަކުރާރުކޮށް އެދެމުންނެވެ. އެންމެ ފަހުން އާއިލާތަކަށް އެންގީ ކުލި ނުދެއްކުމަށެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ގާނޫނީ ގޮތުން އެއްބަސްވުމެއް ހަދައި ފްލެޓް ދޫކޮށްފައިވާ އިރު އެއަށް އަމަލުނުކުރަން ބާރު އަޅައި ހިންގާ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އެއީ ކުށެއް ކަން ވެސް އޮތީ ބަޔާނުގައި ހަނދާންކޮށްދީފަ އެވެ.

އެ ކުންފުނިން ބުނީ މެއިންޓެނަންސް ފީ ނެގޭނީ އެގްރީމަންޓްގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށް ބުނަމުން އަންނައިރު އެ މާއްދާގެ (ށ) ގައި ވާގޮތުން އެ މެނޭޖްމަންޓް ކޯޕަރޭޝަން އުފެދި އިމާރާތް ބެލެހެއްޓުމާއި މެނޭޖްކުރުމުގެ ޒިންމާ ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ކަމާ ބެހޭ އިދާރާއަކުން ކަނޑއަޅާ އުސޫލެއްގެ ދަށުން އެހެން ފަރާތަކަށް ނަގުލުކުުރުމާއި ހަމައަށް އިމާރާތް އިންޝުއަރެންސް ކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް ފްލެޓް ވިއްކި ފަރާތާއި ގަންނަ ފަރާތާ މެދު އެއްބަސްވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 20ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ "އެއްމެދު އިމާރާތުގެ ގާނޫނު" ތަސްދީގުކުރައްވާފައިވާ ކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބެހޭ ގޮތުން އަމަލުކުރަންޖެހޭ ގޮތްތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، ހިޔާގެ 16 ޓަވަރު ބެލެހެއްޓުމާއި މެނޭޖްކުރުމަށް މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ކަމާ ބެހޭ ފަރާތްތަކާ އެކު އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ޓަވަރުތަކެއް: ގިނަ ފްލެޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ޓަވަރުތަކެއް: ގިނަ ފްލެޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޗްޑީސީން ބުނި ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުލި އެ ކުންފުންޏަށް ނުނެގޭނެ އެއްވެސް ސަބަބެއް ނެތެވެ. އެހެންކަމުން އެއްބަސްވުމާ ހިލާފަށް އަމަލުކުރަން ގޮވާލުމަކީ ބޮޑު ކުށަކަށް ވާތީ އެކަން ބަލައިދޭން ހުށަހަޅާނެ ކަމަށް ބުންޏެވެ.

"ގާނޫނީގޮތުން ހެދިފައިވާ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ކަންކަމާ ހިލާފުވުމަށް ގޮވާލާ މިކަމަށް ހިތްވަރުދީ ބާރު އެޅުމަކީ ބޮޑު ކުށެއްކަމުގައި ފާހަގަކޮށް، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު، މި މައްސަލަ ބަލައި ދިނުމަށާއި މިކަމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ." އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ހިޔާ ޔޫނިއަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ވަނީ މެއިޓަނެންސް ފީ ހިމެނޭ ގޮތަށް ކުލި ނަގަން އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބުނެ މިހާރުން މިހާރަަށް ކުލި ނެގުން ހުއްޓާލަން ގޮވާލައިފަ އެވެ. ފްލެޓް ކުލި ކުޑަކޮށްދޭން އެދި ފްލެޓް ލިބުނު މީހުން މުޒާހަރާ ކުރުމުން ސަރުކާރުން އޭރު ވަނީ ތިން ފަހަރެއްގެ މަތިން ފްލެޓް ކުލި ފަސްކޮށްދީފަ އެވެ. އެ ތަންތަނުގެ ކުލި ކުޑަކޮށްދޭން ކުރިން ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ މިހާރުގެ އަގަށް ވުރެ އިތުރަށް ކުޑަކުރެވެން ނެތް ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ލޯނު މައްސަަލައިގައި އޮޑިޓަ ޖެނެރަލްގެ އޮފީސް ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރުމުން އެ އޮފީހުން ބުނެފައި ވަނީ ހިޔާ މަޝްރޫއު ރަނގަޅަށް މެނޭޖްނުކޮށްފި ނަމަ އެޗްޑީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަަމަށެވެ.

އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި ނެގި 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) ގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށާއި މި މަޝްރޫއުގެ ލޯނު ރަނގަޅަށް މެނޭޖް ނުކުރެއްވިއްޖެ ނަމަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"ފްލެޓް ގަތް މީހުން ވެސް ކަނޑައެޅިފައި އޮތް ގޮތަށް ފައިސާ ދައްކަން ޖެހޭ. ނޫނިއްޔާ އެޗްޑީސީއަށް މާލީ ގެއްލުން ކުރިމަތިވާނެކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރެވެނީ. އަޅުގަނޑުމެން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ރަނގަޅަށް ލޯނުތައް މެނޭޖް ނުކުރެވުމުގެ މައްސަލަ،" އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވި އެވެ.