Roadha Mihaaru
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ

އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ

08 ސެޕްޓެމްބަރ 2021

ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ ތިން މަހާ އަޅާބަލާއިރު، މިހާރު އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން އެނގޭ ކަމަށެވެ. އެހެންވެ، މި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވާން އިލްތިމާސްކުރި އެވެ.

ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާ ކަމަށް ބައެއް ހޮސްޕިޓަލުތަކުން ވެސް ވަނީ މި ހަފުތާގައި ބުނެފަ އެވެ.

އަރިދަފުސް ރޯގާގެ އާންމު އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހަލާކުވުން ނުވަތަ ފާރުވުމާއި ނޭފަތް ބެދުމާއި ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުމާއި ކިނބިހިއެޅުމާއި އަދި ކެއްސުން ހިމެނެ އެވެ. މީގެ އިތުރުން ލޯރަތްވުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިހުމާއި ކާހިތްނުވުމާއި ނުތަނަވަސްވުން ފަދަ ކަންތައްތަކަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ.

ވައިރަލް ހުން ޖެހުމުން ހުން އައުމާއި ގައިގައި ރިއްސުމާއި ގައިގެ މަސްތަކުގައި ރިއްސުމާއި ވަރުބަލިވުމާއި ނޭފަތުން ފެން އައުމާއި ނޭފަތް ބެދުމާއި ބޮލުގައި ރިއްސުމާއި ލޯ ރަތްވުމާއި ހުޅުތަކުގައި ރިއްސުމާއި އަދި ބައެއް ފަހަރު ގައިން ބިހިނެގުން ފަދަ ކަންތައްތައް ދިމާވެ އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ ޖޫން މަހު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ދެ އަހަރު ވެސް އޭޕްރީލް-ޖޫންއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފަ އެވެ. ޖޫން މަހު އަރިދަފުސް ރޯގާގެ 5،168 ކޭސް ރިޕޯޓްކޮށްފައިވާއިރު، ވައިރަލް ހުމުގެ ރިޕޯޓްކޮށްފައި ވަނީ 1،956 ކޭސްއެކެވެ.