Roadha Mihaaru
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް

އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ތިން ގުނަ މައްޗަށް، މިދިޔަ މަހު 11،000 މީހުން ޑޮކްޓަރަށް ދެއްކި

27 ސެޕްޓެމްބަރ 2021

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ވަރަށް ބޮޑަށް ފެތުރެމުން ދާތީ މިދިޔަ މަހު އެޗްޕީއޭ އިން ވަނީ ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

އެ އިދާރާ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަރިދަފުސް ރޯގާގެ 11،348 ކޭސް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އެއީ މިދިޔަ ޖުލައި މަހާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. ޖުލައި މަހު އެ ބަލީގައި ޑޮކްޓަރަށް ދައްކާފައި ވަނީ 3،838 މީހުންނެވެ.

ވޭތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ.

ރޯގާ ޖެހިއްޖެ ނަމަ، ކެއްސައި ކިނބިހި އަޅާއިރު ނޭފަތް ނިވާކުރުމާއި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމާއި އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އެދެ އެވެ.

ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވާތީ އައިޖީއެމްއެޗުން ވަނީ ހުން އައުމާއި ރޯގާ އަދި ކެއްސުންް ފަދަ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކެއް މިިދިޔަ ހޮނިހިރު ދުވަހު ހުޅުވައިފަ އެވެ. ފްލޫ ކްލިނިކް ހެދީ އެފްއޭއެމްގެ ކުރީގެ އިމާރާތުގަ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް އެތަނުން ހިދުމަތް ދޭނެ އެވެ.

އާންމު އެހެން ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުން މަދު

އަރިދަފުސް ރޯގާގެ އިތުރު ޑެންގީ އާއި ބޭރަށް ހިންގުމުގެ ބަލީގެ ފަހުގެ ތަފާސްހިސާބުތައް ވެސް އެޗްޕީއޭ އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް މަދެވެ. އަދި މިދިޔަ ޖުލައި މަހަށް ވުރެ މިދިޔަ މަހު ވެސް މަދެވެ. ޖުލައި މަހު 20 މީހަކު އެ ބަލީގައި ޑޮކްޓަރަށް ދައްކާފައިވާއިރު، މިދިޔަ މަހު ދެއްކީ 9 މީހެކެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1،358 ކޭސް މިދިޔަ އޮގަސްޓް މަހު ރިޕޯޓްކޮށްފައިވާއިރު، ޖުލައި މަހުގެ އަދަދަކީ 1،208 އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އާންމުކޮށް ދުވާލަކު 100-200 މީހުނަށް އެ ބަލި ޖެހެ އެވެ. މިހާރު ކޭސްތައް އެންމެ ގިނައީ ރަށްރަށުގަ އެވެ.